ސިޓީ އަތުވާކަށް ނެތް، 13 ޕޮއިންޓުގެ ލީޑެއް ނަގައިފި

Advertisement

ސިޓީ އަތުވާކަށް ނެތް، 13 ޕޮއިންޓުގެ ލީޑެއް ނަގައިފި

ޢަލީ ޝަހީމް

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު 2-1 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް މެންޗެސްޓަރ ސިޓީ އިން ލީގުގެ އެއް ވަނައިގައި 13 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

މޮޅާ އެކު ސިޓީ އިން ވަނީ 26 މެޗުން 62 ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓެޑާއި ތިން ވަނައިގައި އޮތް ލެސްޓާ ސިޓީ އަށް ލިބިފައިވަނީ 49 ޕޮއިންޓެވެ. ލީގުގައި ޔުނައިޓެޑުން މާދަމާ ރޭ ޗެލްސީއާ ދެކޮޅަށް ނުކުންނައިރު މި ހަފްތާ ލެސްޓާ ކުޅޭނީ އާސެނަލްއާ އެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުގެ ފުރަތަމަ ގޯލު ކެވިން ޑި ބްރޭނާ ނަގައިދިން ހުރަހަކުން ބޮލުން ކާމިޔާބުކޮށްދިނީ ރުބެން ޑިއާސް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެސްޓް ހޭމަށް އެއްވަރުކޮށްދިން ލަނޑި ޖެސީ ލިންގާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖެހީ މިކޭލް އެންޓޯނިއޯ އެވެ. ވެސްޓް ހޭމްގެ ގޯލަކީ މިދިޔަ އަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހުގެ ފަހުން އަމިއްލަ ދަނޑުގައި ސިޓީ ކޮޅަށް ވަން ފުރަތަމަ ލަނޑެވެ. ދެ ވަނަ ހާފުގައި ސިޓީ އަށް ލީޑު ނަގައިދިނީ ޖޯން ސްޓޯންސް އެވެ. މިއީ ޕްރިމިއާ ލީގުގައި މި ސީޒަނުގައި ސްޓޯންސް ޖެހި ތިން ވަނަ ލަނޑެވެ.

މި ސީޒަނުގެ ކުރީކޮޅު ފޯމު ދަށްވި ނަމަވެސް ސިޓީން މިހާރު އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. މިއަދުގެ މޮޅަކީ ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން އެޓީމު މޮޅުވި 20 ވަނަ މެޗެވެ. އަނެއްކޮޅުން މިއީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ޓޮޕްފްލައިޓް ކޯޗިން ކެރިއަރުގައި ހޯދި 500 ވަނަ މޮޅެވެ. ސިޓީގެ އިތުރުން ގާޑިއޯލާ މޮޅުތައް ހޯދީ ބަޔާން މިއުނިކާއި ބާސެލޯނާގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *