ހަވަނައިގައި އޮތަސް ޗެމްޕިއަންސް ލީގު ފެންވަރު ހުރިކަން ލިވަޕޫލުން ދައްކާލައިފި
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ރޭ ރަށުން ބޭރެގައި ޖަރުމަނުގެ އާރުބީ ލައޕްޒިގާ ދެކޮޅަށް ކުޅެ ލިވަޕޫލުން މެޗު ކާމިޔާބުކޮށްފި އެވެ. ކޮވިޑް 19 އާ ގުޅިގެން ޖަރުމަނުގައި އަޅައިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ހުރެ ޖަރުމަނުގައި މެޗު ކުޅެވޭ ގޮތް ނުވުމުގެ ސަބަބުން ހަންގޭރީގެ ބުޑަޕެސްޓްގައި ރޭ ކުޅުނު ފުރަތަމަ ލެގުގެ މެޗު ލިވަޕޫލުން ކާމިޔާބުކުރީ 0-2 އިންނެވެ.
ރޭގެ މެޗުގައި ލިވަޕޫލުން ޖެހި ދެ ލަނޑުވެސް ޖެހީ ފަހު ހާފުގަ އެވެ. ފުރަތަމަ ލަނޑު މެޗުގެ 53 ވަނަ މިނެޓްގައި މިސްރުގެ ފޯވާޑް މުހައްމަދު ސަލާހް ކާމިޔާބުކުރި އިރު ދެވަނަ ލަނޑު އޭގެ ފަސް މިނެޓް ފަހުން ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ސެނެގާލްގެ ފޯވާޑް ސަޑިއޯ މާނޭ އެވެ.
ލިވަޕޫލުން ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލަށް ދިއުމުގެ ފުރުސަތު ރޭ ބޮޑުކޮށްފައި މިވަނީ އިނގިރޭސި ޕްރިމިއަރ ލީގުގައި ޖެހިޖެހިގެން ތިން މެޗުން އެ ޓީމް ބަލިވެފައިވަނިކޮށެވެ. އެއާއެކު އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް މިވަގުތު އޮތީ ޓޭބަލްގެ އެއްވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށްވުރެ 13 ޕޮއިންޓް ލިބިގެން ޓޭބަލްގެ ހަވަނައިގަ އެވެ. މިފަހަރުގެ ލީގު ލިވަޕޫލަށް ދެން ކާމިޔާބުކުރުމުގެ ފުރުސަތު ނެތްކަމަށް އެއްބަސްވެފައިވާ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނި ގޮތުގައި ރޭގެ ނަތީޖާ އަކީ ގިނަ ބަޔަކު ހީކޮށްގެން ތިބި ނަތީޖާއެއް ނޫނެވެ.
“އަހަރެމެން މިހާރު މިއޮތް ހާލަތުގެ ސަބަބުން ވަރަށް ގިނަ މީހުން ހީކޮށްގެން ތިބޭނީ މިރޭގެ މެޗުންވެސް އަހަރެމެން ބަލިވާނެ ކަމަށް. އެކަމަކު އަހަރެމެންގެ ކުޅުންތެރިން އެކަން އެގޮތަށް ވިޔަކަ ނުދިން. އެކަމާ އަހަރެން މިހުރީ ވަރަށް އުފާވެފަ.” ރޭގެ މެޗަށް ފަހު ބީޓީ ސްޕޯޓްސް އަށް ދިން އިންޓަވިއު އެއްގައި ކްލޮޕް ބުންޏެވެ.
“ރޭގަ އެ ކުޅުނީ އަހަރެމެން ބޭނުންވެގެން ތިބި ކަހަލަ މެޗެއް. ލައިޕްޒިގަކީ ނުރައްކާ ބައެއް. އެމީހުންބަކީ ފިޒިކަލީ ވެސް ވަރަށް ވަރުގަދަ ބައެއް. އަދި އިދިކޮޅު ޓީމުތައް ވަރުބަލިކޮށްލާ ބައެއް. އެކަމަކު އެހުރިހާ ކަމެއް އަހަރެމެން ރޭ ކޮންޓްރޯލް ކުރީ ވަރަށް މޮޅަށް.” ޗެމްޕިއަންސް ލީގުގެ ތަށި ހަވަނަ ފަހަރަށް ލިވަޕޫލަށް ކާމިޔާބުކޮށްދިން ކޯޗު ބުންޏެވެ.
ގަދަ 16 ގައި ލިވަޕޫލާއި ލައިޕްޒިގު ވާދަކުރާ ދެވަނަ ލެގުގެ މެޗު ކުޅޭނީ އަންނަ މަހުގެ 10 ވަނަ ދުވަހު އެވެ.
Advertisement
Leave a Reply