ޓްރާންސްފާ މާކެޓްގައި ކްލަބުތަކުން ކޮށްފައިވާ ބައެއް ހިތި ތަޖުރިބާތައް - 2

ޓްރާންސްފާ މާކެޓްގައި ކްލަބުތަކުން ކޮށްފައިވާ ބައެއް ހިތި ތަޖުރިބާތައް – 2

އައްބާސް

އާ އަހަރާއެކު މިހާރު މިއޮތީ ކުޅުންތެރިން ގަނެ ވިއްކުމުގެ ބާޒާރު ހުޅުވިފަ އެވެ. އަދި ޖަނަވަރީ ނިމެންދެން މި ބާޒާރު ހުޅުވިފައި ހުންނާނެ އެވެ. ފުޓްބޯޅަ މެޗެއްގެ ތެރެއިން ކްލަބުތަކުގެ މެނޭޖަރުން ޓަޗްލައިން ގައި ހުރެ ނިންމާ ނިންމުންތަކަށްވުރެ މި ބާޒާރުގައި ކުޅުންތެރިން ގަތުމާއި ވިއްކުމުގައި ކްލަބުތަކުން ނިންމާ ނިންމުންތަކުގައި އެކުލެވޭ ރިސްކު އެއްގޮތަކަށްވެސް ކުޑައެއްނޫނެވެ. ބޮޑެތި ކްލަބުތަކުންނާއި މޮޅު ކޯޗުންވެސް ކުޅުންތެރިން ގަނެ ވިއްކުމުގައި ބޮޑެތި ގޯސްތައް ހެދުމަކީ ހަމަ ވަރަށް އާއްމުކަމެކެވެ. މޮޅުވާނެ ކަމަށް ބޮޑު އަގުދީފައި ގެންނަ ކުޅުންތެރިޔާއަށް ނުކުޅެވިގެން ބެންޗުގައި ބައިންދަން ޖެހުމާއި ނުކުޅެވޭތީ ކުޑަ އަގެއްގައި (ނޫނީ ހިލޭ ދޫކޮށްލާ) ކުޅުންތެރިޔާ އަނެއް ކްލަބުގައި މޮޅަށް ކުޅޭތަން ފެނުމާއި މި ނޫންވެސް ‘ގަނެވުނު ނުވަތަ ވިއްކާލެވުނު މޮޔަ’ ކޯޗަށާއި ކްލަބަށް ހީވާ ބައިވަރު ހާލަތްތައް އާދެ އެވެ. މީގެ ކުރިން ވާނީ އެފަދަ ބައެއް ޓްރާންސްފާތަކުގެ މައުލޫމާތު ގެނެސްދީފަ އެވެ. މިވެސް ހަމަ އެފަދަ ޓްރާންސްފާ ތަކެކެވެ.

ލިވަޕޫލުން ފެނާންޑޯ ޓޮރޭސްގެ ބަދަލުގައި އެންޑީ ކެރޯލް ގެނައުން

ފެނާންޑޯ ޓޮރޭސް އަކީ ލިވަޕޫލުގައި ވަރަށް ވިދާލި ކުޅުންތެރިއެކެވެ. އޭނާ ލިވަޕޫލަށް ކުޅެދިން ހަތަރު އަހަރު 142 މެޗްގައި ޖެހި 81 ގޯލަކީ އެކަމުގެ ހެއްކެކެވެ. އެކަމަކު 2010 ގައި ޓޮރޭސް ލިވަޕޫލް ދޫކޮށް 56 މިލިއަން ޔޫރޯއަށް ޗެލްސީއަށް ބަދަލުވުމުން ލިވަޕޫލަށް އެޖާގަ ފުރާނޭ ކުޅުންތެރިއަކު ހޯދަން މަޖުބޫރުވި އެވެ. އެކަމަކުވެސް އޭރު އެންމެ އަގުބޮޑު އިނގިރޭސި ކުޅުންތެރިޔާގެ ގޮތުގައި އެންޑީ ކެރޯލް ޓޮރޭސް ހުސްކުރި ޖާގަ ފުރަން ގެނައުން ވީ ވަރަށް ކޮސް ކަމަކަށެވެ. ޓްރާންސްފާ ބާޒާރު ބަންދުކުރާ ގަޑިޖެހޭތީ އަވަސް އަރުވާލައިގެން ލިވަޕޫލުން ބޮޑު ހަރަދުކޮށްފައި ގެނައި ކުޅުންތެރިޔާ ވެގެންދިޔައީ ބޮޑު ފްލޮޕަކަށެވެ. އަނެއްކޮޅުން ޓޮރޭސް ލިވަޕޫލު ދޫކޮށް ޗެލްސީއަށް ދިއުމުން ފައިދާއެއްވީ އެއްވެސް ފަރާތެއް ނެތެވެ. ލިވަޕޫލާއި ހިލާފަށް ޗެލްސީގައި ޓޮރޭސް ވީ ބޮޑު ފްލޮޕަކަށެވެ. އެކަމުގެ ސަބަބުން ޓޮރޭސްގެ ތަރި އޮއްސި ޗެލްސީ އަށް 56 މިލިއަން ޔޫރޯ ގެއްލުނީއެވެ.

މެންޗެސްޓާ ސިޓީއިން މަންގަލާ ގެނައުން

2014 ގައި މެންޗެސްޓާ ސިޓީއިން އެފްސީ ޕޯޓޯގެ ފްރާންސަށް ނިސްބަތްވާ އެލިއަކިމް މަންގަލާ 47 މިލިއަން ޔޫރޯއަށް ގެނައިރު އެންމެންވެސް ދުށީ ވަރަށް ވަރުގަދަ ޓްރާންސްފާއެއްގެ ގޮތުގަ އެވެ. ސަބަބަކީ އެއީ އޭރު އިނގިރޭސި ވިލާތުގައި ޑިފެންޑަރަކަށް ދިން އެންމެ ބޮޑު އަގުކަމަށްވާކަމެވެ. އެކަމަކު ހަތަރު އަހަރުގެ ތެރޭގައި 79 މެޗަށް ފަހު ހިލޭ ޓްރާންސްފާއެއްގައި ވެލެންސިއާއަށް ބަދަލުވިއިރު މަންގަލާ ވެގެންދިޔައީ ސިޓީ އިން ހަނދާން ނައްތާލަން ބޭނުންވި ޓްރާންސްފާ އަކަށެވެ.

ޕައުލޯ ޑިބާލާގެ ސޮއިގެ ބަދަލުގައި ވިލްފްރެޑް ބޯނީގެ ސޮއި ހޯދުންވެސް ވެގެން ދިޔައީ ސިޓީއިން ކުރި ވަރަށް ކޮސްކަމަކަށެވެ. އެޑިން ޒެކޯ ހުސްކުރި ޖާގައަށް ޑިބާލާގެ ބަދަލުގައި ގެނައި ކުޅުންތެރިޔާ، ސިޓީއިން އޭނާ ގެނައުމަށް ހޭދަކުރި 31 މިލިއަން ޔޫރޯގެ ދެބައިކުޅަ އެއްބައިގެ އަގަކަށް އެނބުރި ކުރީގެ ކްލަބަށް ދިޔައިރު އަދި މިހާރު ކުޅޭނެ ކްލަބެއް ނެތިފައި ހުރިއިރު ޑިބާލާ ޔުވެންޓަސް ގައި މިހާރު އެހެރީ ދުނިޔޭގެ ފެންވަރުގެ ތަރިއެއްގެ ގޮތުގަ އެވެ.

މެންޗެސްޓަ ޔުނައިޓެޑުން ޕައުލް ޕޮގްބާ ޔުވެންޓަސް އަށް ދޫކޮށްލުމާއި އަދި 100 މިލިއަން ޔޫރޯއަށް އަނެއްކާ ގަތުން

ސަރ އެލެކްސް ފާގަސަން އަކީ ކޯޗެއްގެ ގޮތުގައި މާގިނަ ގޯސްތަކެއް ހެދި މީހެއްނޫނެވެ. އަމުދުން ޓްރާންސްފާ ބާޒާރުގައި ފާގަސަން ގޯސް ހަދާތަން އާއްމުކޮށް ފެނިފައެއް ނުވެ އެވެ. އެހެންނަމަވެސް މެންޗެސްޓާ ޔުނައިޓެޑްގައި ޔޫތު ކެރިއަރު ފެށި ޕައުލް ޕޮގްބާ ޔުވެންޓަސް އަށް ދޫކޮށްލުމަކީ ފާގަސަން ހެދި ވަރަށް ބޮޑު ގޯހެއް ކަމަށް އެންމެންވެސް ދެކެ އެވެ. ފާގަސަން ޕޮގްބާ ދޫކޮށްލީ ޕޮގްބާގެ އޭޖެންޓް މިނޯ ރައިއޯލާ އާއި ހެދިކަމަށްވެ އެވެ. ޕޮގްބާ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވުނީ ޔުވެންޓަސްގެ މެދުތެރޭގައި ކުޅުނު ކުޅުމުގެ ސަބަބުންނެވެ. މެންޗެސްޓާ ޔުނައިޓެޑުން އަނެއްކާވެސް ބޭނުންވުމާ އެކު ކާމިޔާބު 4 ސީޒަނަށްފަހު ޔުވެންޓަސް އިން ޕޮގްބާ 2016 ގައި ވިއްކާލީ 100 މިލިއަން ޔޫރޯއަށެވެ. މިހާ ބޮޑު އަދަދަކަށް ޕޮގްބާ އަނބުރާ ގެނައުމުން ޔުނައިޓެޑަށް ވީ އެއްވެސް ފައިދާއެއް މިހާތަނަށް ފެންނާކަށްނެތެވެ. އެއީ 2016 އިގެ ފަހުން މިހާތަނަށް ޔުނައިޓެޑުން ދެއްކި ކުޅުން ޕޮގްބާއާއި ނުލާވެސް ދެއްކޭނެކަމަށް ގަބޫލުކުރެވޭތީ އެވެ. އެހެންކަމުން އެންމެ ފުރަތަމަ ޕޮގްބާ ދޫކޮށްލުމާއި ފަހުން ބޮޑު އަގުދީފައި އަނބުރާ ގެނައުމަކީވެސް ޔުނައިޓެޑުން ހެދި ގޯސްތަކެއް ކަމަށް ބުނެވިދާނެ އެވެ. ޕޮގްބާ ޔުނައިޓެޑު ދޫކޮށް އެނބުރި ޓިއުރިން އަށް ނުވަތަ އެނޫންވެސް ދިމާލަކަށް މާލަހެއްނުވެ ދިއުންވެސް އެކަށީގެންވެ އެވެ. ޔަގީންވާ އެއްކަމަކީ ޕޮގްބާ ވިއްކާލައިގެންނެއް ޔުނައިޓެޑުން ޕޮގްބާ ގަތުމަށް ހޭދަކުރި އަދަދުގެ ދެބައިކުޅައެއްބައި ވެސް ދެން ނުލިބޭނެ ކަމެވެ.

އަލެކްސިސް ސަންޗޭޒް އާއި ހެންރިކް މިކްތާރަޔަން ބަދަލުކުރުމަށް އާސެނަލްއާ އެކު ޔުނައިޓެޑުން ހެދި ޑީލަކީވެސް އެ ދެޓީމުންވެސް ކުރި ވަރަށް ހިތި ތަޖުރިބާއެކެވެ. މިއަދު އެ ދެކުޅުންތެރިންވެސް އިނގިރޭސި ޕްރިމިއާ ލީގު ދޫކޮށް އިޓާލިއަން ލީގުގައި ކުޅެމުންދާއިރު އެދެކުޅުންތެރިންގެ ކިބައިން ސަލާމަތް ނުވެވިގެން ޔުނައިޓެޑާއި އާސެނަލް އިން އުޅުނު ދުވަސްތަކަކީ އެދެޓީމުންވެސް ހަނދާން ނައްތާލަން ބޭނުންވާނޭ ދުވަސްތަކެއްކަން ޔަގީނެވެ.

ޕީއެސްޖީއިން ނޭމާއަށް 222 މިލިއަން ޔޫރޯ ހޭދަކުރުން

ކުޅުންތެރިޔާ ކިތަންމެ މޮޅަސް ނުވަތަ ކްލަބު ކިތަންމެ މުއްސަންޖަސް އެންމެ ކުޅުންތެރިއަކަށް 222 މިލިއަން ހޭދަކުރުމަކީ ކޮށްގެންވާނޭ ކަމެއްކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. ސަބަބަކީ ނޭމާ ހޯދަން ޕީއެސްޖީއިން އެހާ ބޮޑު އަދަދެއް ހޭދަކުރުމުންވެސް ނޭމާއަށް ނުވަތަ ޕީއެސްޖީއަށް ވީ ފައިދާއެއް ފެންނަންނެތްކަމެވެ. އޭގެސަބަބުން ވީހާވެސް ކަމަކީ ޔޫރަޕްގެ ކުޅުންތެރިން ގަނެވިއްކުމުގެ އަގުތަކާއި އުސޫލުތަކަށް ކުރި ނޭދެވޭ އަސަރެވެ. ކުޅުންތެރިންގެ ‘ބައި އައުޓް ކްލޯސް’ (ކޮންޓްރެކްޓްގެ މުއްދަތުގައި އެހެން ކްލަބަކަށް ދާނަމަ ކްލަބަށް ދައްކަން ޖެހޭ ފީ) އިންތިހާއަށް މައްޗަށް ހިނގައްޖެ އެވެ. މިސާލަކަށް ބާސެލޯނާއަށް ދާދިފަހުން ގެނައި އާދައިގެ ކުޅުންތެރިއެއް ކަމަށްވާ މާޓިން ބްރާތުވެއިޓް ކޮންޓްރެކްޓްގެ މުއްދަތުގައި އެހެންޓީމަކަށް ގެންދާނަމަ ބާސެލޯނާއަށް 300 މިލިއަން ޔޫރޯ ދައްކަން ޖެހެ އެވެ. ހެރީ މެގުއާ އަދި ނިކޮލަސް ޕެޕޭ ފަދަ މާ ބޮޑު ތަފާތެއް ނުދެއްކޭ ކުޅުންތެރިންގެ އަގުވެސް އޭގެފަހުން އިންތިހާއަށް މިވަނީ ބޮޑުވެފަ އެވެ. ކުރިންވެސް ބުނިހެން މި ޓްރާންސްފާގެ ސަބަބުން ޕީއެސްޖީއަށް އަދި މިހާތަނަށް ލިބުނު ކާމިޔާބެއްނެތެވެ. ފްރެންޗް ލީގު ވޭތުވެ ދިޔަ 3 ފަހަރު ހޯދިޔަސް އެއީ ނޭމާ ގެނައުމުގެ ކުރިންވެސް އެމީހުން ހޯދަމުން އައި ތަށްޓެކެވެ. ޕީއެސްޖީ އިން ނޭމާ ހޯދުމުގެ އެންމެ ބޮޑު ބޭނުމަކީ ޔޫއެފާ ޗެމްޕިއަންސް ލީގު ހޯދުމެވެ. މިދިޔަ ސީޒަނުގައި އެ މުބާރާތުގެ ފައިނަލްގައި ކުޅުން ފިޔަވައި މި މުބާރާތުގައި އިތުރު ކަމެއް ނޭމާއާ އެކު އެމީހުންނަށް ކުރެވިފައެއް ނެތެވެ. އަދި މިއަދު އެހެންޓީމަކަށް ނޭމާ ވިއްކާލަން ޕީއެސްޖީއިން ބޭނުންވިޔަސް އެމީހުން ނޭމާއަށް ކުރި ހަރަދުގެ ދެބައިކުޅައެއްބައި ފޫބެދޭ ވަރުގެ އަގެއް ނަމަވެސް ހޯދުން ދެންވާނީ ދަތިކަމަކަށެވެ.

