ބޮޑު މާޔޫސްކަމެއްގައި އޮތް ސައުތެމްޓަން އިން ޗެލްސީ ހިފަހައްޓައިފި

ބޮޑު މާޔޫސްކަމެއްގައި އޮތް ސައުތެމްޓަން އިން ޗެލްސީ ހިފަހައްޓައިފި

ޢަލީ ޝަހީމް

އިނގިރޭސި ޕްރިމިއާ ލީގުގައި ފަހަކަށް އައިސް ދަށް ފޯމެއްގައި އޮތް ސައުތެމްޓަން އިން ތާވަލުގެ ގަދަ ހަތަރަކަށް ވާދަކުރަމުން އަންނަ ޗެލްސީއާ 1-1 އިން އެއްވަރުކޮށްފި އެވެ.

ސައުތެމްޓަނާ އެއްވަރުވުމުން ގަދަ ހަތަރަކަށް އެރުމަށް ކުރާ މަސައްކަތުގައި މިއީ ޗެލްސީ އަށް ލިބުނު ނުތަނަވަސް ކަމެކެވެ. މިރޭގެ މެޗަށް ނުކުތްއިރު ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުން ވެސް ސައުތެމްޓަން ވަނީ ބަލިވެފަ އެވެ. އެޓީމު އެންމެ ފަހުން ލީގު މެޗަކުން މޮޅުވީ މިދިޔަ ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހު ލިވަޕޫލް އަތުންނެވެ. މިއަދުގެ މެޗާ އެކު ސައުތެމްޓަން މިހާރު އޮތީ 30 ޕޮއިންޓާ އެކު ތާވަލުގެ 13 ވަނައިގަ އެވެ. 43 ޕޮއިންޓާ އެކު ޗެލްސީ އޮތީ ހަތަރު ވަނައިގަ އެވެ. އެކަމަކު ވެސްޓް ހޭމް ޔުނައިޓެޑުން މި ހަފްތާ ކުޅޭ މެޗުން މޮޅުވެއްޖެ އެޓީމަށް ގަދަ ހަތަރަކުން އަލުން ފުރުސަތު ލިބޭނެ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީ އިން މޮޅަށް ކުޅުނު ނަމަވެސް މާ ނުރައްކާތެރި ހަމަލާއެއް އެޓީމަށް އުފެއްދޭގޮތެއްނުވި އެވެ. މި ހާފުގައި ސައުތެމްޓަނުން ޑިފެންސަށް ވިސްނައިގެން ކުޅުނުއިރު އެޓީމުން އުފެއްދި ނުރައްކާތެރި ފުރަތަމަ ފުރުސަތުގައި ވަނީ ގޯލު ޖަހައިފަ އެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ލިވަޕޫލުން ލޯނު އުސޫލުން ސައުތެމްޓަނަށް ބަދަލުވި ޓަކޫމީ މިނަމީނޯ އެވެ. މިއީ ސައުތެމްޓަނަށް ޖެނުއަރީ މަހު ބަދަލުވުމަށް ފަހު މިނަމީނޯ އެޓީމަށް ޖަހައިދިން ދެ ވަނަ ލަނޑެވެ.

ޗެލްސީން މެޗުގެ ނަތީޖާ ހަމަހަމަކުރީ ދެ ވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން މޭސަން މައުންޓެވެ. މިއީ އޭރިޔާ ތެރެއިން ޑެނީ އިންގްސް މައުންޓަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. ނަތީޖާ އެއްވަރު ކުރުމަށް ފަހު ޗެލްސީން ވަނީ އިތުރު ލަނޑެއް ޖަހަން މަސައްކަތްކޮށްފަ އެވެ. އަދި ކައުންޓަ އެޓޭކުގައި ސައުތެމްޓަނުން ގޯލެއް ޖަހަން މަސައްކަތްކުރި އެވެ.

ލީގުގައި މިރޭ ކުޅޭ އެންމެ ފާހަގަކޮށްލެވޭ މެޗަކީ 10:30 ފަށާ ލިވަޕޫލް އާއި އެވަޓަންގެ ޑާބީ މެޗެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.