ޑުޕަރ ފިފްޓީން މަޅި ފުޓްސަލް ޗެލެންޖް ފަށައިފި

Advertisement

ޑުޕަރ ފިފްޓީން މަޅި ފުޓްސަލް ޗެލެންޖް ފަށައިފި

ޢަލީ ޝަހީމް
މަޅި ފުޓްސަލް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން. - ފޮޓޯ: ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ

32 ޓީމުން ވާދަކުރާ ޑުޕަރ ފިފްޓީން މަޅި ފުޓްސަލް ޗެލެންޖް ކުޑަހެންވޭރު ޓާފް ފުޓްސަލް ދަނޑުގައި ރޭ ފަށައިފި އެވެ. މަޅި އެމްވީ އިން މި މުބާރާތް ކުރިއަށްގެންދަނީ ކުޑަހެންވޭރު ޔުނައިޓެޑާއި މަސްއޮޑި ސްޕޯޓްސް ކްލަބްގެ އެހީތެރިކަމާ އެކު އެވެ.

މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް އެވެ. މަހުލޫފްއާ އެކު މަޅި އެމްވީގެ އިސް ފަރާތްތަކާއި ކުޑަހެންވޭރު ޔުނައިޓެޑް އަދި މަސްއޮޑި ސްޕޯޓްސް ކްލަބްގެ މެމްބަރުން ބައިވެރިވި އެވެ.

މުބާރާތުގައި ރޭ ވަނީ ގްރޫޕް އޭގެ ދެ މެޗު ކުޅެފަ އެވެ. މުބާރާތް ހުޅުވުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗުގައި ކްލަބް 010 އިން ވަނީ ޕާކް ބޯއީޒް 9-2 އިން ބަލިކޮށްފަ އެވެ. ކްލަބް 010 އިން ޖެހި ނުވަ ލަނޑުގެ ތެރެއިން އިސްމާއީލް މުނީޒް އާއި މުހައްމަދު ލިޔާހް، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހި އެވެ. އެއް ލަނޑު ޕާކް ބޯއީޒްގެ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން އިރު އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ އަލީ ޝިފާއު (ރޮނާ) އާއި ޖުމެއިލް ޖަމީލް އަދި އިބްރާހީމް ޝަނޫން އެވެ. މެޗުގެ ފަހުކޮޅު ޕާކް ބޯއީޒްގެ ދެ ލަނޑު ޖެހީ ޒައިން މުހައްމަދާއި އަހުމަދު ޝައިހާން އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކްލަބް 010 އަށް ކުޅޭ މަޝްހޫރު ފުޓްސަލް ކުޅުންތެރިޔާ ރޮނާ އެވެ. މުބާރާތުގެ ދެ ވަނަ މެޗުގައި ވާދަކުރީ ހަލަބޮލި އާއި ރަމްޕޭޖް އެވެ. ވާދަވެރި ކުޅުމަކަށް ފަހު މި މެޗު 3-2 އިން ކާމިޔާބުކުރީ ރަމްޕޭޖް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ރަމްޕޭޖް ޓީމުގެ ޝިފާޒް އާދިލް އެވެ.

މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ގޮތުން މިނިސްޓަރު މަހުލޫފް ވާހަކަދައްކަވަނީ. – ފޮޓޯ: ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ

މުބާރާތުގައި މިއަދު ހަ މެޗު ކުޅޭނެ އެވެ. ހަވީރު ހަތަރެއް ޖަހާއިރު ކުޅޭ މެޗުގައި ޒެޕޯ އާއި އެންއެސް ރޯމާ ވާދަކުރާއިރު ހަވީރު ކުޅޭ ފަހު މެޗުގައި ޓްވިންސް ގާޑެން ނުކުންނާނީ ޑީސީ އެވެންޖާސްއާ ދެކޮޅަށެވެ. ރޭގަނޑު އަށެއް ޖަހާއިރު ފަށާ މެޗުގައި ބޮންގް ބޯއީޒް އާއި ވީކޭ ވާދަކުރާއިރު ނުވައެއް ޖަހާއިރު ސްކުއާޑްރާ ސްޕޯޓްސް ކްލަބް ނުކުންނާނީ ދަ ގޯޅިއާ ދެކޮޅަށެވެ. ރޭގަނޑު 10 ޖަހާއިރު ފަށާ މެޗުގައި ޓީވައިޕީ އާއި ދަ ރޯޔަލްސް ވާދަކުރާއިރު މިރޭ ކުޅޭ ފަހު މެޗުގައި ކޭއެޗް ލަޔަންސް އާއި ވޯންޓެޑް ވާދަކުރާނެ އެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދާނީ މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ “ޑުޕްރ ފިފްޓީން” އެވެ. ކޯ ސްޕޮންސަރުންގެ ގޮތުގައި އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށީގެ އިތުރުން ހަމަޖައްސާފައިވަނީ ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަން އެވެ. މުބާރާތުގެ ބެވެރޭޖް ޕާޓްނަރަކަށް ރެޑްބުލް ހަމަޖައްސާފައިވާއިރު ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިން ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. އެހެނިހެން ސްޕޮންސަރުންގެ ގޮތުގައި އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް ވަނީ ހަމަޖައްސައިފަ އެވެ.

މުބާރާތުގައި ރޭ ކުޅުނު މެޗެއްގެ ތެރެއިން. – ފޮޓޯ: ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ

މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރުންގެ ގޮތުގައި ތިން ނޫހަކާއި މޯލްޑިވްސް ފުޓްސަލް ޕްލެޔާސް ފޭސްބުކް ޕޭޖް ވަނީ ހަމަޖައްސައިފަ އެވެ. މުބާރާތް ކަވަރުކުރާ މީޑިއާތަކަކީ “ފަހުމިނެޓް” ގެ އިތުރުން ވަގުތު އަދި ދެން ނޫހެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީ އިން މައުލޫމާތުދެ އެވެ. މި މުބާރާތަކީ ކޮވިޑް-19 ރާއްޖޭން ފެނުނުފަހުން މާލެ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *