މަޅި ފުޓްސަލް ޗެލެންޖުގެ ފައިނަލް، މަސްއޮޑި އަށް ހިތަކަށް!

Advertisement

މަޅި ފުޓްސަލް ޗެލެންޖުގެ ފައިނަލް، މަސްއޮޑި އަށް ހިތަކަށް!

ފަހުމިނެޓް
މަސްއޮޑި ސްޕޯޓްސް ކުލަބް (ކ)، މަސްއޮޑި ޓައިޓަންސް (ވ)

ކުޑަހެންވޭރު ޓާފް ފުޓްސަލް ދަނޑުގައި މިހާރު ކުރިއަށްދާ ޑޫޕަރ ފިފްޓީން މަޅި ފުޓްސަލް ޗެލެންޖުގެ ފައިނަލުގައި މަސްއޮޑި އަށް ނިސްބަތްވާ ދެޓީމު ކަމަށްވާ މަސްއޮޑި ސްޕޯޓްސް ކުލަބާއި މަސްއޮޑި ޓައިޓަންސް ވާދަކުރަން ޖެހިއްޖެ އެވެ.

މަސްއޮޑި ޓައިޓަންސް އަށް ފައިނަލުގެ ޖާގަ ލިބުނީ، މިއަދު ހަވީރު ހަތަރެއް ޖެހިއިރު ކުޅެންހަމަޖެހިފައި އޮތް ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ވާދަކުރަންޖެހޭ ވީކޭ ސްޕޯޓްސް ދަނޑަށް ހާޒިރު ނުވުމުގެ ސަބަބުންނެވެ. އެޓީމު ދަނޑަށް ހާޒިރު ނުވުމުން މުބާރާތުގެ ހިންގާ ކޮމިޓީއިން ވަނީ މަސްއޮޑި ޓައިޓަންސް 2-0 އިން މެޗުން މޮޅުވީ ކަމަށް ނިންމާފަ އެވެ.

Advertisement

މިއީ މިގޮތަށް މި މުބާރާތުގައި ޓީމެއް ދަނޑަށް ހާޒިރު ނުވި ދެވަނަ މެޗެވެ. ގުރޫޕް ސްޓޭޖުގައި ގުރޫޕް ޖީގައި ހިމެނުނު ޒެފަރސް އާއި މަސްއޮޑި ސްޕޯޓްސް ކުލަބުބައްދަލުކުރަން އޮތް މެޗަށް ޒެފަރސް އިން ވަނީ ހާޒިރު ނުވެފަ އެވެ. ޒެފަރސް އިން ބުނީ އެމެޗަށް ހާޒިރުނުވީ އިންޖަރީގެ މައްސަލައާހުރެ ކުޅުންތެރިން ހަމަނުވުމުން ކަމަށެވެ.

ސެމީގެ ދެވަނަ މެޗުގައި މަސްއޮޑި ސްޕޯޓްސް ކުލަބް މޮޅުވީ ރެމްޕޭޖްއާ ވާދަކޮށް 4-2 އިން މެޗު ކާމިޔާބު ކޮށްގެންނެވެ. މަސްއޮޑި ސްޕޯޓްސް ކުލަބުގެ ގޯލުތައް ޖަހައިދިނީ ހުސައިން ސުހައިލް، ހުސައިން ޝަރީފް (އޮންލީ)، އަޔާޒް އަހުމަދު (އަޔާ) އަދި ހުޒައިފަތު ރަޝީދު (ހުޒޭ) އެވެ. ރެމްޕޭޖްގެ ގޯލުތައް ޖެހީ އަހުމަދު އައިހަމް އާއި އަހުމަދު ވިޖުދާނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަޔާ އެވެ.

އަޔާ މިއަދު ޖެހި ގޯލާއެކު އޭނާ ވަނީ 11 ލަނޑާއެކު މުބާރާތުގެ ލަނޑު ލިސްޓުގެ ކުރީގައި ތަފާތު ބޮޑު ކޮށްފަ އެވެ. އަދި މިއީ މިމުބާރާތުގައި މަސްއޮޑި ސްޕޯޓްސް ކުލަބު ކޮޅަށް ގޯލު ވަން ފުރަތަމަ މެޗެވެ. އެޓީމުގެ ގޯލު ބަލަހައްޓަނީ އިސްމާއިލް ފާތިހު (ތާޑޭ) އެވެ.

މަސްއޮޑި ޓައިޓަންސް އާއި މަސްއޮޑި ސްޕޯޓްސް ކުލަބް ވާދަކުރާ މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މާދަމާ ހަވީރު ހަތަރުގަޑި ބައިގަ އެވެ.

މިމުބާރާތުގައި މަސްއޮޑިއަށް ނިސްބަތްވާ ތިން ޓީމު ވަނީ ބައިވެރި ވެފައެވެ. އެއީ ފައިނަލުގައި ވާދަކުރާ ދެޓީމުގެ އިތުރުން މަސްއޮޑި އޮރިޖިނަލްސް އެވެ. އެޓީމު ކެޓީ މުބާރާތުގެ ގުރޫޕް ސްޓޭޖުންނެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ “ޑުޕްރ ފިފްޓީން” އެވެ. ކޯ ސްޕޮންސަރުންގެ ގޮތުގައި އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށީގެ އިތުރުން ހަމަޖައްސާފައިވަނީ ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަން އެވެ. މުބާރާތުގެ ބެވެރޭޖް ޕާޓްނަރަކަށް ރެޑްބުލް ހަމަޖައްސާފައިވާއިރު ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިން ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. އެހެނިހެން ސްޕޮންސަރުންގެ ގޮތުގައި އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް ވަނީ ހަމަޖައްސައިފަ އެވެ.

މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރުންގެ ގޮތުގައި ތިން ނޫހަކާއި މޯލްޑިވްސް ފުޓްސަލް ޕްލެޔާސް ފޭސްބުކް ޕޭޖް ވަނީ ހަމަޖައްސައިފަ އެވެ. މުބާރާތް ކަވަރުކުރާ މީޑިއާތަކަކީ “ފަހުމިނެޓް” ގެ އިތުރުން ވަގުތު އަދި ދެން ނޫހެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީ އިން މައުލޫމާތުދެ އެވެ. މި މުބާރާތަކީ ކޮވިޑް-19 ރާއްޖޭން ފެނުނުފަހުން މާލެ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ. 32 ޓީމާ އެކު ކުޑަހެންވޭރު ޓާފް ފުޓްސަލް ދަނޑުގައި މަޅި އެމްވީ އިން މި މުބާރާތް ކުރިއަށްގެންދަނީ ކުޑަހެންވޭރު ޔުނައިޓެޑާއި މަސްއޮޑި ސްޕޯޓްސް ކްލަބް ގުޅިގެންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *