މެންޗެސްޓަރ ޔުނައިޓެޑާއި، އާސެނަލް ޔޫރޮޕާ ލީގުގެ ގަދަ 16 އަށް
ޔޫރޮޕާ ލީގުގެ އަނެއް ބުރަށް މެންޗެސްޓަރ ޔުނައިޓެޑާއި އާސެނަލް ދަތުރުކޮށްފި އެވެ. އަމިއްލަ ދަނޑުގައި ސްޕެއިންގެ ރެއާލް ސޮސިއެޑާޑް އާ ވާދަކޮށް ކުޅުނު މެޗު އެއްވަރުކޮށް ގަދަ 16 ޓީމުގެ މެދުގައި ކުޅޭ ބުރަށް މެންޗެސްޓަރ ޔުނައިޓެޑް ދަތުރުކުރި އިރު އާސެނަލް އެ ބުރުން ޖާގަ ހޯދީ ބެންފީކާ އާ ވާދަކޮށް ގްރީސްގައި ކުޅުނު މެޗު 2-3 އިން ކާމިޔާބުކޮށްގެންނެވެ.
ރޭ ޔުނައިޓެޑުން ކުޅުނު މެޗު އެއްވަރުވި ނަމަވެސް އެ ޓީމަށް މުބާރާތުގައި ކުރިއަށް ދިއުމަށް ފުރުސަތު ލިބުނީ މިދިޔަ ހަފްތާގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 0-4 އިން ކާމިޔާބުކޮށްފައި އޮތުމުންނެވެ. ސޮސިއެޑާޑާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި ޔުނައިޓެޑަށް ގޯލެއް ކާމިޔާބުކުރަން އެންމެ ރަގަޅު ފުރުސަތެއް ލިބުނީ ބްރޫނޯ ފެނާންޑެސް އަށެވެ. ބްރެޒިލްގެ މިޑްފީލްޑަރ ފްރެޑް ދިން ބޯޅަ ޕޯޗްގަލްގެ ފެނާންޑެސް އުންޑައެއް ހެން ފޮނުވާލުމުން ގޮސް މަތަވީ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފަ އެވެ. ރޭގެ މެޗުގައި ސޮސިއެޑާޑަށް މެޗުގެ ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަމަކު މެޗުގެ ކުރީކޮޅު އެ ޓީމަށް ލިބުނު ޕެނަލްޓީ މިކެލް އޮޔަޒަބަލް ފޮނުވާލުމުން ދިޔައީ ގޯލުގެ އަރިމަތި ދަނޑިއާ މާ ދުރުން ބޭރަށެވެ.
ބެންފީކާ އާ ދެކޮޅަށް އާސެނަލް އިން ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 2-3 އިންނެވެ. މެޗުގެ ފުރަތަމަ ގޯލު ޖަހައި ލީޑު ހޯދީ އާސެނަލުންނެވެ. 21 ވަނަ މިނެޓްގައި އާސެނަލްގެ ފޯވާޑް އެމެރިކް އޮބާމިޔަން ލީޑު ނެގިފަހުން ބެންފީކާ އިން ދެ ލަނޑު ޖަހައި ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލި އެވެ. މެޗުގެ 43 ވަނަ މިނެޓްގަ އާއި 61 ވަނަ މކިނެޓްގައި ބެންފީކާ އިން ގޯލްތައް ޖެހި އިރު ބެންފީކާ އިން ލީޑް ނެގިތާ ހަ މިނެޓް ފަހުން އާސެނަލްގެ ޓިއާނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރި އެވެ. މެޗުން އާސެނަލް މޮޅުކޮށްދިން ލަނޑު މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކުރީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން އޮބަމިޔާން އެވެ. ބެންފީކާ އާއި އާސެނަލް ކުޅުނު ފުރަތަމަ ލެގުގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
ގަދަ 16 ގައި މެންޗެސްޓަރ ޔުނައިޓެޑާއި، އާސެނަލް ބައްދަލުކުރަންޖެހޭ ޓީމުތައް ކަށަވަރުވާނީ މިއަދު ނަގާ ގުރުއަތަށް ފަހު އެވެ. ގަދަ 16 ގެ ފުރަތަމަ ލެގުގެ މެޗު އަންނަ މަހުގެ 11 ވަނަ ދުވަހު ކުޅެން ހަމަޖެހިފައި ވާއިރު ދެވަނަ ލެގުގެ މެޗު ކުޅޭނީ އޭގެ ހަފްތާއެއް ފަހުންނެވެ.
Advertisement
Leave a Reply