ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށް ބަޔާނުން ބާސެލޯނާގެ ރެކޯޑާ ހަމަކޮށްފި
ފީފާ ކްލަބް ވޯލްޑް ކަޕްގެ ފައިނަލުގައި ރޭ 1-0 އިން މެކްސިކޯގެ ޓިގްރެސް ބަލިކޮށް ތަފާތު ހަ މުބާރާތް ޖެހިޖެހިގެން 6 ވަނަ ފަހަރަށް ކާމިޔާބުކުރި ޔޫރަޕްގެ ދެ ވަނަ ކްލަބަކަށް ޖަރުމަނުގެ ބަޔާން މިއުނިކް ވެއްޖެ އެވެ.
ޔޫރަޕްގެ ކްލަބްތަކުގެ ތެރެއިން މީގެ ކުރިން އަހަރެއްތެރޭ 6 ތަށި ހޯދި ހަމައެކަނި ކްލަބަކީ 2009 ވަނަ އަހަރު ބާސެލޯނާ އެވެ. އާދަޔާހިލާފު މޮޅު ކުޅުމެއް ދައްކައި ބާސެލޯނާއިން އެ އަހަރު 6 ތަށި ކާމިޔާބުކުރީ މިހާރު މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ކޯޗުކަމުގަ އެވެ.
މިދިޔަ ނުވަ މަސްތެރޭ ބަޔާނުން ވަނީ ކްލަބް ވޯލްޑް ކަޕް ހިމެނޭގޮތަށް ޖަރުމަނު ބުންޑަސްލީގާ އާއި، ޖަރުމަނު ކަޕް، ޔޫއެފާ ޗެމްޕިއަންސް ލީގު، ޔޫއެފާ ސުޕަ ކަޕް އަދި ޖަރުމަނު ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ.
ގަތަރުގެ އަލް ރައްޔާންގައި ހުންނަ އެޑިއުކޭޝަނަލް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ބަޔާން މޮޅުވި ގޯލު 59 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފްރާންސްގެ ޑިފެންޑަރު ބެންޔަމިން ޕަވާޑް އެވެ. ޕަވާޑްގެ މި ގޯލު ގަބޫލުކުރީ އެވަގުތު ރޮބާޓް ލެވަންޑޯސްކީ އޮފްސައިޑް ކަމަށް ބުނެ ގޯލު ކެންސަލް ކުރުމަށް ފަހު ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީ ހޯދުމަށް ފަހު އެވެ.
ބަޔާން އަތުން ބަލިވި ޓިގްރެސް އަކީ ނޯތު / ސެންޓްރަލް އެމެރިކާ ސަރަހައްދުން މި މުބާރާތުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ޓީމެވެ. މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވަނީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރާ ޔޫރަޕްގެ ކްލަބްތަކުންނެވެ. މިއީ ޔޫރަޕްގެ ކްލަބްތަކުން ޖެހިޖެހިގެން ދުނިޔޭގެ ކްލަބް ޗެމްޕިއަންކަން ހޯދި އަށް ވަނަ އަހަރެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ބަޔާންގެ ލެވަންޑޯސްކީ އަށް ލިބުނުއިރު ތިން ގޯލާ އެކު ލަނޑު ލިސްޓުގެ އެއް ވަނަ ހޯދީ ޓިގްރެސް ޓީމުގެ އުމުރުން 35 އަހަރުގެ ކުރީގެ ފްރާންސް ފޯވާޑް އަންދްރޭ –ޕިއޭ ގިގްނަކް އެވެ.
ބަޔާންގެ ކާމިޔާބު އަހަރުގެ ފަހަތުގައި ހުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެޓީމުގެ ކޯޗުކަމާ ހަވާލުވި ހަންސީ ފްލިކް އެވެ. ހަންސީގެ ކޯޗުކަމުގައި އެޓީމުން ކުޅުނު 68 މެޗުގައި ތެރެއިން 58 މެޗު ކާމިޔާބު ކޮށްފައިވެ އެވެ.
“އަހަރެން ބޭނުން ހަންސީ އަށް ބުނެލަން، ތިއީ ޖެހިޖެހިގެން 6 ތަށި ކާމިޔާބުކުރި ދެ ވަނަ ޓީމޭ. މީގެ ކުރިން އެކަންކުރީ 2009 ވަނަ އަހަރު ބާސެލޯނާ. ފަހަރެއްގަ މެސީ އާއި ބާސެލޯނާގެ އެޓީމަށް ގުޅައި ހަތް ވަނަ ތަށި ހޯދާނެ ޓީމެއް ބަލަން މެޗެއް ކުޅެވިދާނެ” ހަންސީ އަށް ތައުރީފް ކުރަމުން ގާޑިއޯލާ ބުނެފައިވެ އެވެ.
Advertisement
Leave a Reply