ވެސްޓް ބްރޮމް ކުރިމަތީގައި ޔުނައިޓެޑަށް ގޮތްހުސްވެއްޖެ

Advertisement

ވެސްޓް ބްރޮމް ކުރިމަތީގައި ޔުނައިޓެޑަށް ގޮތްހުސްވެއްޖެ

ޢަލީ ޝަހީމް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓަރ ޔުނައިޓެޑުން ރަށުން ބޭރުގައި ވެސްޓް ބްރޮމްއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.

އެއްވަރުވުމުން ޔުނައިޓެޑަށް ވަނީ ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓަރ ސިޓީއާ ޕޮއިންޓުގެ ގޮތުން ގާތްކުރަން ލިބުނު ފުރުސަތު ގެއްލިފަ އެވެ. ސިޓީ 53 ޕޮއިންޓާ އެކު އޮތްއިރު ދެ ވަނައިގައި ޔުނައިޓެޑް އޮތީ 46 ޕޮއިންޓާ އެކު އެވެ. ޔުނައިޓެޑާ އެއްވަރަށް ޕޮއިންޓް ހޯދައިގެން ގޯލުގެ ތަފާތުން ތިން ވަނައިގައި އޮތީ ލެސްޓާ ސިޓީ އެވެ.

މެޗުގެ ފަށައިގެން ދެ ވަނަ މިނެޓުގައި ވެސްޓް ބްރޮމް އިން ވަނީ ލީޑު ނަގައިފަ އެވެ. ބޮލުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެމްބަޔޭ ޑިއާން އެވެ. ފުރަތަމަ ހާފުގެ ބާކީބައި އެއްކޮށްހެން ކުޅުނީ ޔުނައިޓެޑުންނެވެ. ޔުނައިޓެޑަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ 44 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭސް އެވެ. ލޫކް ޝޯ ނަގައިދިން ހުރަސް ފެނާންޑޭސް ވަނީ އޭނާގެ ނުރަސްމީ ފައިން ވަރަށް ރީތިކޮށް ގޯލަށް ވައްދާލައިފަ އެވެ.

ދެ ވަނަ ހާފުގައި ވެސް މެޗު ޑޮމިނޭޓްކޮށްގެން ކުޅުނީ ޔުނައިޓެޑުންނެވެ. އެކަމަކު ގޯލާ އަމާޒުކޮށް މާ ނުރައްކާތެރި ހަމަލާއެއް އެޓީމަށް ފޮނުވައެއްނުލެވުނެވެ. މި ހާފުގައި ރެފްރީ ވަނީ ޔުނައިޓެޑަށް ޕެނަލްޓީއެއް ދިނުމަށް ފަހު ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީގައި ކެންސަލްކޮށްފަ އެވެ. ޔުނައިޓެޑުން ކުރިއަށް ޖެހިގެން ކުޅުނުއިރު ކައުންޓަ އެޓޭކުގައި ވެސްޓް ބްރޮމްގެ ޑިއާން އަށް ގޯލު ޖަހާނެ ހުސް ދެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. އެންމެ ފުރަތަމަ ލިބުނު ފުރުސަތުގައި ފުލުފުލުގައި ފޮނުވާލި ދެ ބޯޅަ ވެސް ޑޭވިޑް ޑެހެއާ މަތަކުރީ އެވެ. އޭގެ ފަހުން ލިބުނު ބޯޅަ ގޯލާ އަމާޒެއްނުވި އެވެ. މެޗުގެ ފަހު މިނެޓުގައި ޔުނައިޓެޑް ހެރީ މެގުއާ ބޮލުން ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ.

ލީގުގައި މިރޭ 9:30 ގައި ފަށާ މެޗުގައި ބައްދަލުކުރާނީ އާސެނަލް އާއި ލީޑްސް ޔުނައިޓެޑެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *