ކޭން އާއި އިބްރަހިމޮވިޗަށް ތާރީހީ ރެޔެއް

Advertisement

ކޭން އާއި އިބްރަހިމޮވިޗަށް ތާރީހީ ރެޔެއް

ޢަލީ ޝަހީމް

އިނގިރޭސި ޕްރިމިއާ ލީގާއި އިޓާލިއަން ލީގުގައި މިރޭ ކުޅުނު މެޗުތަކުގައި ގޯލު ޖަހައި ޓޮޓެންހަމް ހޮޓްސްޕާސްގެ އިނގިރޭސި ފޯވާޑް ހެރީ ކޭން އާއި އޭސީ މިލާނަށް ކުޅޭ ސްވިޑެންގެ ތަޖުރިބާކާރު ފޯވާޑް ޒަލަޓަން އިބްރަހިމޮވިޗް ތާރީހީ ރެކޯޑްތަކެއް ހަދައިފި އެވެ.

ލީގުގައި މިއަދު ހަވީރު އަމިއްލަ ދަނޑުގައި ޓޮޓެންހަމް އިން 2-0 އިން ވެސްޓް ބްރޮމް ބަލިކުރި މެޗުގައި ޖެހި ގޯލާ އެކު ކޭން ވަނީ ޓޮޓެންހަމަށް ދެ ވަނަ އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ދެކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ. ޓޮޓެންހަމަށް ހުރިހާ މުބާރާތެއްގައި ކުޅުނު 317 މެޗުގައި 208 ގޯލު ކޭން ޖަހާފައިވާއިރު ކޭންއާ އެކު ލަނޑު ލިސްޓުގެ ދެ ވަނައިގައި އޮތް ބޮބީ ސުމިތު ވެސް ވަނީ ހަމަ އެ އަދަދަށް މެޗު ކުޅެގެން 208 ލަނޑު ޖަހައިފަ އެވެ.

Advertisement

27 އަހަރުގެ ކޭން ޓޮޓެންހަމްގެ ސީނިއާ ޓިމުން ފެންނަން ފެށީ 15-2014 ވަނަ ސީޒަނުގަ އެވެ. ވޭތުވެދިޔަ އަހަރުތަކުގައި ކޭން ވެފައިވަނީ ޓޮޓެންހަމުން ހޯދި ކުރިއެރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިޔާއަށެވެ. މިއަދުގެ މެޗުގެ ކުރިން ލީގުގައި ކުޅުނު ދެ މެޗުގައި އަނިޔާގެ ސަބަބުން ކޭން އަށް ނުކުޅެވުނުއިރު އެ މެޗުތަކުގައި އެޓީމަށް ގޯލެއް ވެސް ނުޖެހުނެވެ. އެކަމަކު އަނިޔާއިން އެނބުރި އައިސް ކޭން މިއަދު ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ ދެ ވަނަ ހާފުގައި ކޭންގެ ލަނޑުން ޓޮޓެންހަމް ލީޑު ނެގިއިރު ދެ ވަނަ ލަނޑު އޭގެ އިރުކޮޅެއް ފަހުން ކާމިޔާބުކޮށްދިނީ ސޮން ހެއުން މިން އެވެ. މޮޅާ އެކު ޓޮޓެންހަމް މިހާރު ވަނީ 36 ޕޮއިންޓް ހޯދާއި ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ.

މިލާނުން ލީގުގައި މިރޭ 4-0 އިން ކްރޮޓޯން އަތުން މޮޅުވި މެޗުގައި އިބްރަހިމޮވިޗް ވަނީ ކްލަބް ލެވެލްގައި 500 ގޯލު ހަމަކޮށްފަ އެވެ. މެޗުގައި 39 އަހަރުގެ އިބްރަހިމޮވިޗް ދެ ލަނޑު ޖެހިއިރު އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ކްރޮއޭޝިއާގެ އަންޓޭ ރެބިޗް އެވެ. ދެ ގޯލާ އެކު ކްލަބް ލެވެލްގައި އިބްރަހިމޮވިޗް ޖެހި ޖުމްލަ ގޯލުގެ އަދަދު ވަނީ 501 އަށް އަރައިފަ އެވެ. އިބްރަހިމޮވިޗް ކުޅުނު ކްލަބް ތަކަކީ މިހާރުގެ ކްލަބް މިލާންގެ އިތުރުން ސްވިޑެންގެ މަލްމޯ، އަޔަކްސް، ޔުވެންޓަސް، އިންޓަ މިލާން، ބާސެލޯނާ، ޕީއެސްޖީ، މެންޗެސްޓަރ ޔުނައިޓެޑް އަދި އެމެރިކާ ލީގުގެ އެލްއޭ ގެލަކްސީ އެވެ. 500 ގޯލުގެ ތެރެއިން މިލާނަށް 82 ލަނޑު ޖަހައިދިންއިރު ޕީއެސްޖީ އަށް އޭނާ ވަނީ 156 ލަނޑު ޖަހައިދީފަ އެވެ.

މުހިއްމު މޮޅާ އެކު މިލާން މިހާރު އޮތީ 21 މެޗުން ލިބިފައިވާ 49 ޕޮއިންޓާ އެކު އިޓާލިއަން ލީގުގެ އެއް ވަނައިގަ އެވެ. ދެ ވަނައިގައި އޮތް އިންޓަ އަށް 47 ޕޮއިންޓް ލިބިފައިވާއިރު ތިން ވަނައިގައި 42 ޕޮއިންޓާ އެކު އޮތީ ޔުވެންޓަސް އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *