ސިންތެޓިކް ޓްރެކަކީ އެންމެންގެ ސިއްހަތާ ގުޅިފައިވާ ތަނެއް: ރައީސް

Advertisement

ސިންތެޓިކް ޓްރެކަކީ އެންމެންގެ ސިއްހަތާ ގުޅިފައިވާ ތަނެއް: ރައީސް

ޢަލީ ޝަހީމް
އިއްޔެގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅުދައްކަވަނީ. - ފޮޓޯ: ރައީސް އޮފީސް

އިއްޔެ މާލޭގައި ރަސްމީކޮށް ހުޅުވި ސިންތެޓިކް ޓްރެކަކީ ހަމައެކަނި އެތުލީޓުން ތަމްރީނުކުރުމަށް ހާއްސަތަނެއް ނޫން ކަމަށާއި، އެ ޓްރެކަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ އެންމެންގެ އާއްމު ސިއްހަތާ ވަރަށް ބޮޑަށް ގުޅިފައިވާތަނެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ އިއްޔެ ހަވީރު ސިންތެޓިކް ޓްރެކް ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

“.. މިއީ ހަމައެކަނި އެތުލީޓުން ތަމްރީނުކުރުމަށް ހާއްސަ ތަނެއް ނޫން. މިއީ މާލެ ސަރަހައްދުގައި ދިރިއުޅޭ އެންމެންގެ ޢާންމު ސިއްހަތާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ތަނެއް. އެހެންކަމުން، މިއީ ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމާއި، ދުޅަހެޔޮ ހަށިހެޔޮ ދިރިއުޅުމެއް ހޯދައިދިނުމުގެ ސިޔާސަތުގެ ދަށުން، ވަރަށް ހާއްސަ އިސްކަމެއްދީގެން ކޮށްފައިވާ މަސައްކަތެއް” ރައީސްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

އެކުވެނި ދުވާ ޓްރެކް ތަރައްގީކޮށް ބޭނުންކުރަން ފެށީ 1996 ވަނަ އަހަރު އެވެ. 24 އަހަރު ފަހުން ދުވާ ޓްރެކް ޒަމާނީ ކުރުމުގެ މަސައްކަތް މި ސަރުކާރުން ފެށީ މިދިޔަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހު އެވެ. ޓްރެކްގެ ސަބްބޭސް މަސައްކަތް އާރުކޭއެލް ގްރޫޕުން ކުރިއިރު ސިންތެޓިކް އެޅުމުގެ މަސައްކަތް ކުރީ ޕޮލިސް ވެލްފެއާ ކޯޕަރޭޝަން (ޕޮލްކޯ) އިންނެވެ.

“ކުރިން ވަރަށް އާދައިގެ ގޮތަކަށް އޮތް މި ޓްރެކަށް މިގެނެވުނު ބަދަލުގެ ސަބަބުން، ރާއްޖޭގައި ބާއްވާ ގައުމީ ކަސްރަތު މުބާރާތްތަކާއި، ސްކޫލްތަކުގެ ކަސްރަތު މުބާރާތްތަކުގެ ފެންވަރު، އެތައް ގުނައަކަށް ރަނގަޅު ވެގެންދާނެ. އަދި ބޭރުގެ މުބާރާތްތަކަށް އެތުލީޓުން ތައްޔާރުކުރުމަށްވެސް، ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ.” ރައީސް ވިދާޅުވި އެވެ.

މާލެ އެކުވެނި ވެލި ޓްރެކް ސިންތެޓީކަށް ބަދަލުކޮށްފައި. ފަސް މަހެއްހާ ދުވަހުގެ ތެރޭ މި މަސައްކަތް ކުރީ އިންޑިއާ ސަރުކާރުގެ އެހީގައި. – ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ ކުޅިވަރުގެ ތަރައްގީއަށްޓަކައި ކޮންމެ ފިޔަވަޅެއް އަޅާއިރު، ދިވެހި ކުޅިވަރުގެ ބައްޕަ ކަމުގައިވާ އަލްމަރްހޫމް މުހައްމަދު ޒާހިރު ނަސީރުގެ ނަންފުޅު އަޅުގަނޑުމެން ހަނދާނަށް ގެންނަންޖެހޭ ކަމަށެވެ.

” މިއަދު ރާއްޖޭގެ ކުޅިވަރު މިއޮތް ފެންވަރަށް ތަރައްގީވެފައިވަނީ، މާގިނަ ވަސީލަތްތަކެއް ނެތް، މި ދެންނެވި ދަތި ދުވަސްވަރު، ޒާހިރު ނަސީރު އިސްނަންގަވައިގެން ކުރެއްވި ބުރަ މަސައްކަތްތަކެއްގެ ސަބަބުންކަން ހަމަ ޔަގީން. ރާއްޖޭގެ ކުޅިވަރުގެ ހަޔާތުން ދުވަހަކުވެސް އެމަނިކުފާނުގެ ނަންފުޅު ފޮހެވިގެނެއް ނުދާނެ.” ޒާހިރު ނަސީރުގެ ހަނދާން އާކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ދުވާ ޓްރެކަކީ އާއްމުން ކަސްރަތު ކުރުމަށް ބޭނުންކުރާ ތަނެކެވެ. މީގެ އިތުރުން އެތަނުގައި ކްރިކެޓް ކުޅުމާއި، ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ އިވެންޓުތައް ވެސް މީގެ ކުރިން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެހެންނަމަވެސް ޓްރެކުގައި ކަސްރަތުކުރުމާއި ދުވުމަށް ގޮންޖެހުންތަކެއް ކުރިމަތިވީ ފަސްގަނޑުގައި ވަޅުގަނޑު ހެދުމުގެ އިތުރުން ވާރޭ ވެހުމުން އެތަނުގައި ފެންބޮޑުވާތީ އެވެ. އާ ސިންތެޓިކް ޓްރެކާ އެކު ހުރިހާ ގޮންޖެހުމަކަށް ހައްލުލިބި އެތުލީޓުންގެ ހުވަފެން ވަނީ ހަގީގަތަކަށްވެފަ އެވެ.

ރައީސް ވިދާޅުވީ އާ ސިންތެޓިކް ޓްރެކާ އެކު އެންމެ ބޮޑު އަމާޒަކީ ކުޅިވަރުގެ ރޮނގުން ދެކޭ ހުވަފެންތައް ހަގީގަތަކަށް ހެދޭނެ މަގު ދިވެހި ޒުވާނުންނަށް ފަހިކޮށްދެއްވުން ކަމަށެވެ. އަދި ތޮއްޖެހިފައި އޮރް މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އާއްމު ސިއްހަތު ރަނގަޅުކުރުމަށްޓަކައި ކޮށްދެވެން ހުރި ކޮންމެ ކަމެއް ކޮށްދިނުމަކީ އަމާޒެއް ކަމަށް ރައީސް ވިދާޅުވި އެވެ.

“މިއީ، ދޮށީ ޢުމުރުގެ ބޭފުޅުންނަށްވެސް، ރައްކާތެރިކަމާއެކު މިތަނުގައި ހިންގަވައި ކަސްރަތުކުރެއްވޭނެ ގޮތަށް، ރަނގަޅު ފެންވަރުގައި ހަދާފައި އޮތް ޓްރެކެއް. މިހާތަނަށް ކަސްރަތު ނުފަށްޓަވާ ބޭފުޅުންވެސް މިތަނަށް ވަޑައިގެން، ހަށިހެޔޮ ދިރިއުޅުމަކަށް މަސައްކަތް ކުރެއްވުމަކީ ވަރަށް ބޭނުންތެރި ކަމެއް” ރައީސް ވިދާޅުވި އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *