އަހަރެމެންނަކީ ތަށްޓަށް ވާދަކުރާ ބައެއް ގެ ގޮތުގައި ދެކިގެން ނުވާނެ: ސޯލްޝެއަރ
މެންޗެސްޓަރ ޔުނައިޓެޑަކީ ލީގު ތަށްޓަށް ވާދަކުރާ ޓީމެއްގެ ގޮތުގައި ނުބެލުމަށް އެ ޓީމުގެ ކޯޗު ނޯވޭގެ އޮލެ ގުނަ ސޯލްޝެއަރ އެދިއްޖެ އެވެ. ސޯލްޝެއަރ މި މޭރުމުން ވާހަކަދައްކައިފައިވަނީ އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އެވަޓަން އާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެގެން ނިމުމާއެކު ސްކައި ސްޕޯޓްސްގެ ފަރާތުން ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.
“އަހަރެމެން ލީގު ކާމިޔާބުކުރާ ވާހަކައެއް ނުދައްކަން. އަހަރެމެން މި ހިސާބަށް މިއައީ ވަރަށް ދިގު ރާސްތާ އެއް ކަޑައްތުކޮށްފަ. އަހަރެމެންނަކީ ތަށްޓަށް ވާދަކުރާ ބައެއްގެ ގޮތުގައި ބަލައިގެން ނުވާނެ. މިއީ މީޑިއާ އަށް އަހަރެން ބުނާ އެއްޗެއް. ޓީމެއްގެ ގޮތުގައި އަހަރެމެންނަށް ކުރިއެރުންތަކެއް ލިބިއްޖެ. ހިނގާ ބަލަމާ އަހަރެމެންނަށް ނިންމާލެވެނީ ކިހާ ހިސާބެއްގަތޯ.” މީގެ ދެ އެހަރު ކުރިން ޔުނައިޓެޑްގެ ކޯޗުކަމުގެ މަގާމާ ހަވާލުވި ސޯލްޝެއަރ ބުންޏެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އެވަޓަން އާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެގެން ނިމުމާއެކު ޓޭބަލްގެ އެއްވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އާ ޕޮއިންޓްގެ ގޮތުން ހަމަހަމަކުރަން ޔުނައިޓެޑަށް ލިބުނު ފުރުސަތު ވަނީ ގެއްލިފަ އެވެ. 23 މެޗު ކުޅެގެން ލިބުނު 45 ޕޮއިންޓާއެކު ޔުނައިޓެޑް ދެ ވަނައިގައި އޮތް އިރު ސިޓީ 47 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ޔުނައިޓެޑަށްވުރެ ދެ މެޗު މަދުން ކުޅެގެންނެވެ. މިރޭ ލިވަޕޫލާ ދެކޮޅަށް ސިޓީން ކުޅޭ މެޗު އެ ޓީމުން ކާމިޔާބުކޮށްފިނަމަ ސިޓީ އަށް ޓޭބަލްގެ އެއްވަމައިގައި ފަސް ޕޮއިންޓްގެ ލީޑެއް ލިބޭނެ އެވެ.
ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ދެ ގޯލު ވެސް ކާމިޔާބުކުރީ ޔުނައިޓެޑުންނެވެ. މެޗުގެ 24 ވަނަ މިނެޓްގައި މާކަސް ރެޝްފޯޑް ނަގައިދިން ހުރަހަކުން، ޔުނައިޓެޑަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ އެ ޓީމަށް ލީޑް ހޯދައިދިން އިރު މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބްރޫނޯ ފެނާންޑެސް މޮޅު ގޯލެއް ޖަހައި މެޗުގެ ނަތީޖާ 0-2 އަށް ބަދަލު ކުރި އެވެ. އެކަމަކު މެޗުގެ ދެވަނަ ހާފު ފަށައިގެން ދިހަ މިނެޓްވެސް ނުވަނީސް އެވަޓަން އިން ދެ ގޯލް ޖަހައި މެޗުގެ ނަތީޖޒާ ހަމަހަމަ ކުރި އެވެ. އެވެޓަންގެ ފުރަތަމަ ލަނޑު މެޗުގެ 49 ވަނަ މިނެޓްގައި ޑޯކޯ ކާމިޔާބުކޮށްދިން އިރު އޭގެ ތިން މިނެޓް ފަހުން އެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ހަމޭސް ރޮޑްރިގޭޒް އެވެ.
ޔުނައިޓެޑުން ރޭގެ މެޗު ޑޮމިނޭޓް ކޮށްގެން ކުޅެފައިވާއިރު އެ ޓީމަށް ގެއްލުނު ލީޑު މެޗުގެ 70 ވަނަ މިނެޓްގައި ލޫކް ޝޯ ދިން ބޯޅައަކުން އަލުން ހޯދައިދިނީ ސްކޮޓް މެކްޓޮމިނޭ އެވެ. މި ލީޑްގައި ޔުނައިޓެޑް މެޗު ނިންމަން ސިކުންތު ކޮޅަކަށް ވެފައި އޮއްވައި ޔުނައިޓެޑްގެ އުއްމީދުތައް ފުނޑުފުނޑުކޮށްލީ މެޗުގެ އިތުރު ވަގުތުގެ ފަހުމިނެޓްގައި ކަލްވާޓް ލުއިން ޔުނައިޓެޑްގެ ގޯލަށް ވައްދާލި ގޯލުންނެވެ.
Advertisement
Leave a Reply