ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ފަސްކޮށްފި

ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ފަސްކޮށްފި

ޢަލީ ޝަހީމް
މާޒިޔާ އާއި ދަ ގްރާންޑޭ ރޭ ވާދަކުރި މެޗުގެ ތެރެއިން. - ކޮވިޑާ ގުޅިގެން ލީގުގެ ކުޅުން ވަނީ ފަސްކޮށްފައި. - ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ކޮވިޑް-19 އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ފިޔަވަޅުތައް ހަރުކަށިކުރުމުން، މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ފަސްކޮށްފި އެވެ.

އެޗްޕީއޭއިން އިއްޔެ އަޅަން ނިންމި ފިޔަވަޅުތަކުގެ ތެރޭގައި އެކަނިކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހުއްޓާލަން ވަނީ އަންގައިފަ އެވެ. މި ނިންމުމަށް އަމަލުކުރުމަށް ނިންމާފައިވަނީ މިއަދުން ފެށިގެން 14 ދުވަހުގެ މުއްދަތަކަށެވެ. އެހެންވެ ކުރިއަށް އޮތް ދެ ހަފްތާ ދިވެހި ޕްރިމިއާ ލީގުގެ ކުޅުން އޮންނާނެ ކަމަކަށް ނުބެލެވެ އެވެ. އެފްއޭއެމުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނެފައިވަނީ އެޗްޕީއޭގެ ގައިޑްލައިންތަކަށް ތަބާވުމުގެ ގޮތުން ލީގުގެ ކުޅުން މުއްދަތެއް ނެތްގޮތަށް ފަސްކުރަން ނިންމާފައިވާކަމަށެވެ.

ލީގުގެ މެޗުތައް ފަސްކުރިއިރު މިއަދު ހަވީރު ކުޅެން ހަމަޖެހިފައި އޮތީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ކްލަބް އީގަލްސް އެވެ. މިރޭ ކުޅޭގޮތަށް އޮތީ ކްލަބް ގްރީން ސްޓްރީޓްސް އާއި ޔުނައިޓެޑް ވިކްޓްރީ އެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.