ސަސް އިން ވެސް ކޯޗުގެ އެއްބަސްވުން އުވާލައިފި
މިއަހަރު ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ގެ އެއްބަސްވުން އެ ކްލަބުން މިއަދު އުވާލައިފި އެވެ.
ސަސް އިން މިއަދު ސޯޝަލް މީޑިއާގައި އާއްމުކުރި ޕޯސްޓުގައި ބުނެފައިވަނީ ދެފަރާތް އެއްބަސްވެގެން އެއްބަސްވުން އުވާލަން ނިންމާފައިވާކަމަށެވެ. ކްލަބުގައި ހޭދަކުރި މަދު ދުވަސްކޮޅުތެރޭ ކޮށްދިން ހިދުމަތަށް ސަސް އިން ވަނީ ނާދު އަށް ޝުކުރުއަދާކޮށްފަ އެވެ.
ނާދު އަކީ މިފަހަރުގެ ފުޓްބޯޅަ ސީޒަނުގައި ކްލަބް ދޫކޮށްލަން ޖެހުނު ހަތަރު ވަނަ ކޯޗެވެ. އެންމެ ފުރަތަމަ މަގާމުން ވަކިވީ މާޒިޔާގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ. އޭގެފަހުން ތިން ކޯޗުންނަށް މަގާމް ގެއްލުނީ ގާތްގަނޑަކަށް މިދިޔަ ތިން ވަރަކަށް ދުވަސްތެރޭގަ އެވެ. ކްލަބް ގްރީން ސްޓްރީޓްސް އަތުން 4-1 އިން ބަލިވި މެޗަށް ފަހު މި މަހުގެ 16 ވަނަ ދުވަހު މުހައްމަދު ޝިޔާޒް (މޯހަން) ކްލަބް އީގަލްސްގެ އެއްބަސްވުން އުވާލިއިރު ލީގުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ސަސްއާ ވާދަކޮށް 1-1 އިން އެއްވަރުވި މެޗަށް ފަހު ޔުނައިޓެޑް ވިކްޓްރީގެ ހެޑް ކޯޗުގެ މަގާމުން މުހައްމަދު އާދަމް ވަނީ އިސްތިއުފާދީފަ އެވެ. ސަސްގެ ކޯޗުކަން ނާދު ދޫކޮށްލިއިރު ޔޫވީ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނާދު ބުނީ އަމިއްލަ އަށް ކޯޗުކަމުން އިސްތިއުފާ ނުދޭނެކަމަށެވެ.
“ކޯޗެއްގެ ހައިސިއްޔަތުން އިސްތިއުފާއެއް ނުދޭނަން. ވަކިކުރަން ޖެހޭނީ. އެކަމަކު އެއީ އެމީހުން އެދިން ޓާގެޓް (ގަދަ ހަޔަކަށް އެރުން) ހާސިލްނުކުރެވިގެންނޭ ކިޔާފަ ވަކިކޮށްފިއްޔާ އެއީ ގޯހެއް. އަދި ނުވޭކަންނޭނގެ ޓާގެޓަށް ނުދެވުނީއޭ ބުނާކަށް. އެކަމަކު ތައްޓަށް ކުޅޭ ބައެއްނަމަ ވަކިކުރަންވީ މިހާރު ވެސް” ހޮނިހިރު ދުވަހުގެ ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނާދު ބުންޏެވެ.
ރާއްޖޭގެ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ހިމަނައިގެން ފުރަތަމަ ޑިވިޝަނަށް އަލަށް ނުކުމެ ނާދުގެ ކޯޗުކަމުގައި ކުޅުނު ހަ މެޗުގެ ތެރެއިން ހަމައެކަނި ބަލިވީ މާޒިޔާ އަތުންނެވެ. ކްލަބް އީގަލްސް އަތުން މޮޅުވިއިރު އަނެއް ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ. ލީގުގައި މިހާތަނަށް ލިބިފައިވާ ހަތް ޕޮއިންޓާ އެކު އެޓީމު މިވަގުތު އޮތީ ފަސް ވަނައިގަ އެވެ. އެޓީމު މި ސީޒަނަށް ކަނޑައެޅި ޓާގެޓަކީ ގަދަ ހައެއްގައި އޮވެ ސީޒަން ނިންމާލުމެވެ.
Advertisement
Leave a Reply