ހުރިހާ ޓީމެއް ކޮޅަށް ލަނޑުޖަހައި ރޮނާލްޑޯ އެންމެ ކުރީގައި

ހުރިހާ ޓީމެއް ކޮޅަށް ލަނޑުޖަހައި ރޮނާލްޑޯ އެންމެ ކުރީގައި

ޢަބްދުﷲ އަޝްރަފް

އިޓާލިއަން ލީގުގައި ރޭ ޓޭބަލްގެ އެންމެ ފުލުގައި އޮތް ކްރޮޓޯން ކޮޅަށް ލަނޑު ޖަހައި ލީގުގައި މިހާރު ކުޅެމުން އަންނަ ހުރިހާ ޓީމެއްގެ ކޮޅަށް ލަނޑުޖެހުމުގެ ޝަރަފް ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕޯޗްގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދައިފި އެވެ. އަމިއްލަ ދަނޑުގައި ޔުވެންޓަސް އިން ރޭ 0-3 އިން ކްރޮޓޯންގެ މައްޗަށް ކުރި ހޯދި މެޗުގައި ރޮނާލްޑޯ ދެ ލަނޑު ޖަހައިފައިވާއިރު މި ސީޒަންގައި އިޓާލިއަން ލީގުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ އަށް އޭނާ މިހާރު ވަނީ ވެފަ އެވެ.

މިފަހަރުގެ ލީގުގައި މިހާތަނަށް 18 ގޯލު ރޮނާލްޑޯ ޖަހައިފައިވާއިރު އޭނާ އާ އެންމެ ގާތުން ވާދަކުރާ އިންޓަ މިލާންގެ ރޮމެލޫ ލުކާކޫ ޖަހައިފައިވަނީ 17 ލަނޑެވެ. 2018 ވަނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފަރ ބާޒާރުގައި 100 މިލިއަން ޕައުންޑަށް ރެއާލް މެޑްރިޑުން ޔުވެންޓަސް އަށް ބަދަލުވި ރޮނާލްޑޯ މިހާތަނަށް 70 ގޯލު ޔުވެންޓަސް އަށް ކާމިޔާބުކޮށްދީފައިވާއިރު އިޓާލިއަން ލީގުގައި މިވޭދުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި އިދިކޮޅުން ބައްދަލުކުރި ޓީމު ތަކުގެ ތެރެއިން އޭނާ އަށް ގޯލެއް ވައްދާނުލެވި ހަމައެކަނި އޮތީ މިހާރު ދެވަނަ ޑިވިޝަނަށް ރެލިގޭޓްވެފައި އޮތް ކިއެވޯ ވެރޯނާ ކޮޅަށެވެ.

މީގެ ކުރިން ރެއާލް މެޑްރިޑްގެ އިތުރުން މެންޗެސްޓަރ ޔުނައިޓެޑަށްވެސް ކުޅެފައިވާ އުމުރުން 36 އަހަރުގެ ރޮނާލްޑޯ ވަނީ ޔޫރަޕްގައި އޭނާ ކުޅުނު ލީގުތަކުގައި އިދިކޮޅަށް ކުޅުނު 78 ޓީމެއްގެ ކޮޅަށް ގޯލު ޖަހައިފަ އެވެ. މި ރޭހުގައި ރޮނާލްޑޯ އަށްވުރެ ކުރީގައި އުޅޭ އޭސީ މިލާންގެ ފޯވާޑް ޒަލަޓޜަން އިބްރަހިމޮވިޗް ވަނީ ރޮނާލްޑޯ އަށްވުރެ އިތުރަށް އެއް ޓީމު ކޮޅަށް ގޯލް ޖަހައިފަ އެވެ.

އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސް އިން ކުޅުނު މެޗުގައި ރޮނާލްޑޯ ޖެހި ދެ ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. މެޗުގެ 38 ވަނަ މިނެޓްގަ އާއި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖެހި މި ދެ ލަނޑުވެސް ރޮނާލްޑޯ ގޯލަށް ވައްދާލީ ބޮލުން ޖަހަ އެވެ. ރޭގެ މެޗުގައި ޔުވެންޓަސް އިން ހޯދި މޮޅާއެކު އެ ޓީމު ޓޭބަލްގެ ތިންވަނަ އަށް ކުރިއަށް ޖެހިލިއިރު އެއްވަނައިގައި އޮތް އިންޓަ މިލާން އާއި ދެމެދު އަދިވެސް އަށް ޕޮއިންޓްގެ ތަފާތު އެބަހުއްޓެވެ. އެކަމަކު އެއީ އިންޓަ އަށްވުރެ އެއް މެޗު މަދުން ކުޅެގެންނެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.