އެއްވަނަ އާ ގާތްކުރަން ރެއާލްއަށް ލިބުނު ފުރުސަތު ރަނަށް ހަދައިފި
ސްޕެނިޝް ލީގު ޓޭބަލްގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ރޭ ކުޅުނު މެޗުން ބަލިވެފައި ވަނިކޮށް ދެވަނައިގައި އޮތް ރެއާލް މެޑްރިޑުން ރޭ ރެއާލް ވަލަޑޮލިޑް އާ ވާދަކޮށް ކުޅުނު މެޗު ކާމިޔާބުކޮށް ފަރަގު ކުޑަކޮށްފި އެވެ. ރަށުން ބޭރުގައި ރޭ ވަލަޑޮލިޑް އަތުން ރެއާލް މޮޅުވީ 0-1 އިންނެވެ.
ސްޕެނިޝް ލީގުގެ ޕޮއިންޓް ޓޭބަލަށް ބަލާލާއިރު ރޭ އަމިއްލަ ދަނޑުގައި ލެވާންޓޭ އަތުން 0-2 އިން ބަލިވި އެތުލެޓިކޯ މެޑްރިޑް އެއްވަނައިގައި އޮތީ 55 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑް އެތުލެޓިކޯ މެޑްރިޑަށްވުރެ އެއް މެޗު އިތުރަށް ކުޅެފައިވީ ނަމަވެސް އެ ޓީމު އަދިވެސް އޮތީ އެތުލެޓިކޯ އަށްވުރެ ތިން ޕޮއިންޓް ފަހަތުގަ އެވެ. ތިން ވަނައިގައި އޮތް ބާސެލޯނާ އޮތީ ރެއާލް އަށްވުރެ ދެ މެޗް މަދުން ކުޅެގެން ހަ ޕޮއިންޓް ފަހަތުގަ އެވެ.
ވަލަޑޮލިޑާ ދެކޮޅަށް ރެއާލް އިން ރޭ ކުޅުނު މެޗުގައި އެ ޓީމުން ޖެހި ހަމައެކަނި ލަނޑު މެޗުގެ 65 ވަނަ މިނެޓްގައި ކާމިޔާބުކުރީ ކަސެމީރޯ އެވެ. މި ލަނޑުގެ ކުރިން ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯ އަށް މެޗުގައި ލަނޑު ޖަހާނެ ރަގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެސް ވި އެވެ. މީގެ އިތުރުން ރެއާލް މެޑްރިޑްގެ މަރިއާނޯ ޑިއަޒް، ވަލަޑޮލިޑްގެ ގޯލް ދާގަނޑުގައި ދެފަހަރު ބޯޅަ ތަތްކޮށްލި ނަމަވެސް އެ ދެ ފަހަރުވެސް ރެފްރީ ވަނީ ގޯލެއް ނޫންކަމަށް ނިންމާފަ އެވެ.
ރޭގެ މެޗުގައި ރެއާލް މެޑްރިޑްގެ ގޯލްކީޕަރު ތިބާއު ކޯޓުއާ ވެސް ވެނީ ވަލަޑޮލިޑުން ފޮނުވާލި ނުރައްކާތެރި ދެ ހަމަލާ އެއް ހުށިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ.
Advertisement
Leave a Reply