72 ގަޑިއިރު ކައިޓް ސާފްކޮށްގެން ގޮއިދޫގެ ޒުވާނުން ރެކޯޑް ހަދައިފި

Advertisement

72 ގަޑިއިރު ކައިޓް ސާފްކޮށްގެން ގޮއިދޫގެ ޒުވާނުން ރެކޯޑް ހަދައިފި

ޢަބްދުﷲ އަޝްރަފް
ގޮއިދު ޒުވާނުން ކައިޓް ސާފް ކުރުމަށް ފަހު ނަގާފައިވާ ފޮޓޯއެއް. - ފޮޓޯ: ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީ

ކައިޓް ސާފިން އަށް ލޯބިކުރާ ގިނަ އަދަދެއްގެ ޒުވާނުން ދިރި އުޅެމުން އަންނަ ބ. ގޮއިދޫގައި މެދުކެނޑުމެއް ނެތި 72 ގަޑިއިރު ވަންދެން ކައިޓް ސާފް ކޮށްފި އެވެ. އެނގިފައިވާ ގޮތުގައި މިއީ ހުއްޓުމެއް ނެތި މިހާ ގިނަ އިރުވެންދެން ރާއްޖޭގެ ރަށެއްގައި ކައިޓް ސާފްކުރި ފުރަތަމަ ފަހަރެވެ.

ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީގެ ފަރާތުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ މި ހަރަކާތް އެންމެ ފުރަތަމަ ފެށީ މިދިޔަ ހޯމަ ދުވަހުގެ ހެނދުނު 11 ޖެހިއިރު އެވެ. އެކަމަކު ކައިޓާއެކު ސާފް ކުރެވޭ ވަރަށް ވައިގެ ބާރުމިން ނެތުމުގެ ސަބަބުން އެ ދުވަހުގެ ރޭ 8:30 ހާއިރު ކައިޓް ސާފުކުރުން ހުއްޓާލި އެވެ. އޭގެ ފަހުން އަލުން އެ ހަރަކާތް ފެށީ ޖެހިގެން އައި ދުވަހުގެ ފަތިހު 5:30 ގަ އެވެ. އެއާއެކު މިއަދުގެ ފަތިހު 6:30 އާ ހަމައަށް 72 ގަޑި އިރު ހަމަކޮށްފައިވާއިރު މިދިޔަ ތިން ދުވަހުގެ ތެރޭގައި ކައިޓް ދުއްވުން މެދުކަނޑާލައިފައި އޮތީ ހަމައެކަނި ނަމާދު ވަގުތަށެވެ.

Advertisement

ކައިޓް ސާފިންގައި ބައިވެރިވި ގޮއިދޫގެ ބައެއް ޒުވާނުން. ގޮއިދޫގައި ކުޅިވަރުގައި ފާހަގަކޮށްލެވޭ ރަށެއް. – ފޮޓޯ: ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީ

“އަބަދުވެސް މަދުވެގެން ކޮންމެވެސް އެއް ކުއްޖަކު އުޅޭނެ ކައިޓް ހިފައިގެން މޫދުގައި. ރޭގަނޑު ދަންވަރުވެސް ކުރިއަށްގެންދޭ. ހަމައެކަނި ނަމާދު ގަޑިއަށް ދުއްވުން ހުއްޓާލަނީ. އެކަމަކު އެ ވަގުތުވެސް ކައިޓް އޮންނާނެ މަތީގަ. ބައެއް ކުދިން ކޮންޓިނުއަސްކޮށް ހަތަރު ގަޑިއިރުވެސް ދުއްވާފަ އެބަހުރި.” ކައިޓް ސާފިން ހަރަކާތް އިންތިޒާމްކުރުމުގައި ބޮޑު އެހީތެރިކަމެއް ވަމުން ގެންދެވި ގޮއިދޫ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ނިޒާމް “ފަހުމިނެޓް” އަށް ދިން އިންޓަވިއު އެއްގައި ވިދާޅުވިއެވެ.

އާބާދީގައި ހާހަކަށްވުރެ ވެސް މަދު މީހުން ދިރިއުޅެމުން އަންނަ ގޮއިދޫގައި ކުރިއަށް ދިޔަ ކައިޓް ސާފިންގެ މި ހާއްސަ ހަރަކާތުގައި ޖުމްލަ 22 ސާފަރުން ބައިވެރިވެފައިވާއިރު އޭގެ ތެރޭގައި އަންހެން ސާފަރަކު ވެސް ހިމެނެ އެވެ. ގޮއިދޫ ސްކޫލްގައި ތައުލީމް ހާސިލްކުރަމުން އަންނަ ބައެއް ދަރިވަރުންވެސް މި ހަރަކާތުގައި ބައިވެރިވެފައިވާއިރު މިހަރަކާތުގައި ބައިވެރިވި ކުދިންގެ ތެރޭގައި ޖުމްލަ ގޮތެއްގައި ހިމެނިފައިވަނީ އުމުރުން 12 އަހަރުން ފެށިގެން 25 އަހަރާ ދެމެދުގެ ކުދިންކަން އެނގިފައިވެ އެވެ.

“މިއީ މި ރަށުގައި ކައިޓް ސާފްކުރާ ކުދިން މި ކުޅިވަރަށް ލޯބި ޖެއްސުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެއް. މި ހަރަކާތް ކުރިއަށްގެންދިއުމުގައި ގޮއިދޫ ރައްޔިތުންގެ ފަރާތުން ވަރަށް ފުރިހަމަ ތަރުހީބެއް ލިބުނު. ހުރިހާ ކުދިންގެ ބެލެނިވެރިން ވެސް އެކި ގަޑިތަކުގަ އެކުދިންނަށް ކާއެއްޗެހި ގެނެސްދީ ހީވަނީ ހަމަ ބޮޑު އީދެއް އައިސްގެން އުޅުނުހެން. ” ނިޒާމް އިތުރަށް ވިދާޅުވި އެވެ.

ގޮއިދޫގެ ޒުވާނެއް ކައިޓްސާފް ކުރަނީ. – ފޮޓޯ: ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީ

ގޮއިދޫގެ ދެކުނު ފަރާތުގެ ފަޅުތެރޭގައި ކުރިއަށް ގެންދިޔަ ކައިޓް ސާފިން ހަރަކާތް އިންތިޒާމްކުރި ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީގެ ރައީސް ހަސަން ނިޒާމް “ފަހުމިނެޓް” އާ ވާހަކަދައްކަމުން ހާމަކޮށްފައިވާ ގޮތުގައި މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށްގެންދެވުނީ ސާފަރުން ކުރި ހިތްވަރުން ކަމަށެވެ.

“ވަރަށް ހާއްސަ ގޮތެއްގައި ފާހަގަކޮށްލަން މި ހަރަކާތުގައި ބައިވެރިވި ޓީން އޭޖް ކުދިން. އެކުދިން އަސްލު އެންމެ ހިތްވަރު ކުރީ. ދެން ބެލެނިވެރިންގެ ފަރާތުން ލިބުނު އެއްބާރުލުމަކީވެސް ވަރަށް ޝުކުރުވެރިކަމާއެކު ފާހަގަކޮށްލަން ބޭނުންވާ ކަމެއް. އޭގެ އިތުރުން ޔޫތު މިނިސްޓްރީއާ ރެޑް ބުލް މޯލްޑިވެސް ގެ ނަން ވެސް ފާހަގަކޮށްލަން ބޭނުންވޭ.” ހަސަން ނިޒާމް ބުނެފައިވެ އެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަދަ ހަރަކާތެއް މީގެ ކުރިން ރާއްޖޭގައި ކުރިއަށް ގެންގޮސްފައިވަނީ ކުޅުދުއްފުށީ ގައި އެކަންޏެވެ. “ހަތަރުދަން” ގެ ނަމުގައި ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި ކައިޓް ދުއްވާފައިވަނީ 24 ގަޑި އިރު ވަންދެންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *