އެންމެ ތިން މިލިއަނަށް ދެ ޑިފެންޑަރުން ކްލޮޕް ހޯދައިފި

Advertisement

އެންމެ ތިން މިލިއަނަށް ދެ ޑިފެންޑަރުން ކްލޮޕް ހޯދައިފި

ޢަބްދުﷲ އަޝްރަފް

އަނިޔާގެ މައްސަލަތައް ބޮޑުވުމުގެ ސަބަބުން ޑިފެންސް ލައިން ނިކަމެތިވެފައިވާ ލިވަޕޫލުން ޖަރުމަނުގެ ޝާލްކޭ އަށް ކުޅެމުން އައި ތުރުކީގެ ޒުވާން ޑިފެންޑަރު އޮޒާން ކަބަކް އާއި ޗެމްޕެއިންޝިޕްގައި ވާދަކުރަމުން އަންނަ ޕްރިސްޓަންގެ ޑިފެންޑަރ ބެން ޑޭވީސް ގެނެސްފި އެވެ. މި ދެ ކުޅުންތެރިން ގެންނަން ލިވަޕޫލުން ހަރަދުކޮށްފައިވަނީ ޖުމްލަ ތިން މިލިއަން ޕައުންޑެވެ.

ޖެނުއަރީ މަހުގެ ޓްރާންސްފަރ ބާޒާރުގެ މުއްދަތު ރޭ ހަމަވެފައިވާއިރު ލިވަޕޫލުން ޑިފެންޑަރަކު ހޯދަން ސީރިއަސް މަސައްކަތްތަކެއް ފެށީވެސް މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ޓޮޓެންހަމް އާ ދެކޮޅަށް ކުޅުނު މެޗުގައި ފަހަތަށް ކުޅުނު ޖޮއެލް މަޓިޕް އަށް ބޮޑު އަނިޔާއެއް ވުމާ ގުޅިގެންނެވެ. މިހާރު ކަށަވަރުވެފައިވާ ގޮތުގައ މި ސީޒަންގެ ބާކީ އޮތް ބައިގައި ދެން މަޓިޕްއަކަށް ކުޅެވޭ ވަރެއް ނުވާނެ އެވެ.

ލިވަޕޫލްގެ ޑިފެންސް ލައިނަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވީ މަޓިޕް ގެ އިތުރުން މިދިޔަ އަހަރުގެ ތެރޭގައި އެ ކުލަބްގެ އެންމެ އިތުބާރު ދެ ޑިފެންޑަރުން ކަމަށްވާ ވާޖިލް ވެންޑައިކް އާއި ޖޯ ގޯމޭޒް އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިފައިވުމުގެ ސަބަބުންނެވެ. މި ސަބަބާހުރެ މިހާތަނަށް ލީގުގައި ލިވަޕޫލް ކުޅުނު 21 މެޗުގައި އެ ޓީމުގެ ޑިފެންސް ލައިންގެ މެދަށް ކުޅެމުން އަންނަ ދެ ކުޅުންތެރިންގެ ޕާޓްނަޝިޕް 12 ފަހަރެއްގެ މަތިން ބަދަލުކުރަން ކްލޮޕަށް ޖެހިފަ އެވެ.

ލިވަޕޫލުން ރޭ ގެނައި ދެ ކުޅުންތެރިންގެ ތެރެއިން 20 އަހަރުގެ ކަބަކް އަކީ ލޯނު އެއްބަސްވުމެއްގެ ދަށުން މި ސީޒަނުގެ ނިޔަލަށް ކުލަބްގައި މަޑުކުރާ ގޮތަށް ގެނައި ކުޅުންތެރިއެކެވެ. ޝާލްކޭ އާއި ލިވަޕޫލާ ދެމެދު ވެވުނު މި ލޯނު އެއްބަސްވުމުގެ އަގަކީ އެއް މިލިއަން ޕައުންޑެވެ. އެކަމަކު އެ އެއްބަސްވުމުގައިވާ ގޮތުން އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން 18 މިލިއަން ޕައުންޑަށް އެ ކުޅުންތެރިޔާ ގަތުމުގެ ފުރުސަތު ލިވަޕޫލަށް އެބައޮތެވެ. ލިވަޕޫލުން ގެނައި ދެވަނަ ކުޅުންތެރިޔާ އުމުރުން 25 އަހަރުގެ ޑޭވީސް އަކީ ދެ މިލިއަން ޕައުންޑަށް ދިގު މުއްދަތަކަށް ލިވަޕޫލްގައި ހުންނަ ގޮތަށް ގެނެސްފައިވާ ކުޅުންތެރިޔެކެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *