މަ ހިޔެއް ނުކުރަން ކްލޮޕް އަކީ އެކަހަލަ މީހެއް ކަމަކަށް: ގާޑިއޯލާ

މަ ހިޔެއް ނުކުރަން ކްލޮޕް އަކީ އެކަހަލަ މީހެއް ކަމަކަށް: ގާޑިއޯލާ

ޢަބްދުﷲ އަޝްރަފް

ކޮވިޑް 19 ގެ ސަބަބުން މެޗުތަކުގެ ޝެޑިއުލަށް ގެނެވުނު ބަދަލަކާއެކު މެންޗެސްޓަރ ސިޓީއަށް ދެ ހަފްތާގެ ބްރޭކެއް ލިބުނުކަމަށާއި، އެކަމުގެ ފައިދާ ސިޓީއަށް ކޮށްފައިވާ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނުމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އެކަމަށް ރައްދު ދީފި އެވެ. އިނގިރޭސި ޕްރިމިއަރ ލީގުގައި މާދަމާ ރޭ ސިޓީ އާއި ލިވަޕޫލް ވާދަކުރާ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ގާޑިއޯލާ ބުނެފައިވަނީ ކްލޮޕް އަކީ އެފާޑުގެ މީހެއް ކަމަށް ކުރިން އޭނާ އަށް ހީކުރެވިފައި ނެތްކަމަށެވެ.

ދެ ހަފްތާގެ ބްރޭކެއް ސިޓީއަށް ލިބުނު ކަމަށް ކްލޮޕް ބުނެފައިވީ ނަމަވެސް ކޮވިޑްގެ ސަބަބުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު އެވަޓަން އާ ދެކޮޅަށް އެ ޓީމު ކުޅެން ހަމަޖެހިފައި އޮތް ލީގު މެޗް ފަސްކުރުމާ ގުޅިގެން ސިޓީއަށް ލިބުނީ އަށް ލިބުނީ ދުވަހުގެ ބްރޭކެކެވެ.

ލީގުގައި ލިވަޕޫލާއި ސިޓީ ވާދަކުރަން ހަމަޖެހިފައިވާ މެޗު އޮތީ އާދީއްތަ ދުވަހުގެ ރޭ 09:30 ގައެވެ.

މާދަމާ ރޭގެ މެޗަށް އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާ ދެކޮޅަށް ސިޓީން ނުކުންނައިރު އެ ޓީމު އެންމެ ފަހުން ކުޅުނު 13 މެޗު ވެސް ވަނީ ކާމިޔާބުކޮށްފަ އެވެ. ޕްރިމިއަރ ލީގުގެ އެއްވަނައިގައި މިވަގުތު ސިޓީ އޮތް އިރު ލިވަޕޫލް ވަނީ ހަތަރު ވަނަ އަށް ވެއްޓިފަ އެވެ. އެ ޓީމު އެންމެ ފަހުން ކުޅުނު ދިހަ މެޗުގެ ތެރެއިން ކާމިޔާބުކުރެވިފައިވަނީ ވެސް އެންމެ ހަތަރު މެޗެވެ. މިފަހަކަށް އައިސް ލިވަޕޫލްގެ ފަރާތުން ފެނުނު ދަށް ފޯމާ ގުޅިގެން، އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޮލޮޕާ ކުރިމަތިކުރި ސުވާލަކަށް ޖަވާބު ދެމުން އޭނާ ބުނެފައިވަނީ އެއީ ލިވަޕޫލަށް ބްރޭކެއް ނުލިބުމުގެ ސަބަބުން ކުރިމަތިވި ކަމެއް ކަމަށެވެ.

“އަހަރެންނަށް ހީވަނީ ސިޓީ އަށް ކޮވިޑާ ގުޅިގެން ދެ ހަފްތާގެ ބްރޭކެއް ލިބުނު ހެން.” ކްލޮޕް ބުނެފައިވެ އެވެ.

ސިޓީގެ ޕްރެސް ކޮންފަރެންސް އިއްޔެ އޮތީ ލިވަޕޫލްގެ ކޮންފަރެންސް އަށް ވުރެ ފަހުން ކަމަށްވުމާއެކު ކްލޮޕްގެ ވާހަކަތަކާ ގުޅިގެން ގާޑިއޯލާ ދެކޭގޮތް އޮޅުން ފިލުވުމަށް ނޫސްވެރިން ވަނީ ސުވާލުކޮށްފަ އެވެ.

“އެއީ ކްލޮޕަށް އެރި އޮޅުމެއް. އަހަރެމެންނަށް ލިބުނީ ދެ މަސް ނޫނީ ތިން މަސްދުވަހުގެ ބްރޭކެއް ނޫންތަ؟ ނޫނޭ. އަހަރެމެންނަށް ހަތަރު މަސްދުވަހުގެ ބްރޭކެއް ލިބުނު. އެހެންވެ އަހަރެމެން މިވަގުތު މިހާ ފޯމްގަ މިއޮތީ.” މަލާމާތުގެ ރާގެއްގައި ގާޑިއޯލާ ބުނެފައިވެ އެވެ.

“ޔާގަން އެބަޖެހޭ ކަލަންޑަރު އަލުން ބަލާލަން. އަހަރެމެންނާ ކޮވިޑްގެ ނުރައްކަލާ ކުރިމަތިވި އަދި އެއް ހަފްތާގެ ބްރޭކެއް ލިބުނު. އޭގެ ފަހުން ސްޓެންފޯޑް ބްރިޖްގައި ޗެލްސީ އާ ދެކޮޅަށް ކުޅުނު މެޗަށް ނުކުތް އިރު އަހަރެމެންގެ ޓީމުގައި ތިބީ 14 ކުޅުންތެރިން. އާދިއްތަ ދުވަހު ޔާގަން އާ ދިމާވީމަ އަހަރެން އަހާނަން އަހަރެމެންނަށް ކިތައް ދުވަސްތޯ ހުސްކޮށް ލިބުނީ. އަހަރެން މިހިރީ ހައިރާންވެފަ. އަހަރެން ހިޔެއް ނުކުރަން ކްލޮޕް އަކީ އެކަހަލަ ކޯޗެއް ކަމަކަށް. އެކަހަލަ ކޮމެންޓެއް ކްލޮޕްގެ ފަރާތުން އައިސްދާނެ ކަމަކަށް އަހަރެން އުއްމީދެއްވެސް ނުކުރަން.” ގާޑިއޯލާ އިތުރަށް ބުނެފައިވެ އެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.