އެންމެ ގިނަ ގޯލް ޖެހީ ކާކުކަން އޮޅިއްޖެ

އެންމެ ގިނަ ގޯލް ޖެހީ ކާކުކަން އޮޅިއްޖެ

އައްބާސް

ދާދި ފަހަކާއި ޖެހެންދެންވެސް ރެކޯޑް ފޮތްތަކުގައި ފުޓްބޯޅައިގެ ދުނިޔޭގައި އެންމެ ގިނަ ގޯލްޖެހިކަމަށް ރެކޯޑް އޮންނަނީ 759 ގޯލާއެކު ޗެކް ރިޕަބްލިކްގެ ސްލާވިއާ ޕްރާގަށް 1930 އާއި 40 ގެ އަހަރުތަކުގެ ކުޅުނު ޖޯސެފް ބައިކަން އަތުގަ އެވެ. އަދި މިލިސްޓްގެ ދެ ވަނައިގައި އޮތީ 757 ގޯލާއެކު ބްރެޒިލްގެ ލެޖެންޑް ޕެލޭ އެވެ. ޕެލޭ އަކީ 1950 އާއި 60 ގެ އަހަރުތަކުގައި ދުނިޔެދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އެވެ. ކޮންމެއަކަސް އޭގެފަހުން މި ހޭދަވެގެންދިޔަ ބައިގަރުނުގައިވެސް އިހަކަށް ދުވަހާއި ހަމައަށް ފުޓްބޯޅައިގެ ދުނިޔޭގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކާއިމެދު ބަހުސްކޮށް ހެދިތަނެއް ފެނިފައެއްނުވެ އެވެ. މި ދެކުޅުންތެރިން ނިސްބަތްވާ ގައުމަކުން ނުވަތަ ކްލަބަކުންވެސް މި އަދަދުތައް ދޮގުކޮށް ނޫސް ބަޔާން ނެރެ ޓްވީޓްކޮށް ހެދިތަނެއް ފެނިފައެއް ނުވެ އެވެ. އެހެންނަމަވެސް މިއަދު މިފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. މި ދެކުޅުންތެރިން ނިސްބަތްވި ކްލަބުތަކުންނާއި ގައުމުތަކުން އެ އަދަދުތައް ދޮގުކޮށް ބަޔާންތައް ނެރެންފަށައިފި އެވެ. ބްރެޒިލްއިން ވަނީ ޕެލޭގެ ގޯލްގެ އަދަދަކީ 1283 ކަމަށް ބުނެފަ އެވެ. އަދި ޗެކް ރިޕަބްލިކުން ވަނީ ބައިކަންގެ ގޯލްގެ އަދަދަކީ 821 ކަމަށް އިއުލާންކޮށްފަ އެވެ.

ޒަމާންގަނޑަކަށް ފަހު މިއަދު މި ރެކޯޑްތަކާއި ގުޅިގެން މީޑިއާ ހިލިގަތް މައިގަނޑު ސަބަބަކީ ރަސްމީ ރެކޯޑްތަކުގައި ހުރި އަދަދުތައް ފަހަނައަޅައި މިވަގުތު ފުޓްބޯޅައިގެ ދުނިޔޭގެ އެންމެ މަޝްހޫރު ކުޅުންތެރިން ކުރިއަށް ދެމިގަތުމެވެ. މިދިޔަ އަހަރު ނިމިގެން ދިޔައިރު ލިއޮނަލް މެސީ ވަނީ 644 ގޯލާއެކު އެއް ކްލަބަކަށް އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ ގެ ރެކޯޑް މުގުރާލާފަ އެވެ. މީގެކުރިން އެރެކޯޑް އޮންނަނީ ބްރެޒިލްގެ ސަންތޯސް އަށް 643 ގޯލް ޖަހައިދިން މަޝްހޫރު ޕެލޭގެ އަތުގަ އެވެ. މެސީ މިރެކޯޑް މުގުރާލުމާއެކު ޕެލޭގެ ކްލަބް ސަންތޯސް އިން ބަޔާނެއް ނެރެ ޕެލޭގެ ރެކޯޑް މުގުރާ ނުލެވޭކަމަށް ބުންޏެވެ. އެބަޔާން ބުނާގޮތުގައި ޕެލޭ ވަނީ ސަންތޯސް އަށް 1091 ގޯލް ޖަހައިދީފަ އެވެ. އެހެންކަމުން މިރެކޯޑު މިހާރުއޮތް ކުޅުންތެރިޔަކީ ކާކުކަން މިހާރު މިއޮތީ އޮޅިފަ އެވެ.

