ޔޫރަޕްގެ ދެ ކުޅުންތެރިންނާއެކު އޯވަންއޯ ވެސް އަމާޒު ހިފަނީ ތަށްޓަށް

Advertisement

ޔޫރަޕްގެ ދެ ކުޅުންތެރިންނާއެކު އޯވަންއޯ ވެސް އަމާޒު ހިފަނީ ތަށްޓަށް

ފަހުމިނެޓް
ކްރްގިސްތާނުގެ މިޑްފީލްޑަރ ސުލްޓާންބެކް މޮމުނޯވް - ފޮތޯ: ކްލަބް އޯވަންއޯ

މިއަހަރުގެ ތިންވަނަ ޑިވިޝަން މުބާރާތް ކާމިޔާބު ކުރުމުގެ އަޒުމުގައި ކްލަބް އޮންލީ ވަން އޮޕޮޗޫނިޓީ (އޯވަންއޯ) އިން ބިދޭސީ ހަތަރު ކުޅުންތެރިން އެޓީމަށް ގެނެސްފި އެވެ.

ބިދޭސީ ކުޅުންތެރިންގެ ތެރޭގައި ކިރްގިސްތާނުގެ ޑިފެންސިވް މިޑްފީލްޑަރ ސަލްޓާންބެކް މޮމުނޯވް އާއި އެޓޭކިން މިޑްފީލްޑަށް ކުޅޭ ރަޝިޔާގެ ޑިމިޓްރީގެ އިތުރުން ދެން ހިމެނެނީ ސާބިއާގެ ޑިފެންޑަރ މިލޯސް ކޮވަސެވިޗާއި ޓްރިނަޑާޑް އެންޑް ޓޮބޭގޯގެ ފޯވަޑް ކޯޑެލް ސެމިއުލް އެވެ.

ސެމިއުލް (ކ)، ކޮވަސެވިޗް (ވ). – ފޮޓޯ: އެފްއޭއެމް/މާޒިޔާ

ސާބިއާގެ ޒުވާން ގައުމީ ޓީމަށް ވެސް ކުޅެފައިވާ ކޮވަސެވިޗް ވަނީ މީގެ ކުރިން މާޒިޔާ އާއި ޔުނައިޓެޑް ވިކްޓަރީއަށް ވެސް ކުޅެފަ އެވެ. އަދި އޭނާ ވަނީ މާޒިޔާއާއެކު 2017 ވަނަ އަހަރުގެ މާލޭ ލީގު ވެސް ކާމިޔާބު ކޮށްފަ އެވެ. މީގެ އިތުރުން ޔުނައިޓެޑް ވިކްޓަރީއަށް 2018 ވަނަ އަހަރު ކުޅުނު ސެމިއުލް އަކީ ވެސް ޓްރިނަޑާޑް އެންޑް ޓޮބޭގޯގެ ޒުވާން ގައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިއެކެވެ.

ކޯޗިންގެ ޅަފަތުގައި ވެސް ކާމިޔާބީތަކެއް ހޯދާފައިވާ ޒުވާން ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ގެ އިރުޝާދުގެ ދަށުން ނުކުންނަ ކްލަބް އޯވަންއޯގެ ސްކޮޑުގައި ބިދޭސީ ކުޅުންތެރިންގެ އިތުރުން ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާ ހުރި ދިވެހި ކުޅުންތެރިންތަކެއް ވެސް ވަނީ ހިމަނާފަ އެވެ. އޭގެ ތެރޭގައި ވިކްޓްރީ އަށް ކުޅުނު އިބްރާހީމް ޝަނޫން (ޒެޕީ) އާއި ކުރިން ނިއުރޭޑިއަންޓަށް ކުޅުނު ޝަހީމް އަބްދުލް ޤާދިރުގެ އިތުރުން، 2008 ގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭން ކާމިޔާބުކުރި ޓީމުގައި ހިމެނުނު އަހުމަދު އަޝްފާން ފާހަގަ ކޮށްލެވެއެވެ.

ކޯޗް ސޮބާ އާއެކު ކްލަބް އޯވަންއޯ ގެ ފަރިތަކުރުންތަކުގެ ތެރެއިން . – ފޮޓޯ: ކްލަބް އޯވަންއޯ

ހަމަ އެއާއެކު ފުޓްސަލްގެ މަޝްހޫރު ކުޅުންތެރިން ކަމަށްވާ އިބްރާހީމް އަސްވަދު (ގަބޭ)، އިބްރާހީމް ސިނާހު (ސިނާ)، މުހައްމަދު ވިލްފް އަދި އިސްމާއިލް މުނީޒް ވެސް ވަނީ ތިންވަނަ ޑިވިޝަނުގައި ވާދަކުރާ ކްލަބް އޯވަންއޯގެ ޓީމުގައި ހިމަނާފަ އެވެ.

ފަނަރަ ޓީމާއެކު ފެބްރުއަރީ ހަތަރުވަނަ ދުވަހު ފަށަން ހަމަޖެހިފައިވާ ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ކްލަބް އޯވަންއޯ ހިމެނެނީ ކްލަބް ޓީނޭޖް އަދި ރޭޖް ސްޕޯޓްސް ކުލަބާއެކު ގުރޫޕް ޑީގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *