ވަރުގަދަ އަޒުމާއެކު 16 އަހަރަށް ފަހު ކްލަބް ޓީނޭޖް ނުކުންނަނީ
މިއަހަރުގެ ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ކުލަބް ޓީނޭޖުން މުބާރާތް ކާމިޔާބު ކުރުމުގެ އަޒުމުގައި އެޓީމުން ބިދޭސީ ދެ ކުޅުންތެރިން ގެނެސްފި އެވެ. ބިދޭސީ ކުޅުންތެރިންގެ ގޮތުގައި އެޓީމަށް ގެނައީ މިސްރުގެ ދެ ކުޅުންތެރިންނެވެ. އެއީ ފޯވަޑް ރިފާތް އަބްދެލް މުހައްމަދު އަދި ޑިފެންޑަރ ޔޫސުފް އޮސާމާ މުހައްމަދެވެ.
ތިންވަނަ ޑިވިޝަންގެ އެންމެ ފަހުން ބޭއްވި މުބާރާތް ރޮކް ސްޓްރީޓްސް އަށް ކާމިޔާބު ކޮށްދިން ކޯޗު އަދި ޔުނައިޓެޑް ވިކްޓަރީ އަށް ކުޅެމުން އަންނަ ފަރުހާދު އިސްމާއީލް (ފަރޭ) ގެ އިރުޝާދުގެ ދަށުން ކްލަބް ޓީނޭޖް ޖެނުއަރީ ދިހަވަނަ ދުވަހު ޕްރެކްޓިސް ފެށި ނަމަވެސް ފަރުހާދު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން މިހާރު އެޓީމުގެ ކޯޗަކަށް ހަމަޖައްސާފައި ވަނީ އުސްމާން ނަސީރު (އޮއިލޭ) އެވެ.
ނަސީރު ވަނީ 2018 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގައި ހިންމަފުށްޓަށް ކ. އަތޮޅުގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ. މީގެ އިތުރުން ކްލަބް ޓީނޭޖް މިފަހަރު ތިންވަނަ ޑިވިޝަނަށް ނެރޭ ޓީމުގައި ހިންމަފުށްޓަށް ނިސްބަތްވާ ހަތް ކުޅުންތެރިން ވަނީ ހިމަނާފަ އެވެ. އޭގެ ތެރޭގައި ޔާސިރު ރަގީބު (ޔާޓޭ) އާއި އަހުމަދު ޖައިލަމްގެ އިތުރުން ނިހާލް މުހައްމަދާއި ހުސައިން ނާފިޒް (މިކީ) އަދި އަތުޝާން އިބްރާހީމް (އަތޭ) އަކީ ފާހަގަ ކޮށްލެވޭ ކުޅުންތެރިންނެވެ.
މި ކުޅުންތެރިންނާއެކު ކްލަބް ޓީނޭޖްގެ ސްކޮޑުގައި ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔަކީ މީގެ ކުރިން ގިނަ ދުވަސްތަކެއް ވަންދެން ނިއު ރޭޑިއަންޓްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އަހުމަދު މުހައްމަދު (އަންމަޑޭ) އެވެ.
ކްލަބް ޓީނޭގުން މިއަހަރުގެ ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތަށް ކުރިމަތިލަނީ ފުޓުބޯޅައިގައި 16 އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އެޓީމުން ވަނީ 2003 ވަނަ އަހަރުގެ ތިންވަނަ ޑިވިޝަން މުބާރާތް ކާމިޔާބު ކޮށް، ޖެހިގެން އައި 2004 ވަނަ އަހަރުގެ ދެވަނަ ޑިވިޝަން މުބާރާތުގައި ވެސް ވާދަ ކޮށްފަ އެވެ. ދެވަނަ ޑިވިޝަނުގައި އެފަހަރު އެޓީމު ވަނީ ސެމީ ފައިނަލާ ހަމައަށް ދަތުރު ކޮށްފަ އެވެ.
ފަނަރަ ޓީމާއެކު ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް މިމަހު ހަތަރުވަނަ ދުވަހު ފަށަން ކުރިން ހަމަޖެހިފައި ވީނަމަވެސް މިހާރު މުބާރާތް ވަނީ ފެބްރުއަރީ ދިހަވަނަ ދުވަހަށް ފަސް ކޮށްފަ އެވެ. މުބާރާތުގައި ކްލަބް ޓީނޭޖް ހިމެނެނީ ކްލަބް އޯވަންއޯ އާއި ރޭޖް ސްޕޯޓްސް ކުލަބާއެކު ގުރޫޕް ޑީގަ އެވެ.
Advertisement
Leave a Reply