ފެޑެރާގެ ރެކޯޑް މުގުރާލަން ނުކުތް ނަޑާލް އޮސްޓްރޭލިއަން އޯޕަނުން ކަޓައިފި

21 ވަނަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބުކުރަން ނުކުތް ސްޕެއިންގެ ރަފައެލް ނަޑާލް އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ކުއާޓަރ ފައިނަލުން ކަޓައިފި އެވެ. މުބާރާތުގެ ކުއާޓަރ ފައިނަލްގައި ނަޑާލް ބަލިވީ ގްރީސްގެ ފަސް ވަނަ ސީޑް ސްޓެފާނޯސް ސިޓްސިޕާސް އާ ވާދަކޮށް 2-3 އިން ނެވެ.
ނަޑާލް އަކީ ދުނިޔޭގައި ކުޅެވޭ އެންމެ ޝަރަފްވެރި ޓެނިސް މުބާރާތްތަކުގެ ތަށި އެންމެ ގިނަ ފަހަރު ހޯދައިފައިވާ ދެ ކުޅުންތެރިންގެ ތެރެއިން އެކަކެވެ. ޖުމްލަ 20 ގްރޭންޑް ސްލޭމް ޓައިޓްލް އާއެކު މި ރެކޯޑް އޮތް އަނެއް ކުޅުންތެރިޔަކީ ސްވިޒަލެންޑްގެ ރޮޖާ ފެޑެރާ އެވެ.
އޮސްޓްރޭލިއާގެ މެލްބަން ގައި މިހާރު ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ކުއާޓަރ ފައިނަލްގައި ދުނިޔޭގެ ރޭންކިންގ ގެ ދެވަނައިގައި މިވަގުތު ހުރި އުމުރުން 34 އަހަރުގެ ނަޑާލް މިއަދު ބަލިވީ ފުރަތަމަ ދެ ސެޓް އޭނާ އަށް ލިބިފައި އޮއްވަ އެވެ. މި މެޗުގެ ސެޓްތައް ނިމިފައިވަނީ 6-3، 6-2، 6-7، 4-6 އަދި 5-7 އިންނެވެ.
ނަޑާލް އާ ވާދަކޮށް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދި އުމުރުން 22 އަހަރުގެ ސިޓްސިޕާސް ހުކުރު ދުވަހު ކުޅެން ހަމަޖެހިފައިވާ ސެމީ ފައިނަލް މެޗުގައި ވާދަކުރާނީ ރަޝިޔާގެ ޑެނިލް މެޑްވެޑޭވް އެވެ.
Advertisement


Leave a Reply