އެންފީލްޑް ނާމާންވެ އަނެއްކާވެސް ލިވަޕޫލް ހާލުގައި ޖެހިއްޖެ

އެންފީލްޑް ނާމާންވެ އަނެއްކާވެސް ލިވަޕޫލް ހާލުގައި ޖެހިއްޖެ

ޢަބްދުﷲ އަޝްރަފް

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އަމިއްލަ ދަނޑުގައި އެވަޓަން އަތުން ބަލިވެ ޓޭބަލްގެ ކުރިއަށް އެރުމަށް އިތުރު ހުރަސްތަކަކާ ލިވަޕޫލަށް ކުރިމަތިވެއްޖެ އެވެ. 0-2 އިން އެވަޓަން އަތުން ރޭ ލިވަޕޫލް ބަލިވި އިރު މިއީ އަމިއްލަ ދަނޑުގައި އެ ޓީމު ޖެހިޖެހިގެން ބަލިވި ހަތަރު ވަނަ މެޗެވެ.

އެންމެ ފަހުން އަމިއްލަ ދަނޑުގައި ޖެހިޖެހިގެން މިހާ ގިނަ މެޗުން ލިވަޕޫލް ބަލިވެފައިވަނީ މީގެ ގާތްގަނޑަކަށް ގަރުނެއް ކުރިން 1923 ވަނަ އަހަރު އެވެ. އަދި، މިއީ 1999 ވަނަ އަހަރުގެ ފަހުން އަމިއްލަ ދަނޑުގައި އެވަޓަން އަތުން ލިވަޕޫލް ބަލިވި ފުރަތަމަ ފަހަރެވެ. \

އެންފީލްޑްގައި ލިވަޕޫލަށް ކުރިމަތިވަމުން އަންނަ ބަދުނަސީބުގެ ފެށުން އައީ އެ ސްޓޭޑިއަމްގައި ބަލި ނުވެ 68 ލީގު މެޗު ލިވަޕޫލުން ހަމަކޮށްފައިވަނިކޮށް ބާންލީން މިދިޔަ މަހު ލިވަޕޫލް ބަލިކުރި ހިސާބުންނެވެ. އޭގެ ފަހުން ބްރައިޓަން އާއި، މެންޗެސްޓަރ ސިޓީ އިންވެސް ވަނީ އެންފީލްޑަށް އައިސް ތިން ޕޮއިންޓް ހިފައިގެން ގޮސްފަ އެވެ.

އެވަޓަން އިން މޮޅު ކުޅުމެއް ދެއްކި ރޭގެ މެޗުގައި އެ ޓީމުގެ ފުރަތަމަ ލަނޑު މެޗް ފަށައިގެން ތިންވަނަ މިނެޓްގެ ތެރޭގައި ކޮލަމްބިޔާގެ ހަމޭސް ރޮޑްރިގޭޒް ދިން ރީތި ޕާހަކުން ކާމިޔާބުކުރީ ބްރެޒިލްގެ ފޯވާޑް ރިޗާލިސަން އެވެ. އޭގެ ފަހުން މެޗުގެ ނަތީޖާ ހަމަހަމސަކުރުމާ ވަރަށް ގާތަށް ލިވަޕޫލުން ދިޔައެވެ. އެކަމަކު ލިވަޕޫލްގެ ކެމްޕްޓަން ޖޯޑަން ހެންޑަސަން އެވަޓަންގެ ގޯލާ އަމާޒުކޮށް ފޮނުވާލި ހަމަލާ އެވަޓަންގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ. އޭގެ ފަހުން ފުރަތަނަ ހާފުގައި ހެންޑަސަން ވަނީ ލިބުނު އަނިޔާއަކާ ގުޅިގެން ދަނޑުން ބާލައިފަ އެވެ.

ހެންޑަސަން އަށް ލިބުނު ފުރުސަތުގެ އިތުރުން މެޗުގެ ނަތީޖާ ހަމަހަމަކުރަން ލިވަޕޫލްގެ ދެ ފޯވާޑުން ކަމަށްވާ ސަޑިއޯ މާނޭ އާއި މުހައްމަދު ސަލާހަށް ވެސް ފަހު ހާފުގައި ފުރުސަތު ލިބުނެވެ. މާނޭ އަށް ލިބުނު ދެ ފުރުސަތެއްގައި ބޮލުން ޖަހައި ފޮނުވާލި ބޯޅަ ބޭކާރުވި އިރު ސަލާހު ފޮނުވާލި ހަމަލާ ޕިކްފޯޑް ވަނީ މަތަކަށްފަ އެވެ. އެވަޓަން އަށް މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކުރީ އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ގުލްފީ ސިގާޑްސަން އެވެ.

ރޭގެ މެޗުން ބަލިވުމުގެ އިތުރުން ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕަށް ކުރިމަތިވާނެ އެންމެ ބޮޑު ބޮލުގަ ރިހުމަކަށް ވާނީ ކެޕްޓަން ހެންޑަސަން އަށް ކުރިމަތިވި އަނިޔާ އެވެ. ހެންޑަސަން އަށް ލިބުނު އަނިޔާ ސީރިއަސް ކަމަށް ބެލެވޭ އިރު ރެއާ ހަމައަށް އޭނާ އައީ އަނިޔާގެ ސަބަބުން ލިވަޕޫލްގެ ޑިފެންސް ލައިނަށް ކުރިމަތިވެފައި އޮތް މައްސަލަތައް ހައްލުކުރުމުގައި މުހިއްމު ދައުރެއް އަދާކުރަމުންނެވެ.

އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ލީގުގެ ހަވަނައިގައި މިވަގުތު އޮތް އިރު އެ ޓީމު އޮތީ ހަތަރު ވަނައިގައި އޮތް ޗެލްސީ އަށް ވުރެ ތިން ޕޮއިންޓް ފަހަތުގަ އެވެ. އަނެއްކޮޅުން ރޭ ލިވަޕޫލް އަތުން މޮޅުވި އެވަޓަން އޮތީ ޕޮއިންޓްގެ ގޮތުން ލިވަޕޫލާ އަރާ ހަމަކޮށްފަ އެވެ. އެކަމަކު އެއީ އަދި ލިވަޕޫލަށްވުރެ އެއް މެޗު މަދުން ކުޅެގެންނެވެ.

 

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.