އިނގިރޭސި ކްލަބްތަކަށް ނޫނެކޭ ބުނެ އުޕަމެކާނޯ ބަޔާނަށް
ޖަރުމަނުގެ އާރުބީ ލައިޕްޒިގަށް ކުޅޭ ފްރާންސްގެ 22 އަހަރުގެ ހުނަރުވެރި ޑިފެންޑަރު ޑަޔޮޓް އުޕަމެކާނޯ ބަޔާން މިއުނިކާ ގުޅެން ނިންމައިފި އެވެ.
ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ބަޔާނުން އުޕަމެކާނޯގެ ސޮއި ހޯދިކަން ރަސްމީކޮށް އިއުލާންކުރީ މިއަދު އެވެ. ބަޔާން ޓީމާ އުޕަމެކާނޯ ގުޅޭނީ މި ސީޒަނުގެ ބާކީ ބައި ލައިޕްޒިގްގައި ހޭދަކުރުމަށް ފަހު އަންނަ ޖުލައި މަހުގެ އެއް ވަނަ ދުވަހު އެވެ.
އުޕަމެކާނޯގެ ސޮއި ބަޔާނުން ހޯދީ އޭނާގެ އެއްބަސްވުމުގައި ބުނެފައިވާ ޖުމްލަ އަގު ކަމަށްވާ 38 މިލިއަން ޕައުންޑް ދެއްކުމަށް ފަހު އެވެ. މި އަގުގައި އުޕަމެކާނޯ ބަޔާނާ ގުޅުނީ ޗެލްސީ އާއި މެންޗެސްޓަރ ޔުނައިޓެޑާއި ލިވަޕޫލުން އޭނާ އަށް ފާރަލަމުން ދަނިކޮށެވެ. ރިޕޯޓުތައް ބުނާގޮތުން އިނގިރޭސި ކްލަބްތަކުން އޮތީ ބަޔާންގެ ހުށަހެޅުމަށް ވުރެ ބޮޑު އަގެއް އުޕަމެކާނޯއަށް ދޭން ތައްޔާރަށެވެ.
ބަޔާންގެ ރައީސް ވިދާޅުވީ އުޕަމެކާނޯ އަކީ ކުރިއަށް އޮތް އަހަރުތަކުގައި އެޓީމުގެ މުހިއްމު ކުޅުންތެރިއަކަށް ވާނެކަމަށް ގަބޫލުކުރާކަމަށެވެ. ދުނިޔޭގެ ޗެމްޕިއަން ބަޔާން މިވަގުތު އޮތީ ޖަރުމަނު ލީގުގެ އެއް ވަނައިގަ އެވެ. ހަންސީ ފްލިކްގެ ކޯޗުކަމުގައި ބަޔާން މިހާރު ވެފައިވަނީ ދުނިޔޭގައި އޮތް އެންމެ މޮޅު ކްލަބަށެވެ.
އުޕަނެކާނޯ ސީނިއާ ފުޓްބޯޅަ ކެރިއަރު ފެށީ 2015 ވަނަ އަހަރު އޮސްޓްރިއާގެ ކްލަބް ލިއެފެރިން އިންނެވެ. އެ ކްލަބުގައި ސީޒަނެއް ހޭދަކުރުމަށް ފަހު އުޕަމެކާނޯ 2016 ވަނަ އަހަރު ބަދަލުވީ އޮސްޓްރިއާގެ ރެޑްބުލް ސާލްޒްބާގަށެވެ. އެއަށްފަހު ލައިޕްޒިގުން އުޕަމެކާނޯގެ ސޮއި ހޯދީ 2017 ވަނަ އަހަރު އެވެ. މިދިޔަ ހަތަރު އަހަރާއި ބައިގެ މުއްދަތުގައި އުޕަމެކާނޯ ވަނީ ލައިޕްޒިގްގެ ޓީމުގައި 139 މެޗު ކުޅެފަ އެވެ. ލައިޕްޒިގްގައި ދައްކަމުން އަންނަ މޮޅު ކުޅުމާ އެކު މިދިޔަ އަހަރުން ފެށިގެން އުޕަމެކާނޯ އަންނަނީ ފްރާންސްގެ ގައުމީ ޓީމުގައި ހިމެނެމުންނެވެ.
އުޕަމެކޯނާ އަށް އޮތް ޑިމާންޑް ބޮޑުވީ މިދިޔަ ސީޒަނުގައި ލައިޕްޒިގް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކުރިއިރު ދެއްކި މޮޅު ކުޅުމުންނެވެ. މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގްގައި އަންނަ އަންގާރަ ދުވަހުގެރޭ ލައިޕްޒިގް ނުކުންނާނީ އިނގިރޭސި ޗެމްޕިއަން ލިވަޕޫލާ ދެކޮޅަށެވެ.
Advertisement
Leave a Reply