އެމްބާޕޭގެ ހެޓްރިކާއެކު ޕީއެސްޖީން ބާސެލޯނާ އިރައި ކުދިކޮށްފި

އެމްބާޕޭގެ ހެޓްރިކާއެކު ޕީއެސްޖީން ބާސެލޯނާ އިރައި ކުދިކޮށްފި

ޢަބްދުﷲ އަޝްރަފް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ރޭ ބާސެލޯނާ ކޮޅަށް ފްރާންސްގެ ޒުވާން ފޯވާޑް ކިލިއެން އެމްބާޕޭ ވައްދާލި ހެޓްރިކާއެކު ޕީއެސްޖީން ބޮޑު މޮޅެއް ހޯދައިފި އެވެ. ބާސެލޯނާގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗު ޕީއެސްޖީން ކާމިޔާބުކުރީ 1-4 އިންނެވެ.

ޕީއެސްޖީ އަތުން ބޮޑު ތަފާތަކުން ރޭ ބާސެލޯނާ ބަލިވި ނަމަވެސް މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ބާސެލޯނާ އިންނެވެ. މި ލަނޑު މެޗު ގެ 27 ވަނަ މިނެޓްގައި ބާސެލޯނާއަށް ލިބުބު ޕެނަލްޓީ އަކުން ކާމިޔާބުކުރީ ކެޕްޓަން ލިއޮނަލް މެސީ އެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން ބާސެލޯނާ އަށް ލީޑް ފުޅާކުރަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. ޕީއެސްޖީގެ ގޯލާ ވަރަށް ކައިރިން ބާސެލޯނާގެ ފޯވާޑް އޮސްމާނޭ ޑެމްބެލޭ އަށް ލިބުނު ބޯޅަ އޭނާ އަށް ފޮނުވާލެވުނީ މަޑުމަޑުން ޕީއެސްޖީގެ ގޯލްކީޕަރު ކޭލާ ނަވާސް ހުރި ދިމާލަށެވެ.

އަނިޔާގެ ސަބަބުން ބްރެޒިލްގެ މަޝްހޫރު ފޯވާޑް ނޭމާ ނުލައި ރޭގެ މެޗަށް ނުކުތް ޕީއެސްޖީ އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު 32 ވަނަ މިނެޓް ގައި ކާމިޔާބުކޮށްދިނީ އެމްބާޕޭ އެވެ. އެމްބާޕޭގެ ގޯލާއެކު ފުރަތަމަ ހާފު ދެ ޓީމު އެއްވަރުވެގެން ނިމުނު އިރު ދެވަނަ ހާފު ފަށައިގެން ވިއްސަކަށް މިނެޓް ކުޅުނު ފަހުން އެމްބާޕޭ އަނެއްކާވެސް ލަނޑެއް ޖަހައި ޕީއެސްޖީ ކޮޅަށް މެޗުގެ ނަތީޖާ އަނބުރާ ލި އެވެ. އޭގެ ފަސް މިނެޓް ފަހުން ދެން ފެނުނީ ޕީއެސްޖީ އަށް ކުޅެމުން އަންނަ އިޓަލީގެ ފޯވާޑް މޯސޭ ކީން ލަނޑެއް ޖަހައި ޕީއެސްޖީ އަށް ލީޑް ފުޅާކޮށްދިން ތަނެވެ. މޮޅު ގޯލަކާއެކު، ކުރިން މޮނާކޯ އަށް ކުޅެފައިވާ ފޯވާޑް އެމްބާޕޭ ހެޓްރިކް ހެދީ މެޗު ނިމެން ފަސް މިނެޓަށް ވެފައި އޮއްވަ އެވެ. ރޭގެ މެޗުގައި އެމްބާޕޭ ތިން ގޯލް ޖެހި ނަމަވެސް މީގެ ކުރިން މުބާރާތުގެ ނޮކައުޓް ސްޓޭޖްގައި ޕީއެސްޖީއަށް އެމްޕާބޭ ކުޅުނު ނުވަ މެޗުގައި އޭނާއަށް ކާމިޔާބުކުރެވިފައި އޮތީ އެންމެ ގޯލެކެވެ.

ރޭގެ މެޗުގައި ޕީއެސްޖީގެ 22 އަހަރުގެ ފޯވާޑް އެމްބާޕޭ ހެދި ހެޓްރިކަކީ ޗެމްޕިއަންސް ލީގުގެ ނޮކައުންޓް މެޗެއްގައި ބާސެލޯނާ ކޮޅަށް ކުޅުންތެރިއަކު ވައްދާލި ތިންވަނަ ހެޓްރިކެވެ. މީގެ ކުރިން މިކަން ކޮށްފައިވަނީ ޔޫކްރެއިންގެ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އެންޑްރޭ ޝެވްޗެންކޯ އާއި، ކޮލަމްބިޔާގެ ފޮސްޓީނޯ އަސްޕްރިއްލާ އެވެ.

ގަދަ 16 ގައި ބާސެލޯނާ އާ ޕީއެސްޖީ ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހު އެވެ. މީގެ ގާތްގަނޑަކަށް ހަތަރު އަހަރު ކުރިން މުބާރާތުގެ ހަމަ މި ހިސާބުގައި ބާސެލޯނާ އާ ދެކޮޅަށް ކުޅެ ފުރަތަމަ ލެގުގައި މިފަދަ ތަޖުރިބާ އެއް ބާސެލޯނާ އިން ވަނީ ކޮށްފަ އެވެ. އެކަމަކު އެ ފަހަރު ފުރަތަމަ ލެގުގައި ޕީއެސްޖީ އަތުން 0-4 އިން ބާސެލޯނާ ބަލިވި ނަމަވެސް ދެވަނަ ލެގުގައި 1-6 އިން ޕީއެސްޖީގެ މައްޗަށް ކުރި ހޯދައި ނަތީޖާ އަނބުރާލި އެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.