ކްލަބް މޯލްޑިވްސް ކަޕް ކުޑަ އީދު ދުވަހު ފަށަނީ

Advertisement

ކްލަބް މޯލްޑިވްސް ކަޕް ކުޑަ އީދު ދުވަހު ފަށަނީ

ޢަލީ ޝަހީމް
2019 ވަނަ އަހަރުގެ މުބާރާތުގެ ތެރެއިން. - ފޮޓޯ: ކްލަބް މޯލްޑިވްސް

ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ފޯރިގަދަ އެއް ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕް އަންނަ މެއި މަހުގެ 13 ވަނަ ބާއްވަން ނިންމައިފި އެވެ. މެއި މަހުގެ 13 ވަނަ ދުވަސް މިފަހަރު ދިމާވަނީ ޝައްވާލު މަހުގެ އެއްވަނަ ދުވަހާ އެވެ.

ކޮވިޑް-19އާ ގުޅިގެން މިދިޔަ އަހަރު މި މުބާރާތް ނުބާއްވަ އެވެ. މިދިޔަ އަހަރު މުބާރާތް ބާއްވަން އެންމެ ފުރަތަމަ ޝެޑިއުލްކުރީ އޭޕްރީލް މަހު އެވެ. އެކަމަކު ކޮވިޑުގެ ކޭސްތައް ގިނަވުމުން މާޗް މަހުގެ ނުވަ ވަނަ ދުވަހު ވަނީ މުބާރާތް ފަސްކުރަން ނިންމި އެވެ. އޭގެފަހުން ނޮވެމްބަރު މަހު މުބާރާތް ބޭއްވޭތޯ ބެލިނަމަވެސް ހާލަތަށް އެދެވޭ ބަދަލެއް ނައުމުން މުބާރާތް އެންމެ ފަހުން ކެންސަލްކުރީ އެވެ. އަހަރެއްގެ މެދުކެނޑުމަކަށް ފަހު މެއި މަހު މުބާރާތް ބާއްވަން އަލުން ޝެޑިއުލްކުރި ނަމަވެސް ކޮވިޑުގެ ހާލަތާ ގުޅިގެން އަދިވެސް ތާރީހަށް ބަދަލު އައުމުގެ ފުރުސަތު އެބައޮތެވެ. ކްލަބް މޯލްޑިވްސް ކަޕް އިންތިޒާމުކުރާ ފަރާތުން ބުނީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ހަފްތާގެ ތެރޭގައި އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލާނެ ކަމަށެވެ.

Advertisement

2006 ވަނަ އަހަރު ބާއްވަން ފެށި ކްލަބް މޯލްޑިވްސް ކަޕްގެ މިއަހަރުގެ ފިރިހެން ޑިވިޝަނަކީ 15 ވަނަ މުބާރާތެވެ. އަންހެން ކުޅުންތެރިންނަށް ހުޅުވާލައިގެން މިއީ މުބާރާތް ބާއްވާ 11 ވަނަ ފަހަރެވެ. އެންމެފަހުން މުބާރާތް ބޭއްވި 2019 ވަނަ އަހަރުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޔުނައިޓެޑް ބީއެމްއެލް އިން ހޯދިއިރު ވިމެންސް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ހޯދީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިންނެވެ. ފިރިހެން ޗެމްޕިއަންކަން ބީއެމްއެލް ހޯދީ ފައިނަލުގައި ވެމްކޯ 6-1 އިން ބަލިކޮށްގެންނެވެ. އަންހެން ބައިގެ ޗެމްޕިއަންކަން އެމްޕީއެލް ހޯދީ ޕޮލިސް ކްލަބާ ވާދަކޮށް 4-3 އިން މޮޅުވެގެންނެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ އެންމެ ކާމިޔާބު ޓީމަކީ ހަތަރު ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ އެސްޓީއޯ އެވެ. އެޓީމުން ޗެމްޕިއަންކަން ހޯދީ 2009، 2011، 2014 އަދި 2015 ވަނަ އަހަރު އެވެ. މިދިޔަ އަހަރުގެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އެސްޓީއޯ އިން ފުޓްސަލްގެ މަޝްހޫރު ތަރި އަލީ ހާފިޒް (ހާއްޕެ) ގެ ސޮއި ވެސް ހޯދި އެވެ. އެސްޓީއޯ އަށް ފަހު މުބާރާތުގައި އެންމެ ކާމިޔާބީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި އެމްޕީއެލް އެވެ. އެމްއޭސީއެލް އިން 2007، 2008 އަދި 2010 ވަނަ އަހަރު ޗެމްޕިއަންކަން ހޯދިއިރު އެމްޕީއެލް އިން ޗެމްޕިއަންކަން ހޯދީ 2006، 2012 އަދި 2013 ވަނަ އަހަރު އެވެ. ތިން ވަނަ އަށް އެންމެ ކާމިޔާބީ 2016 ވަނަ އަހަރާއި 2019 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދި ބީއެމްއެލް އެވެ. މުބާރާތް އެއް ފަހަރު ކާމިޔާބުކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޗެމްޕިއަން އެމްއާރުޑީސީ އާއި 2018 ވަނަ އަހަރުގެ ޗެމްޕިއަން ތިލަފުށި ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް އެވެ.

30/18 ވިމެންސް ފުޓްސަލް ފިއެސްޓާގެ އެންމެ ކާމިޔާބު ޓީމަކީ ހަތަރު ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ މޯލްޑިވްސް އިމިގްރޭޝަނެވެ. އެޓީމުން ޗެމްޕިއަންކަން ހޯދީ 2010، 2011، 2015 އަދި 2016 ވަނަ އަހަރު އެވެ. އެމްއެންޑީއެފުން 2013، 2014 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކުރިއިރު އެމްޕީއެލް އިން ވަނީ 2018 އަދި 2019 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މި މުބާރާތް އެއް ފަހަރު ކާމިޔާބުކޮށްފައިވަނީ އެސްޓީއޯ އާއި ފެނަކަ ކޯޕަރޭޝަނެވެ. އެސްޓީއޯ އިން 2012 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދިއިރު ފެނަކަ އިން މުބާރާތް ކާމިޔާބުކުރީ 2017 ވަނަ އަހަރު އެވެ.

ކްލަބް މޯލްޑިވްސް ކަޕް އެންމެ ފަހުން ބޭއްވީ ހުޅުމާލެ ރެހެންދި ސްކޫލް ކައިރީގައި އޮންނަ ޓާފް ފުޓްސަލް ދަނޑުތަކުގަ އެވެ. 2018 ވަނަ އަހަރުގެ ނިޔަލަށް އެ މުބާރާތް ކުރިއަށްގެންދިޔައީ މާފަންނުގައި އޮންނަ ވެލި ފުޓްސަލް ދަނޑުތަކުގަ އެވެ. ކްލަބް މޯލްޑިވްސް ކަޕަކީ ޓީމުތަކުން ދުރާލާ ތައްޔާރުވަމުން އަންނަ ސަޕޯޓަރުންގެ ތަރުހީބު ބޮޑު މުބާރާތެކެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *