ލީގު ހުއްޓާލަން ޖެހުމަކީ ފުޓްބޯޅަ އާއިލާ އަށް ލިބުނު ނިކަމެތިކަމެއް: ސުޒޭން

ކޮވިޑް-19 އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ފިޔަވަޅުތައް ހަރުކަށިކުރުމުން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ހުއްޓާލަން ޖެހުމަކީ ފުޓްބޯޅަ އާއިލާއަށް ލިބުނު ވަރަށް ބޮޑު ނިކަމެތިކަމެއް ކަމަށް ރާއްޖޭގެ ސީނިއާ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
ކޮވިޑް ކޭސްތައް ރާއްޖޭގައި އަނެއްކާވެސް ގިނަވެ ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދިއުން މެދުކަނޑާލަން އެޗްޕީއޭއިން އެންގުމުން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިދިޔަ ހަފްތާގެ ބުދަ ދުވަހުން ފެށިގެން ވަނީ މެދުކަނޑާލައިފަ އެވެ. ކުޅުން މެދުކަނޑާލިއިރު އާ ސީޒަން ފެށީ ފުޓްބޯޅަ ކުރިއަށް ގެންދިއުމަށް ސަރުކާރުން ދިން ހާއްސަ ހުއްދައެއްގެ ދަށުން މިދިޔަ ޑިސެމްބަރު މަހު އެވެ. ކްލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) އާއި ގައުމީ ފުޓްބޯޅަ ޓީމުގެ ތަރި ހަމްޒާ މުހައްމަދު (ހަމްޕު) އާއި މިހާރު ނޫހުގެ ކުޅިވަރު ޖާނަލިސްޓް އައްޒާމް އަލީ ހިމެނޭގޮތަށް އެފްއޭއެމުން މިރޭ ކުރިއަށްގެންދިޔަ “ލެޓްސް ޓޯކް” ފުޓްބޯޅަ ޝޯގައި ވާހަކަދައްކަމުން ސުޒޭން ބުނީ އެއްވެސް މައްސަލައެއް ދިމާނުވެ އޮއްވައި ފުޓްބޯޅަ މެދުކަނޑާލަން ޖެހުމަކީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށެވެ.
“ދިވެހި ލީގު ހުއްޓާލުން އަޅުގަނޑު ދަންނަވާނީ ވަރަށް ބޮޑު މައްސަލައެކޭ. އެއީ ކަމެއް ގޯސްކޮށް ހިނގަންޏާ އެކަމެއް ހުއްޓުވާލަން ޖެހޭނީ. މިސާލަކަށް ޓްރެކަށް ގޮސްފަ ދެހާސް ވަރަކަށް މީހުން ފަނަރަސަތޭކަ މީހުން އެއްފަހަރާ އެތަން ބޭނުންކޮށްލާއިރު އޮންނަކަހަލަ މަސްހުނި ކަމެއް ނޫނީޔާމު ރައްކާތެރިކަން ކުޑަގޮތެއް ގައިމުވެސް ދިވެހި ލީގުގަ ނޯންނާނެ. އެއަށްވުރެ މާބޮޑަށް ބެލެހެއްޓިގެން މާބޮޑަށް އިންތިޒާމުތަކުގެ ތެރެއިން ގެންދިޔައީ” ސުޒޭން ބުންޏެވެ.
— Ali Nisthar Mohamed (@nistharrr) February 10, 2021
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށީ ހާއްސަ ގަވާއިދުތަކެއްގެ ތެރެއިން އެޗްޕީއޭގެ ހުރިހާ އެންގުމަކަށް ވަރަށް ބޮޑަށް އިޖާބަދީގެންނެވެ. ސުޒޭން ބުނީ ފުޓްބޯޅަ އާއިލާގެ ތެރެއިން ކްލަސްޓާއެއް އުފެދިފައިނުވާއިރު ހަރުކަށި ކުރާ އުސޫލުތައް ވާންޖެހޭނީ އިންސާނާގެ ބުއްދިއަށް ވިސްނޭގޮތައް ހަދާ އުސޫލުތަކަކަށް ކަމަށެވެ.
“ބައެއް މީހުންނަށް ހީވަނީ ފުޓްބޯޅަ އާއިލާއޭ ބުނީމަ މިހާރު މިއޮތްގޮތުން ދަނޑަށް މީހުން މަދުން ވަންނާތީވެ މިއީ ވަރަށް ކުޑަ ކޮމިއުނިޓީއެކޭ. ދިވެހިރާއްޖޭގަ ފުޓްބޯޅަ އާއިލާއަކީ އަދިވެސް ކުޅިވަރަކަށް ބަލާއިރު ބިޔަ ކޮމިއުނިޓީއެއް. ވަރަށް ބޮޑު ކޮމިއުނިޓީއެއް” ސުޒޭން ބުންޏެވެ.
ފުޓްބޯޅަ ހުއްޓާލަން ޖެހުމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި ކްލަބްތަކުގެ މެނޭޖްމަންޓުންނާއި ޓީމުގެ ކޯޗުން ވެސް އަންނަނީ މި ނިންމުމަކީ ފުޓްބޯޅަ އާއިލާއަށް ލިބުނު ވަރަށް ބޮޑު ދެރައެއް ގޮތަށް ސިފަކުރަމުންނެވެ.
“ލީގު ހުއްޓާލުމަކީ ދިވެހި ފުޓްބޯޅައަށް ލިބުނު ވަރަށް ބޮޑު ނިކަމެތިކަމެއް” ގިނަ ތައްޔާރީތަކާއެކު އެފްއޭއެމުން ވަރަށް ފުރިހަމަކޮށް ގެންދާ ފުޓްބޯޅަ ސީޒަން ހުއްޓާލަން ޖެހުމުން ކަންބޮޑުވުން ފާޅުކުރަމުން ސުޒޭން ބުންޏެވެ.
ޝޯގައި ބައިވެރިވި އީގަލްސްގެ ކޯޗު ޝާޒް ބުނީ ލީގުގެ ކުޅުން ކުރިއަށްގެންދަން ހުއްދަ ދިނީވެސް ވަރަށް ގިނަ ކަންތައްތަކެއް ކުރުމަށް ޝަރުތުކޮށްފައިކަމަށާއި މި ހާލަތުގައި ޕްރޮފެޝަނަލް ކުޅިވަރެއް ހުއްޓާލާފައި އަލުން ފަށަން ހުއްދަދިނަސް އެއީ އެހާ އަވަހަށް ކުރެވޭނެ ކަމެއް ނޫންކަމަށެވެ.
“ފުޓްބޯޅައޭ ބުނީމާ އާއްމުންނަށް ވަރަށް ބޮޑަށް ފާހަގަވެގެން ދާނީ ވަރަށް ގިނަބަޔަކު އެއްތަނަކަށް އެއްވެގެން ކުރާކަމެއްގެ ގޮތުގައި. އެހެންނަމަވެސް މީގަ ދެކަމެއް ފާހަގަކުރަންޖެހޭ ކަންނޭނގެ. ޕަބްލިކް އެ ބުނާ ފުޓްބޯޅަ ކުޅެން އޯޕަން ކޮށްލާކަށް ނޫން އަޅުގަނޑުމެން ހަގީގަތުގަ މި ބުނަނީކީއެއް.” ފުޓްބޯޅައިގެ ޕްރޮފެޝަނަލްކަން ހާމަކުރަމުން ޝާޒް ބުންޏެވެ.
އެހެން ސީޒަންތަކާ ހިލާފަށް މި ސީޒަނުގައި ޓީމުތައް ފެންނަނީ ވާދަވެރިކޮށެވެ. އަދި ގިނަ ކްލަބްތަކުގައި ކުޅޭ ކުޅުންތެރިންނަކީ މިހާރު ފުޓްބޯޅައަށް ހުސްވެގެން ތިބެ ލިބޭ އާމްދަނީން އާއިލާގެ ކަންކަން ހަމަޖައްސާ ކުޅުންތެރިންނެވެ. ފުޓްބޯޅަ ހުއްޓާލުމުން އެކަމުގެ މާލީ ގެއްލުން އެތައް އާއިލާއަކަށް ކުރާނެ އެވެ.
“އަޅުގަނޑުމެން މިހާރު ހަގީގަތުގައި މި ދައްކަނީ ޕްރޮފެޝަނަލްކޮށް ކުޅޭ ފުޓްބޯޅަ ކުޅޭ ކުޅުންތެރިންގެ ވާހަކަ އާއި ޕްރޮފެޝަނަލްކޮށް ފުޓްބޯޅަ ލީގެއްގެ ވާހަކަ. އެކަން ހުއްޓާލައިގެން. އަޅުގަނޑު ވަރަށް ބޮޑަށް ބޭނުންވޭ ޕަބްލިކަށް އެނގެން ހަގީގަތުގައި ފުޓްބޯޅަ ނުކުޅެވިގެން ކުޅިވަރު ނުކުޅެވިގެން މަޖާ ނުކުރެވިގެން އެކަމަށް ޝަކުވާކުރާ ކަހަލަ ގޮތަކަށް ނޫންކަން އަޅުގަނޑުމެންގެ ވާހަކަ މި ބިނާކުރަނީވެސް. އަޅުގަނޑުމެން ވެސް ގަބޫލުކުރަން ގަވާއިދުތަކާ މިންގަނޑުތަކަށް ހުރިހާ ކަމެއް އޮންނާނީ” ސީޒަނުގެ ކުރީކޮޅު ޓީސީ ސްޕޯޓް ކްލަބަށް އިރުޝާދުދިން ޝާޒް ބުންޏެވެ.

ގައުމީ ޓީމުން މިދިޔަ އަހަރު ކުރިއަށްގެންދިޔަ ފަރިތަކުރުމުގެ ތެރެއިން. އަންނަ މަހު ގައުމީ ޓީމުން މުހިއްމު މެޗުތަކަކަށް ނުކުންނާނެ. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް
ރާއްޖޭގެ ފުޓްބޯޅައިގައި މިއީ މުހިއްމު އަހަރެކެވެ. އަންނަ މަހުގެ ފަހުކޮޅު ވޯލްޑް ކަޕް ކޮލިފައިންގެ މުހިއްމު މެޗުތަކެއް އޮތްއިރު އޭއެފްސީ ކަޕްގައި ރާއްޖޭގެ ކްލަބްތަކުން ވާދަކުރުމާއި ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތާއި އޭޝިއަން ކަޕް ކޮލިފައިން މިއަހަރު އޮންނާނެ އެވެ. އާ ސީޒަން ފެށިއިރު ކްލަބްތަކުގެ ކޯޗުންނަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ގާތްގަނޑަކަށް ނުވަ މަސްދުވަހުގެ މެދުކެނޑުމަކަށް ފަހު ކުޅުން އަލުން ފެށިއިރު ކުޅުންތެރިންގެ ފިޓްނެސް ރަނގަޅުނުވުމެވެ. އެކަމަކު ހާއްސަ ހުއްދައިގެ ދަށުން ޕްރެކްޓިސް ފަށައި ލީގުގެ ދެ ވަނަ ބުރާއި ހަމައަށް އައިއިރު ކުޅުންތެރިން ފިޓްނެސް ވަރަށް ބޮޑުތަން ރަނގަޅުވެފައިވާކަމަށް ބައެއް ކޯޗުން ވަނީ ފާހަގަކޮށްފަ އެވެ. އެކަމަކު ޕްރެކްޓިސް ވެސް ނުކުރެވޭގޮތަށް ފުޓްބޯޅަ ހުއްޓާލަން ޖެހުމުން ކްލަބްތަކާއި ގައުމީ ޓީމުގެ ކުޅުންތެރިންގެ ފިޓްނެސް އަށް ނުރަނގަޅު އަސަރުތަކެއް އަނެއްކާވެސް ކުރާނެ އެވެ.
“މާދަމާ އަދި ލީގު ކުޅެން ހުއްދަ ދިންކަމުގައި ވިޔަސް އަޅުގަނޑުމެންނަށް ލީގެއް ނުއެއް ފެއްޓޭނެ. އެއީ ލީގު ފައްޓަން ވެއްޖިއްޔާމު ގާތްގަނޑަކަށް ދެހަފްތާ ބޭނުންވާނެ ކުޅުންތެރިން އަނެއްކާވެސް ޓްރެއިން ކުރަން. ފިޓްނެސް ހިފަހައްޓަން. އެހެންވީމަ މި ހުރިހާ ކަމަކަށް ބަލާއިރު ހުއްޓާލާފަ އަނެއް ދުވަހު ކުޅެވޭ ގޮތަކަށް އޮންނަ ކަމެއް ނޫން މިއީ” ޝާޒް ބުންޏެވެ.
Leave a Reply