މާޒިޔާ އިން ފަސޭހަކަމާ އެކު ދަ ގްރާންޑޭ ބަލިކޮށްފި

Advertisement

މާޒިޔާ އިން ފަސޭހަކަމާ އެކު ދަ ގްރާންޑޭ ބަލިކޮށްފި

ޢަލީ ޝަހީމް
މާޒިޔާގެ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. - ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން 5-0 ގެ ނަތީޖާއަކުން މާޒިޔާ މޮޅުވެއްޖެ އެވެ.

މި ނަތީޖާއާ އެކު މާޒިޔާ އަށް ވަނީ ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. ލީގުގެ އެއް ވަނައިގައި 21 ޕޮއިންޓާ އެކު މާޒިޔާ އޮތްއިރު ދެ ވަނައިގައި އޮތް ކްލަބް ވެލެންސިއާ އާއި ތިން ވަނައިގައި އޮތް ދަ ގްރާންޑޭ އަށް ލިބިފައިވަނީ 15 ޕޮއިންޓެވެ. ވެލެންސިއާ އަށް ދެ ވަނަ ލިބެނީ ފައިދާ ގޯލު ގިނަވުމުންނެވެ.

މިރޭގެ މެޗުގައި ދެ ގޯލު ޖެހައި މޮޅު ކުޅުންތެރިޔާގެ މަގާމް ހަމްޕު. – ފޮޓޯ: އެފްއޭއެމް

މިރޭގެ މުޅި މެޗުގައި ވެސް މާޒިޔާ އިން ވަނީ މޮޅު ކުޅުމެއް ދައްކައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. މެޗުގެ ފުރަތަމަ ލަނޑު ނުވަ ވަނަ މިނެޓުގައި ޖެހީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. ހަމްޕު އަށް ލިބުނު ބޯޅަ ފޮނުވާލުމުން ގޯލަށް ވަނީ ކީޕަރު އަތުގައި ޖެހިފަ އެވެ. މާޒިޔާގެ ދެ ވަނަ ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކޮނޭލިއަސް ސްޓެވާޓް އެވެ. އޭރިޔާ ތެރެއިން ހުސްކޮށް ލިބުނު ބޯޅަ ކޮނޭލިއަސް ވަނީ ހަމަޖެހިލާފައި ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. މާޒިޔާގެ ތިން ވަނަ ގޯލު އޭގެ ހަތް މިނެޓުފަހުން ކާމިޔާބުކުރީ ހަމްޕު އެވެ. އޭރިޔާ ބޭރުން ހަމްޕު ފޮނުވާލި ބޯޅަ ގޯލަށް ވަނީ ދަ ގްރާންޑޭގެ ގޯލްކީޕަރު އިޔާން އަބްދުލް އަލީމް ހިފަން އުޅުމުގެ ތެރޭގައި އަތުން ދޫވެގެންނެވެ. 57 ވަނަ މިނެޓުގައި މާޒިޔާގެ ހަތަރު ވަނަ ލަނޑު ޖަހައިދިނީ ހުސައިން ނިހާން (ނިހާޓް) އެވެ. މާޒިޔާގެ މެދުތެރޭގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ނިހާޓަށް އޭރިޔާ ތެރެއިން ލިބުނު ބޯޅަ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ. މާޒިޔާގެ ފަހު ލަނޑު 68 ވަނަ މިނެޓުގައި ޖަހައިދިނީ ކޮނޭލިއަސް އެވެ. އޭނާ އަށް ލިބުނު ބޯޅަ ކީޕަރު ކައިރިން ކަޓުވާލުމަށް ފަހު ފޮނުވާލީ ހުސް ގޯލުގެ ތެރެއަށެވެ. މިރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މާޒިޔާ އަށް ދެ ގޯލު ޖަހައިދިން ހަމްޕު އެވެ.

ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ކްލަބް އީގަލްސް ވާދަކުރާއިރު މާދަމާ ރޭ ކުޅޭ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް ނުކުންނާނީ ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *