ޗެލްސީގެ ކޯޗުކަމަށް ޓުޗެލް ހަމަޖައްސައިފި

ޗެލްސީގެ ކޯޗުކަމަށް ޓުޗެލް ހަމަޖައްސައިފި

ޢަލީ ޝަހީމް

ފްރޭންކް ލަމްޕާޑް ވަކިކުރުމުން ހުސްވެފައިވާ ޗެލްސީގެ ކޯޗުކަމުގެ މަގާމަށް ޕީއެސްޖީ އަށް ކުރިން އިރުޝާދުދިން ތޯމަސް ޓުޗެލް ހަމަޖައްސައިފި އެވެ.

ޓުޗެލް ޗެލްސީގެ ކޯޗުކަމާ ހަވާލުވިކަން އެ ކްލަބުން ހާމަކުރީ މިރެ އެވެ. ޗެލްސީން ޓުޗެލްއާ އެކު ހެދީ 18 މަސްދުވަހުގެ އެއްބަސްވުމެކެވެ. އެކަމަކު ނަތީޖާތަކަށް ބަލައި މުއްދަތު އިތުރުކުރެވޭ ގޮތަށް އެއްބަސްވުމުގައި ވަނީ ހިމަނައިފަ އެވެ.

“އަހަރެންގެ އާ ޓީމާ ބައްދަލުވެ ދުނިޔޭގެ އެންމެ ޝައުގުވެރި ލީގުގައި ވާދަކުރުމަށް އަހަރެން މިހުރީ ކެތްމަދުވެފައި. ޗެލްސީގެ އާއިލާއާ ގުޅުމަކީ އަހަރެންނަށް ލިބުނު ބޮޑު އުފަލެއް” ޖަރުމަނަށް އުފަން 47 އަހަރުގެ ކޯޗު މަގާމާ ހަވާލުވުމަށް ފަހު ބުންޏެވެ.

މިދިޔަ ހޯމަ ދުވަހު ޗެލްސީން ލަމްޕާޑް މަގާމުން ވަކިކުރީ ފަހަކަށް އައިސް އެޓީމުގެ ފޯމު ވަރަށް ބޮޑަށް ދަށްވެ ލީގުގެ ގަދަ ހަތަރަކުން ވެސް ޓީމު ކައްސާލުމުންނެވެ. ލަމްޕާޑްގެ ކޯޗުކަމުގައި އެންމެ ފަހުން ލީގުގައި ކުޅުނު އަށް މެޗުގެ ތެރެއިން ފަސް މެޗުން ވަނީ ބަލިވެފަ އެވެ. ޓުޗެލް ބުނީ ލަމްޕާޑް ޗެލްސީ އަށް ދޫކުރި ލެގަސީ އަށް އަބަދުވެސް އިހުތިރާމްކުރާނެ ކަމަށެވެ. ޓުޗެލް އަކީ 2003 ވަނަ އަހަރު ރަޝިއާގެ ބިލިއަނަރު ރޯމަން އަބްރަމޮވިޗް ޗެލްސީ ގަތްފަހުން އެ ކްލަބުގެ ފުލްޓައިމް ކޯޗުކަމާ ހަވާލުވި 11 ވަނަ ކޯޗެވެ.

ޓުޗެލް 2007 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށީ ޖަރުމަނުގެ އޯގްސްބާގް އިންނެވެ. އެ ކްލަބުގައި ސީޒަނެއް ހޭދަކުރުމަށް ފަހު ޓުޗެލް ބަދަލުވީ ޖަރުމަނު ލީގަށް އަލަށް ކޮލިފައިވި މެއިންޒް އަށެވެ. 10-2009 ވަނަ ސީޒަނުގައި މެއިންޒަށް ޖަރުމަނުގެ ލީގުގެ ނުވަ ވަނަ ހޯދައިދިންއިރު އެ ކްލަބަށް ކޯޗުކޮށްދިން 183 މެޗުގެ ތެރެއިން 72 މެޗުން މޮޅުވި އެވެ. މެއިންޒް ދޫކޮށްލުމަށް ފަހު ޓުޗެލް 2015 ވަނަ އަހަރު ހަވާލުވީ ބޮރޫޝިއާ ޑޯޓްމަންޑާ އެވެ. އެޓީމަށް 17-2016 ވަނަ ސީޒަނުގެ ޖަރުމަނު ކަޕް ކާމިޔާބުކޮށްދިންއިރު މިހާރުގެ މަޝްހޫރު ކުޅުންތެރިންގެ ތެރެއިން ބާސެލޯނާގެ އޮސްމާން ޑެމްބެލޭ އާއި ޗެލްސީގެ ކްރިސްޓިއަން ޕުލިސިޗް އަދި އާސެނަލްގެ ޕިއޭ-އެމެރިކް އޮބާމިޔަން އަކީ ޓުޗެލްގެ ކޯޗުކަމުގައި ޑޯޓްމަންޑުގައި ފާހަގަކޮށްލެވުނު ކުޅުންތެރިންނެވެ.

ޑޯޓްމަންޑްގައި ހުރެފައި ޓުޗެލް 2018 ވަނަ އަހަރު ހަވާލުވީ ޕީއެސްޖީގެ ކޯޗުކަމާ އެވެ. އެ ކްލަބަށް ދެ އަހަރާއި ބައިގެ މުއްދަތަކަށް އިރުޝާދުދިނުމަށް ފަހު ކްލަބުން ޓުޗެލްގެ އެއްބަސްވުން އުވާލީ މި މަހުގެ ކުރީކޮޅު އެވެ. ޕީއެސްޖީ އަށް ފްރެންޗް ލީގުގެ ޗެމްޕިއަންކަން ދެ ސީޒަނުގައި ހޯދައިދިންއިރު ޓުޗެލް ވަނީ އެ ކްލަބަށް ފްރެންޗް ކަޕާއި ފްރެންޗް ލީގު ކަޕް ވެސް ކާމިޔާބުކޮށްދީފަ އެވެ. މީގެ އިތުރުން ޓުޗެލް ވަނީ މިދިޔަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޕީއެސްޖީ ގެންގޮސްދީފަ އެވެ. އެކަމަކު ފައިނަލުގައި ބަޔާން މިއުނިކް އަތުން އެޓީމު ވަނީ 1-0 އިން ބަލިވެފަ އެވެ.

ޕީއެސްޖީ އަށް ކޯޗުކޮށްދިން 127 މެޗުގެ ތެރެއިން 95 މެޗުން އެޓީމު މޮޅުވިއިރު މިއީ މޮޅުވުމުގެ 75.6 އިންސައްތަ އެވެ. މިއާއެކު ޓުޗެލް ވެފައިވަނީ ފްރެންޗް ލީގުގެ ތާރީހުގައި މޮޅުވުމުގެ އެންމެ މަތީ ޕަސެންޓޭޖްގެ ރެކޯޑް އޮތް ކޯޗަށެވެ.

ޗެލްސީގައި ޓުޗެލް އަށް އޮންނާނެ އެންމެ ބޮޑު މަސައްކަތަކީ ލީގުގެ ގަދަ ހަތަރެއްގައި ހިމެނި މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ރަނގަޅު ނަތީޖާއެއް ނެރުމެވެ. ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ޗެލްސީ ނުކުންނާނީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.