އެއްވަރުވިޔަސް ޓުޗެލްގެ ފުރަތަމަ މެޗު ރެކޯޑް ފޮތަށް އަރައިފި

ޗެލްސީގެ ކޯޗުކަމުގެ މަގާމާއި، ޕީއެސްޖީގެ ކުރީގެ ކޯޗު ތޯމަސް ޓުޗެލް ހަވާލުވި ފަހުން އެ ޓީމުން އިނގިރޭސި ޕްރިމިއަރ ލީގުގައި ކުޅުނު ފުރަތަމަ މެޗު އެއްވަރުވި ނަމަވެސް އެ މެޗު ޕްރިމިއަރ ލީގުގެ ރެކޯޑް ފޮތުން ޖާގަ ހޯދައިފފި އެވެ. އަމިއްލަ ދަނޑުގައި ރޭ ވޮލްވްސް އާ ދެކޮޅަށް ޗެލްސީން ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.
ޗެލްސީގެ ކޯޗުކަމުގެ މަގާމުގައި ހުރި ފްރޭންކް ލަމްޕާޑް އެ މަގާމުން ވަކި ކުރުމަށްފަހު ކުރިން ބޮރޫޝިއާ ޑޯޓްމަންޑަށް ވެސް އިރުޝާދުދިން ޓުޗެލް އާ މަގާމް ހަވާލުކޮށްފައިވަނީ މިހަފްތާގެ އަންގާރަ ދުވަހު އެވެ. ކުޅުންތެރިއެއްގެ ގޮތުގައި ޗެލްސީ އަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ލަމްޕާޑަށް ޗެލްސީގެ ކޯޗުކަމުގެ މަގާމުގައި ހުރެވޭ ވަރުވީ ގާތްގަނޑަކަށް ދޮޅު އަހަރު ދުވަހު އެވެ.
ޗެލްސީގެ ކޯޗެއްގެ ގޮތުގައި ޓުޗެލް ފެނުނު ފުރަތަމަ މެޗަށް އޭނާ ނެރުނު ޓީމުން އެންމެ ބޮޑަށް ފާހަގަވި އެއް ބަދަލަކީ ކުރިން އަރިމަތިން އެޓޭކިންގް ރޯލެއް އަދާކުރަމުން އައި ކަލުމް ހަޑްސަން އޮޑޮއި ވިންގް ބެކަކަށް ކުޅުވުމެވެ. ޓުޗެލްގެ ބަދަލުތަކާއެކު ރޭގެ މެޗުގައި ޗެލްސީ އަށް އިދިކޮޅު ޓީމުގެ ގޯލު ފޫއަޅުވާ ނުލެވުނު ނަމަވެސް ރޭގެ މެޗުގައި އެ ޓީމުން ވަނީ ރެކޯޑް މިންވަރަށް ބޯލް ޕޮސެޝަން ހިފަހައްޓައި ޕާސްތައް ފުރިހަމަކޮށްފަ އެވެ.
ރޭގެ މެޗުގައި ޗެލްސީން ވަނީ 820 ޕާސް ފުރިހަމަކޮށް 78.9 އިން ސައްތައިގައި ބޯލް ޕޮސެޝަން ހިފަހައްޓައިފަ އެވެ. މިއީ މިފަދަ ޑޭޓާތައް ގަވައިދުން ރެކޯޑް ކުރަން ފެށި ފަހުން ޕްރިމިއަރ ލީގުގެ ކުލަބަކުން އާ ކޯޗުގެ ފުރަޔަމަ މެޗުގައި ބޯލް ޕޮސެޝަން ގެންގުޅެ ޕާސް ފުރިހަމަކުރި އެންމެ މަތީ އަދަދެވެ.
ރޭގެ ނަތީޖާ އާއެކު ޗެލްސީ މިވަގުތު އޮތީ ލީގުގެ އަށް ވަނައިގަ އެވެ. އެ ޓީމު އޮތީ ހަތަރު ވަނައިގައި އޮތް ވެސްޓް ހޭމް އަށްވުރެ ފަސް ޕޮއިންޓް ފަހަތުގަ އެވެ. ލީގުގައި ދެން ޗެލްސީ ކުޅެންޖެހޭ މެޗުގައި އަންނަ އާދީއްތަ ދުވަހު ބައްދަލުކުރާނީ ބާންލީ އާ އެވެ.
Advertisement


Leave a Reply