2021 ފެށުމާއެކު އަނެއްކާވެސް ފެނިގެން މިދިޔައީ އެހެންކުޅުންތެރިޔަކު ޕެލޭ ފަހަތަށް ޖައްސާލިތަނެވެ. މިފަހަރު ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރޮނާލްޑޯ ޕެލޭ ފަހަތަށް ޖައްސާލީ ކެރިއަރުގައި ޖެހި ޖުމްލަ ގޯލްގެ އަދަދުންނެވެ. ރެކޯޑްތަކުން ބަލާނަމަ ޕެލޭގެ އަދަދަކީ 757 ގޯލެވެ. ރޮނާލްޑޯ 758 ގޯލް ޖެހުމާއެކު ޕެލޭ އާއި އޭނާގެ ގައުމުން އަންގަނީ ރެކޯޑް އޮތީ އަދިވެސް ޕެލޭގެ އަތުގައި ކަމުގަ އެވެ. ޕެލޭގެ ޓްވީޓެއްގައި ބުނަނީ އޭނާ ޖެހި ޖުމުލަ ގޯލުގެ އަދަދަކީ 1283 ކަމުގަ އެވެ. ފީފާ އާއި ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަނުން ވެސް ޕެލޭގެ ޖުމްލަ ގޯލުގެ އަދަދު 1200 އަށްވުރެ މަތިކަމުގައި ބުނެ އެވެ. އަނެއްކޮޅުން ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސް އިންވެސް 1279 ގޯލާއެކު އެ މަގާމު ދީފައިވަނީ ޕެލޭއަށެވެ.

ދެން އެހެންވީއިރު ޕެލޭގެ ޖުމްލަ ގޯލުގެ ގޮތުގައި 757 މިއީ ކޮންތާކުން އައި އަދަދެއް ހެއްޔެވެ؟ ދުނިޔޭގެ އެކި ހިސާބުތަކުގައި ފުޓްބޯޅައިގެ މައުލޫމާތުތައް އެއްކޮށް ބަލަހައްޓާ ބައިވަރު ޖަމިއްޔާ ޖަމާއަތްތައް އެބަ ހަރަކާތްރެރިވެ އެވެ. އޭގެތެރެއިން ބައެއް ޖަމިއްޔާތަކަކީ ހަމައެކަނި ތަފާސް ހިސާބުތައް އެއްކުރާ ޖަމިއްޔާ ތަކެވެ. މި ފަދަ ގްރޫޕްތަކުން އެ މައުލޫމާތުތައް އެއްކުރާއިރު ކްރެޑިބިލިޓީ ހިފެހެއްޓުމަށް ހަރުކަށި އުސޫލުތައް ބޭނުންކުރެ އެވެ. އެއްބަޔަކު އެމެޗާ މެޗްތަކާއި ޔޫތު ލެވެލްގެ މެޗްތައް ރެކޯޑުގައި ހިމަނާއިރު އަނެއް ބަޔަކު އެފަދަ މެޗުތަކަކަށް ނުބަލަ އެވެ. ކުޅުންތެރިންނާއި ގައުމުތަކާއި އަދި ކޮންޓިނެންޓްތަކުގެ ފޭނުން ނުވަތަ ސަޕޯޓަރުން ތަފާސްހިސާބު އެއްކޮށް ބަލަހައްޓާ ގޮތާއި މިފަދަ ގްރޫޕުތަކުން އެމަސައްކަތްކުރާ ގޮތާއި ވަރަށް ތަފާތެވެ. އަދަދުތަކުގައި މިހާ ބޮޑު ތަފާތުތަކެއް އުޅޭ އެއް ސަބަބަކީ މި އެވެ. އަދި މިފަދަ ގްރޫޕްތަކުން އާއްމުކުރާ އަދަދުތައް އެއް ގްރޫޕް އަނެއް ގްރޫޕާއި ވެސް އެބަ ތަފާތުވެ އެވެ. މިސާލަކަށް އީއެސްޕީއެން އިން ޕެލޭގެ ޖުމްލައަކީ 757 ކަމަށް ބަލާއިރު ރެކްސްޕޯޓްސް ސޮކާ ސްޓެޓިސްޓިކްސް ފައުންޑޭޝަނުން (އާރު އެސް އެސް އެސް އެފް) ގެ ޖުމްލަ އަކީ 767 އެކެވެ.

އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެގޮތުން ކްރިސްޓިއާނޯ ރޮނާލްޑޯއަށް އަދި އަރާ ހަމަނުކުރެވޭ ކަމަށް ގަބޫލުކުރާ ބްރެޒިލްގެ ތަރިއަކީ ޕެލޭ އެކަންޏެއް ނޫނެވެ. ޕެލޭގެ އިތުރުން ބްރެޒިލްގެ ލެޖެންޑެއްކަމަށްވާ ރޮމާރިއޯ އަކީވެސް އެދައުވާ ކުރާ ކުރީގެ ކުޅުންތެރިއެކެވެ. އީއެސްޕީއެން ލިސްޓުގައި ރޮމާރިއޯ އޮތީ 749 ގޯލާއެކު ލިސްޓުގެ 4 ވަނައިގަ އެވެ. އެކަމަކު ރޮމާރިއޯގެ ޖުމްލަ ގޯލުގެ އަދަދު 1000 އަށްވުރެ މަތިކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ 758 ގޯލް ހަމަކުރުމާއެކު މީޑިއާގައި މި ޒުވާބު ހިނގައިގަތުމަށް ފަހު މާގިނަ ދުވަހެއްނުވެ ރޮނާލްޑޯ 760 ގޯލް ހަމަކޮށް އެލިސްޓުގެ އެއް ވަނައިގައި އޮތް އޮސްޓްރިއާ އަށް އުފަން ޗެކް ކުޅުންތެރިއެއްކަމަށްވާ ޖޯސެފް ބައިކަން ފަހަތަށް ޖައްސާލި އެވެ. އެހިސާބުން ޗެކް ފުޓްބޯޅަ އެސޯސިއޭޝަނުންވަނީ ބައިކަން ގެ ގޯލްގެ އަދަދަކީ 821 ކަމަށް ބުނެ ޓްވީޓްކޮށްފަ އެވެ.

އެހެންކަމަށްވުމާއެކު މިހާރު ރޮނާލްޑޯ އަށް ރެކޯޑް މުގުރާލެވިއްޖެކަން ނުވަތަ ނޫންކަން މިއޮތީ ޔަގީންކުރެވޭނެ ގޮތެއް ނެތިފަ އެވެ. ޔަގީންވާ އެކައްޗަކީ ރޮނާލްޑޯގެ ޖުމްލަ ގޯލުގެ އަދަދުގައި އެއްވެސް ދެބަސްވުމެއް ނޫޅޭނޭކަމެވެ. ޑިޖިޓަލް ޒަމާނުގެ ކުޅުންތެރިއަކަށް ވާތީ ރޮނާލްޑޯގެ ހުރިހާގޯލެއް އެވަނީ އިތުބާރު ހުރި ގޮތެއްގައި ރެކޯޑް ކުރެވިފަ އެވެ. އެހެންނަމަވެސް މީގެ 50 އަހަރު ނުވަތަ 80 އަހަރު ކުރީގެ ކުޅުންތެރިންގެ ރެކޯޑްތައް އެންމެ ރަނގަޅަށް ބެލެހެއްޓިފައި ނުވުމަކީ އެކަށީގެންވާ ކަމަކަށް ވާއިރު މިރެކޯޑްގެ މައްސަލައިގައި އުފެދިފައިވާ ކޯޅުމަށް ނިމުމެއް މިއިން ޒަމާނަކު އަންނާނެ ހެނެއް ހިޔެއްނުވެ އެވެ.

760 ގޯލު ޖަހައިގެން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ރޮނާލްޑޯ މުގުރާލާފައިވާ ކަމަށް އެއްބަޔަކު ގަބޫލުކުރާއިރު އަނެއްބަޔަކު ބުނާގޮތުން ރޮނާލްޑޯ އަށް އެކަން ވާން އޮތީ އިތުރު 8 ގޯލް ޖަހައި 768 ހަމަކޮށްގެންނެވެ. އަނެއްބަޔަކަށް އަދި އިތުރު 62 ގޯލު ޖަހައި 822 ހަމަކޮށްގެންނެވެ. އަދި އަނެއްބަޔަކަށް އިތުރު 524 ގޯލު ޖަހާ 1284 ހަމަކޮށްގެންނެވެ. އެ ހިސާބަށް ގޮސްފިނަމަ އެހާ ހިސާބުން އިތުރު އަދަދެއް އަނެއްކާވެސް ފެންމަތިނުވާނެކަމެއް ވެސް ނޭނގެ އެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.