ލާޒިއޯ ބަލިކޮށް އިންޓަ މިލާން އެއް ވަނަ އަށް

ލާޒިއޯ ބަލިކޮށް އިންޓަ މިލާން އެއް ވަނަ އަށް

ޢަލީ ޝަހީމް

އަމިއްލަ ދަނޑުގައި ލާޒިއޯ 1-3 އިން ބަލިކޮށް އިޓާލިއަން ލީގުގެ އެއް ވަނަ އަށް އިންޓަ މިލާން އަރައިފި އެވެ.

އިންޓަ އަށް އެއް ވަނަ އަށް އެރުމުގެ ފުރުސަތު ފަހިވީ ހޮނިހިރު ދުވަހުގެ ރޭ އޭސީ މިލާން ކުޅުނު މެޗުން އެޓީމު ބަލިވުމުންނެވެ. އަނެއްކޮޅުން ނަޕޯލީ އަތުން ޔުވެންޓަސް ބަލިވުމުން މެޗަށް އިންޓަ ނުކުތީ އިތުބާރާ އެކު އެވެ. މި މޮޅާ އެކު އެޓީމު އެއް ވަނައިގައި އޮތީ 22 މެޗުން ލިބުނު 50 ޕޮއިންޓާ އެކު އެވެ. ޕޮއިންޓެއް ފަހަތުން މިލާން ދެ ވަނައިގައި އޮތްއިރު 43 ޕޮއިންޓް ހޯދައި ރޯމާ ވަނީ ތިން ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ހަތަރު ވަނައިގައި އޮތް ޔުވެންޓަސް އަށް ލިބިފައިވަނީ 42 ޕޮއިންޓެވެ.

މެޗުގެ ފުރަތަމަ ގޯލު 22 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖެހީ ރޮމެލޫ ލުކާކޫ އެވެ. އަދި ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ލުކާކޫ ވަނީ އިތުރު ގޯލެއް ޖަހައި ނަތީޖާގެ ފަރަގު ބޮޑުކޮށްފަ އެވެ. މި ގޯލާ ކްލަބް ލެވެލް އާއި ގައުމީ ޓީމަށް 27 އަހަރުގެ ލުކާކޫ ޖަހައިދިން ގޯލުގެ އަދަދު ވަނީ 300 އަށް އަރައިފަ އެވެ. އަދި މި ސީޒަނުގައި ޖެހި 16 ގޯލާ އެކު ލުކާކޫ އޮތީ އިޓާލިއަން ލީގުގެ ލަނޑު ލިސްޓުގެ އެއް ވަނައިގަ އެވެ.

މެޗުގެ 61 ވަނަ މިނެޓުގައި ލާޒިއޯގެ މިލިންކޮވިޗް – ސަވިޗް ޖެހި ގޯލާ އެކު ނަތީޖާ ވަނީ 2-1 އަށް ބަދަލުވެފަ އެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން ލައުޓާރޯ މާޓީނޭޒްގެ ގޯލުން އިންޓަ އިން ވަނީ ލީޑު ފުޅާކޮށްފަ އެވެ.

އިންޓަ ލީގުގެ އެއް ވަނަ އަށް އެރިއިރު ލީގުގައި އަންނަ އާދީއްތަ ދުވަހު އެޓީމު ނުކުންނާނީ ވާދަވެރި މިލާނާ ދެކޮޅަށެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.