އަހަރެންނަށް އެންމެ ވަރުގަދަ ލަނޑެއް ދިނީ ޔުނައިޓެޑުން: ޓުޗެލް
2018 ވަނަ އަހަރުގެ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ޕީއެސްޖީގެ ކޯޗަކަށް ހުއްޓައި މެންޗެސްޓަރ ޔުނައިޓެޑާ ވާދަކޮށް އަމިއްލަ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗުން ހިތްދަތި ގޮތަކަށް ބަލިވި ބަލިވުމަކީ މިހާތަނަށް ކެރިއަރުގައި ކުރިމަތިވި އެންމެ ހަނދާނުން ފުހެލަން ދަތި ބަލިކަމަށް ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.
2019 ވަނަ އަހަރުގެ މާޗް މަހު ކުޅުނު އެ މެޗަށް ޕީއެސްޖީގެ ދަނޑަށް ޔުނައިޓެޑްގެ މިހާރުގެ ކޯޗު އޮލެ ގުނަ ސޯލްޝެއަރ ގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ނުކުތް އިރު އެ ޓީމް އޮތީ އަމިއްލަ ދަނޑުގައި ޕީއެސްޖީ އަތުން 0-2 އިން ބަލިވެފައި އޮތުމާއެކު މުބާރާތުން ކެޓުމުގެ ބިރު ވަރަށް ބޮޑުވެފަ އެވެ. އެކަމަކު ދެވަނަ ލެގުގައި މެޗުގެ އެންމެ ފަހު ވަގުތު ޔުނައިޓެޑުން ނަތީޖާ އަނބުރާލައި ޕީއެސްޖީ މުބާރާތުން ކަޓުވާލި އެވެ. ޕީއެސްޖީގެ އޭރުގެ ކޯޗު ޓުޗެލް ބުނި ގޮތުގައި އެ މެޗަށް ފަހު އޭނާ ދެ ދުވަސް ވަންދެން ހުރީ “އަނދިރި ތަނެއްގައި” ފިލަ އެވެ.
މާދަމާ ރެއަކީ އަނެއްކާވެސް ސޯލްޝެއަރ އާއި ޓުޗެލްގެ ކުރިމަތިލުމެއް ފެންނާނެ ރެ އެކެވެ. އިނގިރޭސި ޕްރިމިއަރ ލީގުގައި މާދަމާ ރޭ ޔުނައިޓެޑާ ދެކޮޅަށް ޗެލްސީ ނުކުންނަ އިރު އެ ޓީމުގެ ކޯޗުކަމުގެ މަގާމާ 47 އަހަރުގެ ޓުޗެލް ހަވާލުވި ފަހުން އަދި އެއްވެސް މެޗަކުން ޗެލްސީ ބަލިވެފަ އެއް ނެތެވެ.
“އަހަރެން ވަރަށް ތެދަށް މި ބުނަނީ އެ މެޗަށް ފަހު އަހަރެން ހުރިން ދެ ދުވަސް ވަންދެން ވަރަށް އަނދިރި ތަނެއްގަ ފިލާ. އަހަރެން ހުރީ އެއްވެސް މީހަކާ ވާހަކަ ނުދައްކައި އަދި އެއްވެސް ކަމެއް ކުރަން ބޭނުން ނުވެފަ.” މާދަމާ ރޭ އޮންނަ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓުޗެލް ބުންޏެވެ.
“އެއީ އަހަރެންގެ ކެރިއަރުގަ ކުރިމަތިވި އެންމެ ހިތްދަތި ނާކާމިޔާބީ ކަމުގަ ފަހަރެއްގަ ވެދާނެ. އެއީ އެކަން ކުރިމަތިވީ ވަރަށް ހީވެސް ނުކުރާ ކަހަލަ ގޮތަކަށް. އެކަމަކު މާދަމާ ރޭގެ މެޗާ އެ މެޗާ އެއްވެސް ގޮތަކަށް އަޅައެއް ނުކިޔޭނެ. އަހަރެމެން އެންމެންނަށް ވެސް އެނގޭ ބަލިވީމަ އެކަން ހަޖަމް ކުރަން އެހާ ފަސޭހަ އެއް ނޫންކަން. އަހަރެން ބޭނުން އެކަން ބަދަލުކޮށްލަން. ވާދަވެރިކަން އޮތުމަކީ އަހަރެން ވަރަށް ގަޔާވާ ކަމެއް. މެޗު ކާމިޔާބުކުރުމަކީ އަހަރެން އަދި އެއަށްވުރެ ގަޔާވާ ކަމެއް. އަދި މޮޅުވުމަށްޓަކައި ވަރުގަދަ ފައިޓެއް ދިނުމަކީ ހަމަ އެހާ ކުރާ ހިތްވާ ކަމެއް. އުއްމީދަކީ އާދިއްތަ ދުވަހު ވެސް އެގޮތަށް އެކަން ކުރުން.” މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޕީއެސްޖީ ގެންގޮސްދިން ކޯޗު ބުންޏެވެ.
- މެންޗެސްޓަރ ޔުނައިޓެޑާއި، ޗެލްސީ މާދަމާ ރޭ ރާއްޖޭގެ ގަޑިން 9:30 ގައި ބައްދަލުކުރާ އިރު ޔުނައިޓެޑް އޮތީ 49 ޕޮއިންޓާއެކު ޓޭބަލްގެ ދެވަނައިގަ އެވެ. ޗެލްސީ ޓޭބަލްގެ ފަސް ވަނައިގައި އޮތް އިރު އެ ޓީމާއި ޗެލްސީ އާ ދެމެދު އޮތީ އެންމެ ހަ ޕޮއިންޓްގެ ތަފާތެވެ.
Advertisement
Leave a Reply