ރިޒޭގެ ކަކުލުގެ އޮޕަރޭޝަން ކާމިޔާބުކަމާއެކު ކޮށްފި
ގައުމީ ޓީމާއި އަދި ކުލަބް އީގަލްސްގެ ފޯވާޑް އަހުމަދު ރިޒްވާން (ރިޒޭ) ގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އެކަމަށް ފަރުވާކުރުމުގެ ގޮތުން ކުރަންޖެހޭ އޮޕަރޭޝަން އޭޑީކޭ ހޮސްޕިޓަލްގައި މިއަދު ކާމިޔާބުކަމާއެކު ކޮށްފި އެވެ.
މިފަހަކަށް އައިސް ގޯލު ޖެހުމުގައި އާދަޔާ ހިލާފު ތޫނުފިލިކަމެއް ދައްކަމުން އައި ރިޒޭގެ ކަކުލަށް އަނިޔާވީ ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ ބުރުގައި މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ކުލަބް ވެލެންސިޔާ އާ ދެކޮޅަށް އީގަލްސް ކުޅުނު މެޗުގަ އެވެ. އެ މެޗުގެ ފުރަތަމަ ހާފު ނިމެން ގާތްވެފައިވަނިކޮށް ރިޒޭ އަށް ލިބުނު އަނިޔާ އާ ގުޅިގެން އޭރު ހެދި ސްކޭންތަކަށް ފަހު ކުލަބް އީގަލްސް އިން ބުނެފައިވަނީ ގާތްގަނޑަކަށް ހަ މަސް ދުވަހުގެ މުއްދަތަކަށް ރިޒޭ އަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށެވެ.
މިއަހަރުގެ ސީޒަންގެ ދިވެހި ޕްރިމިއަރ ލީގުގައި ރިޒޭ އަށް ދެން ނުކުޅެވޭނެ ކަން ޔަގީންވެފައިވާ އިރު ސީޒަން ފެށިގެން އީގަލްސް އިން ކުޅުނު ފުރަތަމަ ދެ މެޗުގައިވެސް އަނިޔާގެ ސަބަބުން ރިޒޭ އަށް ވަނީ ކުޅެވޭ ގޮތް ނުވެފަ އެވެ.
Advertisement
Leave a Reply