އެހީތެރިކަމުގެ އަގު މުސްތަޓޭ މިފަހަރު ވަޒަންކުރަނީ ކުޅިވަރުގެ އީދަކުން

އެހީތެރިކަމުގެ އަގު މުސްތަޓޭ މިފަހަރު ވަޒަންކުރަނީ ކުޅިވަރުގެ އީދަކުން

ޢަބްދުﷲ އަޝްރަފް

ނ. ހޮޅުދޫގައި ހިންގަމުން އަންނަ މައި ޔޫޓައިލް ސްޕޯޓްސް އެކަޑަމީ އަށް ފަސް އަހަރު ފުރުމާ ދިމާކޮށް އެ ރަށުގައި ހުރި ސަރުކާރުގެ އޮފީސްތަކާއި، ކުންފުނިތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ ފުޓްސަލް މުބާރާތެއް ފަށައިފި އެވެ. މިދިޔަ ހުކުރު ދުވަހު ހަވީރު ހޮޅުދޫގެ ޓާފް އެޅި ފުޓްބޯޅަ ދަނޑުގައި ފެށި މި މުބާރާތުގައި ޖުމްލަ ފަސް ޓީމަކުން ބައިވެރިވެ އެވެ.

މައި ޔޫޓައިލް ސްޕޯޓްސް އެކަޑަމީގެ ވެރިޔާ މޫސާ އިބްރާހިމް (މުސްތަޓޭ) “ފަހުމިނެޓް” އަށް މައުލޫމާތު ދިން ގޮތުގައި  މިއީ މީގެ ފަސް އަހަރުކުރިން ރަށުގައި އޭނާ ހުޅުވި އެކަޑަމީ އަށް ރަށުގެ އެކި މުއައްސަސާ ތަކުން ލިބެމުން އަންނަ ފުރިހަމަ އެހީތެރިކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ. އެނގިފައިވާ ގޮތުގައި މިއީ ސަރުކާރުގެ އޮފީސްތަކަށް ހުޅުވާލައިގެން ފުޓްސަލް މުބާރާތެއް ހޮޅުދޫގައި ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ.

“ހަގީގަތުގަ އެކަޑަމީ ގެ މަސައްކަތްތައް މިހާ ރަގަޅަށް ކުރިއަށް މިގެންދެވަނީ ރަށުގައި ހުރި މުއައްސަސާތަކުން މިކަމަށް ލިބޭ އެއްބާރުލުމުގެ ސަބަބުން. އެހެންވެގެން އެކަން ފާހަގަކުރުމުގެ ގޮތުން އަސްލު މިކަހަލަ މުބާރާތެއް ކުރިއަށްގެންދަން ނިންމީ.” ކުޅިވަރު ކުރިއެރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ހޮޅުދޫގައި ކުރަމުން އަންނަ މުސްތަޓޭ ބުންޏެވެ.

މުސްތަޓޭ ބުނި ގޮތުގައި މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް ލީގު އުސޫލުން ކުރިއަށްގެންދާ ފުޓްސަލް މުބާރާތުގެ އިތުރުން އެކަޑަމީގައި ބައިވެރިވާ ދަރިވަރުންގެ ބެލެނިވެރިންނަށް އަމާޒުކޮށްގެންވެސް ފުޓްސަލް މުބާރާތެއް ކުރިއަށްގެންދަން ވަނީ ރާވައިފަ އެވެ. މީގެ އިތުރުން އުމުރުން 45 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންނަށް ބައިވެރިވެވޭ ގޮތަށް އެއިޓް އެ ސައިޑް ފުޓްބޯޅަ މެޗެއްވެސް ބާއްވާ ގޮތަށް އެކަޑަމީން ވަނީ ރާވައިފަ އެވެ.

“ފަސް އަހަރު ދުވަސް ވަންދެން އެކަޑަމީ އެއް މިކަހަލަ ރަށެއްގަ ކާމިޔާބުކާމާއެކު ހިންގުމަކީ ފަސޭހަ ކަމެއް ނޫން. އެކަން އަޅުގަނޑަށް ފަސޭހަ މިވީ މިރަށުގެ ރައްޔިތުން އަޅުގަނޑަށް އިތުބާރުކޮށް މި އެކަޑަމީގެ މަސައްކަތްތަކަށް ދިން އެހީތެރިކަމުގެ ސަބަބުން. މި ފުރުސަތުގައި ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުން.” މުސްތަޓޭ “ފަހުމިނެޓް” އާ ވާހަކަދައްކަމުން ބުންޏެވެ.

އަންނަ މަހުގެ 4 ވަނަ ދުވަހު ފަސް އަހަރު ފުރޭ މައި ޔޫޓައިލް އެކަޑަމީގެ އަހަރީ ދުވަހާ ގުޅުވައިގެން މިހާރު ކުރިއަށްގެންދާ ފުޓްސަލް މުބާރާތުގައި، ރަށު ކައުންސިލް، ފެނަކަ ބްރާންޗް، ސިއްހީ މަރުކަޒު އަދި ހޮޅުދޫ މޭނާ ސްކޫލުން ޓީމު ބައިވެރިކޮށްފައިވާ އިރު ފަސްވަނަ ޓީމަކަށް އޮތީ ހޮޅުދޫގައި ތިބޭ ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުންނާއި، ފުލުހުންގެ އިތުރުން ކޯޓްގެ މުވައްޒަފުން ހިމެނޭ ގޮތުން އެކުލަވާލައިފައިވާ ޓީމެކެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށްގެން އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ފައިނަލްގެ ފުރަތަމަ ޖާގަ ލިބޭ ގޮތަށް އޮތްއިރު ދެވަނަ ޓީމެއް ހޮވާނީ ދެވަނަ އަދި ތިންވަނައަށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމުގެ މެދުގައި މެޗެއް ކުޅެގެންމެވެ. މި މުބާރާތް ކުރިއަށްގެންދިއުމުގައި ޔޫތު މިނިސްޓްރީ އާއި ހޮޅުދޫގެ ވިޔަފާރިވެރިންގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށް މުސްތޮޓޭ ބުނެފައިވެ އެވެ.

2006 ވަނަ އަހަރު ހޮޅުދޫގައި ހުޅުވި މައި ޔޫޓައިލް ސްޕޯޓްސް އެކަޑަމީގައި މިވަގުތު 238 ކުދިން ބައިވެރިވަމުން އާދެ އެވެ. ޖުމްލަ ފަސް ކުޅިވަރަކުން މި އެކަޑަމީގައި ކުދިންނަށް ތަމްރީން ދެމުން އަންނަ އިރު ފަސް ކޯޗަކު ކުދިންނަށް އިރުޝާދުދީ އުނގަންނައިދިނުމުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.

  • alhugandhu mee mi academy gai under 12 batch ge dharivareh ehenkamun alhugandu bunaany moosa coach ashaai ehenihen hurihaa coachunnah varah bodah thanks eve
    may Allah be pleased with your hard work to improve players in N.Holhudhoo