އެޑެން ހަޒާޑް ހޯދަން ރެއާލް މެޑްރިޑުން 100 މިލިއަން ޔޫރޯ ހޭދަކުރުން

ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސް އަށް 2018 ގައި ވިއްކާލުން އެއީ ރެއާލް މެޑްރިޑުން ހެދި ގޯހެއް ކަމުގައި ސަޕޯޓަރުން ދެކެ އެވެ. އެކަމަކު އޭރު ރޮނާލްޑޯއަށް 33 އަހަރުވެފައި އަދި ބަދަލުގައި 100 މިލިއަން ޔޫރޯ ލިބުމުން އެ ޑީލަކީ މެޑްރިޑަށް ފައިދާ ހުރި ޑީލެއް ކަމަށް ގަބޫލުކުރެވެ އެވެ. އެހެންނަމަވެސް އެފައިސާ ވަނީ މިހާރު މެޑްރިޑް އަތުން ގެއްލިފައި ކަމުގައި ބެލިދާނެ އެވެ. އެއީ ހަމަ އެހާވަރުގެ އަދަދަކަށް ޓީމަށް ގެނައި އޭރު އެންމެ ޑިމާންޑު އޮތް ތަރި ބެލްޖިއަމްގެ އެޑެން ހަޒާޑް ގެނައުމުން މިހާތަނަށް އެއްވެސް ފައިދާއެއް ކޮށްފައި ނުވާތީ އެވެ. ރެއާލް މެޑްރިޑާއި ގުޅުމަށްފަހު ހަޒާޑް އުޅޭތަން ފެންނަނީ އަބަދުވެސް އަނިޔާގަ އެވެ. އެކަމުގެ ސަބަބުން ވޭތުވެދިޔަ ދޮޅު އަހަރުގެ ތެރޭގައި 29 މެޗުން ހަޒާޑަށް ޖެހިފައިވަނީ އެންމެ 3 ގޯލެވެ. މިކަން ބަދަލުކޮށްލުމުގެ ފުރުސަތު ހަޒާޑަށް އެބައޮތެވެ. އެހެންނަމަވެސް މިހާތަނަށް ފެންނަ ފެނުމަށް ހަޒާޑް ގެނައުން ވެފައި މިއޮތީ މެޑްރިޑުން ހެދި އެންމެ އަގުބޮޑު އެއް ގޯހަށެވެ.

މީގެއިތުރުން 2014 ގެ ވޯލްޑް ކަޕްގައި ވިދާލި ކޮލަމްބިއާގެ ހަމޭސް ރޮޑްރިގޭޒަށް ހަރަދުކުރި 75 މިލިއަން ޔޫރޯއާއި ދާދިފަހުން ލޫކާ ޔޮވިކް ގެނައުމަށް ހޭދަކުރި 60 މިލިއަން ޔޫރޯ ވެސް ވެގެންގޮސްފައިވަނީ ބޭކާރުވެގެންދިޔަ ފައިސާތަކަކަށެވެ.

ޓޮޓެންހަމް ހޮޓްސްޕާސް އިން ގަރެތު ބޭލް ވިއްކާލައިގެން ލިބުނު ލާރިގަނޑު ބޭކާރު ކޮށްލުން

2013 ގައި ޓޮޓެންހަމުން ގަރެތު ބޭލް ރެއާލް މެޑްރިޑަށް ވިއްކާލީ 95 މިލިއަން ޔޫރޯއަށެވެ. މިފައިސާ އިން ޓޮޓެންހަމުން ގަތް ކުޅުންތެރިންގެ ތެރޭގައި ރޮބާޓޯ ސޮލްޑާޑޯ، ޕައުލީނިއޯ، އެޓިއެން ކެޕޯ، ވުލެޑް ކިރިޗިސް، ނޭސާ ޗަޑްލީ، އެރިކް ލަމޭލާ، އަދި ކްރިސްޓިއަން އެރިކްސަން ހިމެނެ އެވެ. އިނިގިރޭސި ޕްރިމިއާ ލީގަށް ފަރިތަ މީހަކު ނަމަ ޓޮޓެންހަމުން ބޭލް ވިއްކާލައިގެން ލިބުނު ލާރިން ތާކުންތާކު ޖެހޭ ހަރަދެއް ކޮށްފައިނެތްކަން މިދެންނެވުނު ނަންތައް އަޑުއަހާލުމުން އެކަނިވެސް އެނގޭވަރުވާނެ އެވެ. މީގެތެރޭން ލަމޭލާ ފިޔަވައި އެހެން އެންމެން ވަނީ ޓޮޓުންހަމް ދޫކޮށް އެހެން ދިމަދިމާލަށް ގޮސްފަ އެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.