ޓޭބަލް ބަލަން އަދި މާ އަވަސް: މޮރީނިއޯ

ލީގު ޓޭބަލަށް ބަލަން އަދި މާ އަވަސްކަމަށާއި މިވަގުތު ޓޮޓެންހަމްގެ ފޯމް ދަށްވެފައި އޮތް ނަމަވެސް ގަދަ ހަތަރެއްގައި ނިންމާލެވޭނެ ކަމަށް އުއްމީދުކުރާ ކަމަށް ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު ޓޭބަލްގެ އެއްވަނައިގައި ޓޮޓެންހަމް އޮތް ނަމަވެސް މި ފަހުން ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވުމާއެކު އެ ޓީމު މިވަގުތު އޮތީ ޓޭބަލްގެ ނުވަ ވަނައިގަ އެވެ. ޓޭބަލްގެ ހަތަރު ވަނައިގައި މިވަގުތު އޮތް ޗެލްސީ އާއި ޓޮޓެންހަމް އާ ދެމެދު ހަ ޕޮއިންޓްގެ ފަރަގެއް އޮތް އިރު ޗެލްސީ ވަނީ ޓޮޓެންހަމް އަށްވުރެ އެއް މެޗު އިތުރަށް ކުޅެފައެވެ.
“ލީގު ޓޭބަލް އާ މެދު ވިސްނަން އަދި މާ އަވަސް. އަހަރެމެންގެ އަތުގައި އަދި އެއް މެޗު އިތުރަށް އެބަ އޮތް. ޗެލްސީ، ސިޓީ އަދި ލިވަޕޫލާ ދެކޮޅަށް އަހަރެމެން ލީގުގައި ކުޅެންޖެހޭ ދެ މެޗުވެސް މިހާރު އޮތީ ނިމިފަ. އެހެންވީމަ އަހަރެމެންނަށް އޮތީ އެންމެ ފަހު މެޗާ ޖެހެންދެން މޮޅުވާން މަސައްކަތްކޮށް ދެން ވާގޮތެއް ބަލަން ތިބުން.” މޮރީނިއޯ ބުންޏެވެ.
“ސީޒަން ނިމޭއިރު އަހަރެމެން ލައްވާލަފާނެ ގަދަ ހަތަރެއްގަ ވެސް، ގަދަ ހައެއްގަ ވެސް، ނޫނީ އެއަށްވުރެ ދަށުގަ ވެސް. އަހަރެމެން އުއްމީދުކުރަންވާނީ އެންމެ ރަގަޅު ގޮތް ވާނެ ކަމަށް.” 2019 ވަނަ އަހަރުގެ ފަހުކޮޅު ޓޮޓެންހަމްގެ ކޯޗުކަމުގެ މަގާމާ ހަވާލުވި މޮރީނިއޯ ބުންޏެވެ.
ޕްރިމިއަރ ލީގުގައި ދެން އެންމެ އަވަހަށް ޓޮޓެންހަމް ކުޅޭ މެޗުގައި އަންނަ އާދީއްތަ ދުވަހު ރަށުން ބޭރުގައި ބައްދަލުކުރާނީ ވެސްޓްހޭމް އާއެވެ. އޭގެ ފަހުން ދެން އޮތީ ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި ބާންލީ އަދި ކްރިސްޓަލް ޕެލަސް އާ ދެކޮޅަށް ކުޅޭ މެޗެވެ. މޮރީނިއޯ ގަބޫލުކުރާ ގޮތުގައި މި މެޗުތަކަށް ފަހު ޓޭބަލް ފެންނަ ގޮތް ތަފާތު ވާނެ އެވެ.
“ޖެހިޖެހިގެން ތިން މެޗުން ބަލިވެ ޓޭބަލްގެ ފަހަތަށް ސޮއްސާލި ގޮތަށް ޖެހިޖެހިގެން ތިން މެޗުން މޮޅުވެގެން ޓޭބަލްގެ ރަގަޅު ހިސާބަކަށް ދިއުމުގެ ފުރުސަތުވެސް އޮންނާނެ. އެހެންވީމަ، މިދިޔަ ސީޒަނެކޭ އެއްގޮތަށް މިފަހަރުވެސް ސީޒަން ނިމެންދެން ބަލަން ތިބެމާ” ކުރިން ޗެލްސީ އަށާއި މެންޗެސްޓަރ ޔުނައިޓެޑަށްވެސް އިރުޝާދުދީފައިވާ މޮރީނިއޯ ބުންޏެވެ.
Advertisement


Leave a Reply