ޔުނައިޓެޑް ފަސޭހަކަމާއެކު މޮޅުވިއިރު އާސެނަލް ސަލާމަތްވީ ކިރިޔާ

ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގައި ރޭ ރެއާލް ސޮސިއެޑާޑް އާ ވާދަކޮށް މެންޗެސްޓަރ ޔުނައިޓެޑް ބޮޑު މޮޅެއް ހޯދިއިރު އާސެނަލް އާއި ބެންފީކާ ވާދަކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ. އިޓަލީގެ ޓިއުރިންގައި ޔުނައިޓެޑުން ސޮސިއެޑާޑްގެ މައްޗަށް 0-4 އިން ކުރި ހޯދިއިރު އާސެނަލުން ބެންފީކާ އާ ދެކޮޅަށް ރޯމްގައި ކުޅުނު މެޗު އެއްވަރުވީ 1-1 އިންނެވެ.
މިދިޔަ ސީޒަންގެ ޔޫރޮޕާ ލީގު މުބާރާތުގެ ސެމީފައިނަލްގައި ވާދަކޮށް ސެވިއްޔާ އަތުން ބަލިވި ޔުނައިޓެޑުން ރޭ ސޮސިއެޑާޑް އާ ވާދަކުރި މެޗުގައި އެ ޓީމުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ފުރަތަމަ ދެ ލަނޑު ޖެހީ ޔުނައިޓެޑްގެ ޕޯޗްގަލް ތަރި ބްރޫނޯ ފެނާންޑެސް އެވެ. މެޗުގެ 27 ވަނަ މިނެޓްގަ އާއި 57 ވަނަ މިނެޓްގައި ފެނަންޑެސް ޔުނައިޓެޑަށް މެޗުގެ ކޮންޓްރޯލް ހޯދައިދިން އިރު ޔުނައިޓެޑްގެ ތިންވަނަ ލަނޑު މެޗުގެ 64 ވަނަ މިނެޓްގައި ކާމިޔާބުކުރީ މާކަސް ރެޝްފޯޑެވެ. ޔުނައިޓެޑުން ރޭގެ މެޗުގައި ޖެހި ފަހު ލަނޑު މެޗުގެ އެންމެ ފަހުމިނެޓްގައި ކާމިޔާބުކުރީ ޑޭވިޑް ޖޭމްސް އެވެ. ރެޝްފޯޑާއި، ޖޭމްސް އަށް ރޭގެ މެޗުގައި ލަނޑުޖަހަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެސް ވިއެވެ.
އާސެނަލް އާއި ބެންފީކާ ރޭ ވާދަކުރި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ބެންފީކާ އިންނެވެ. މެޗުގެ 55 ވަނަ މިނެޓްގައި ބެންފީކާ އަށް ލިބުނު ޕެނަލްޓީ އަކުން އެ ޓީމަށް ލަނޑު ޖަހައިދިނީ އަފޮންސޯ ފެނާންޑެސް އެވެ. އެކަމަކު ބެންފީކާ އިން ލަނޑު ޖެހިތާ ދެ މިނެޓްފަހުން ދެން ފެނުނީ އާސެނަލް އިން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރި ތަނެވެ. މި ލަނޑު އާސެނަލް އަށް ކާމިޔާބުކޮށްދިނީ ބުކަޔޯ ސަކާ އެވެ. މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގައި އޮލިމްޕިއާކޯސް އަތުން ބަލިވެ ހިތްދަތި ގޮތަކަށް މުބާރާތުން ވަކިވާންޖެހުނު އާސެނަލް ރޭގެ މެޗުގައި ބެންފީކާ އަށްވުރެ ރަގަޅަށް ކުޅެފައިވާއިރު އެ ޓީމަށް މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ވެސް ލިބުނެވެ. އަދި މެޗުގެ ނަތީޖާ 1-1 އިން އެއްވަރުވެފައި އޮއްވައި އާސެނަލްގެ ފޯވާޑް އެމެރިކް އޮބާމިޔަން އަށް ހުސް ފުރުސަތެއް ލިބި ކާމިޔާބުނުކުރެވުނު ތަންވެސް ފެނުނެވެ.
ޔޫރޮޕާ ލީގުގައި ޔުނައިޓެޑާއި، އާސެނަލުން ކުޅޭ ދެވަނަ ލެގުގެ މެޗު އަންނަ ހަފްތާގައި ކުޅެން ހަމަޖެހިފައިވާ އިރު ޔުނައިޓެޑަށް އަމިއްލަ ދަނޑުގައި ހޯމް މެޗު ކުޅެން ފުރުސަތު ލިބިފައި އޮތް ނަމަވެސް އާސެނަލްގެ ހޯމް މެޗު ކުޅޭނީ ގްރީސްގެ އެތަންސް ގަ އެވެ.
ޔުނައިޓެޑާއި، އާސެނަލްގެ އިތުރުން ޕްރިމއަރ ލީގުގައި ކުޅޭ އެހެން ދެ ޓީމެއްވެސް ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގައި ރޭ ވާދަކޮށްފައިވެ އެވެ. އެގޮތުން ޓޮޓެންހަމުން ރަށުން ބޭރުގައި ވުލްފްސްބާގާގެ މައްޗަށް 1-4 އިން ކުރި ހޯދިއިރު ލެސްޓަރ ސިޓީން ސްލާވިއާ ޕްރާގް އާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރު ވެގެންނެވެ.
Advertisement


Leave a Reply