މެޗު އެއްވަރުވެ ޔޫވީގެ ކޯޗު އިސްތިއުފާދީފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ވާދަކޮށް 1-1 އިން އެއްވަރުވި މެޗަށް ފަހު ޔޫވީގެ ކޯޗު މުހައްމަދު އާދަމް މަގާމުން އިސްތިއުފާދީފި އެވެ.
މިފަހަރުގެ ލީގަށް ޔުނައިޓެޑް ވިކްޓްރީ ނުކުތީ މަޝްހޫރު ކުޅުންތެރިންނާ އެކު ލީގުގައި ރަނގަޅު ހިސާބަކަށް ދިއުމަށް އަމާޒުހިފައިގެންނެވެ. ސީޒަން ފެށުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުހައްމަދު އާދަމް ބުނެފައިވަނީ އޭނާގެ އަމާޒަކީ ޔޫވީއާ އެކު ލީގުގެ ގަދަ ތިން ޓީމުގެ ތެރޭގައި ހިމެނުން ކަމަށެވެ. އެކަމަކު ފުރަތަމަ ބުރުގެ ހަ މެޗުގެ ކުޅުން ނިމުނުއިރު ލީގުގައި މޮޅެއް ނުލިބޭ ހަމައެކަނި ޓީމަކީ ޔޫވީ އެވެ. ހަ މެޗުން ތިން މެޗު އެއްވަރުކޮށް ތިން ޕޮއިންޓާ އެކު އެޓީމު އޮތީ ލީގުގެ ފުލުގަ އެވެ.
މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުހައްމަދު އާދަމް ބުނީ މިރޭ ކޮންމެ ނަތީޖާއެއް ނުކުތް ކަމުގައި ވީނަމަވެސް މަގާމުން އިސްތިއުފާދޭން ނިންމާފައިވާކަމަށެވެ. އޭނާ ބުނީ ޓީމުގައި ދިމާވި ޕްރެޝަރާ ކުރިމަތިލާން ދަސްނުވި ކަމަށާއި މަގާމު ދޫކޮށްލިއިރު މެނޭޖްމަންޓާ ދެމެދު އެއްވެސް މައްސަލައެއް ނެތްކަމަށެވެ. އެހެންވެ މިވަގުތު އާ މީހަކަށް ފުރުސަތުދިނުމުގެ ގޮތުން މަގާމުން ދުރުވީކަމަށް މުހައްމަދު އާދަމް ބުންޏެވެ.

ސަސް އާއި ޔޫވީ މިރޭ ކުޅުނު މެޗުގެ ތެރެއިން. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް
މިރޭގެ މެޗުގެ 24 ވަނަ މިނެޓުގައި ލީޑު ނެގީ ސަސް އިންނެވެ. ސަސްޕެންޝަނަށް ފަހު ކުޅުނު އަޓްސޫޝީ ޔޮނެޒާވާ ނަގައިދިން ބޯޅައަކުން ބޮލުން މި ގޯލު ޖެހީ މިޑްފީލްޑަރު އެއިސޫކޭ މޯރީ އެވެ. މެޗު އެއްވަރުކުރަން ޔުވީން ކުރަމުން އައި މަސައްކަތް ކާމިޔާބުވީ މެޗުގެ ފަހު ވަގުތު ލިބުނު ޕެނަލްޓީއަކުންނެވެ. ސަސްގެ ކުޅުންތެރިއަކު ޔޫވީގެ އަނަޓޯލީ ވްލަސީޗޭވް އަށް ކުރި މި ފައުލަށް ދިން ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލީ އިސްމާއީލް އީސާ (މެސީ) އެވެ.
މި ހަފްތާގެ މެޗުތަކަށް ފަހު ލީގުގެ އެއް ވަނައިގައި 14 ޕޮއިންޓާ އެކު އޮތީ މާޒިޔާ އެވެ. ލީގުގެ ދެ ވަނައިގައި 11 ޕޮއިންޓާ އެކު އޮތީ ކްލަބް ވެލެންސިއާ އެވެ. ހަ މެޗުން ފަސް ޕޮއިންޓް ހޯދައިގެން ސަސް އޮތީ ލީގުގެ ފަސް ވަނައިގަ އެވެ.
Advertisement


Leave a Reply