ނަސީބެއް ކުރިން ރިޓަޔަރ ކުރެވުނުކަން، ލިވަޕޫލް މިހާރު މާ މޮޅު: ފާގަސަން

އިނގިރޭސި ޕްރިމިއަރ ލީގުގައި މާދަމާ ރޭ ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑާއި، ލިވަޕޫލް ބައްދަލުކުރަން ހަމަޖެހިފައިވާ މެޗުގައި ޔުނައިޓެޑްގެ ކޯޗެއްގެ ގޮތުގައި އިންނަން ނުޖެހި ކުރިން ރިޓަޔަރ ކުރެވުނީތީ އުފާކުރާކަމަށް އެ ޓީމުގެ އެންމެ ކާމިޔާބު ކޯޗު ސަރ އެލެކްސް ފާގަސަން ބުޔެފި އެވެ. ޓޭބަލްގެ އެންމެ ކުރީގައި މިވަގުތު އޮތް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރާ މެޗުގެ ކުރިން ސަމާސާ ރާގެއްގައި ފާގަސަން މިހެން ބުނެފައިވިޔަސް ފާގަސަން ގަބޫލުކުރާ ގޮތުގައި ލިވަޕޫލްގައި މިހާރު އޮތް ޓީމު މާ ބޮޑަށްވެސް ތަފާތެވެ.
މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ކަމުގެ މަގާމުން 2013 ވަނަ އަހަރު އަމިއްލައަށް ވަކިވި ފާގަސަން ޔުނައިޓެޑްގައި 27 އަހަރު ހޭދަކުރި އިރު އޭނާ ވަނީ އެ ޓީމަށް 13 ފަހަރު އިނގިރޭސި ލީގު ކާމިޔާބުކޮށްދީފަ އެވެ. އަދި، އިނގިރޭސި ފުޓްބޯޅައިގެ ރަސްކަމުގައި ލިވަޕޫލް އޮތް އޮތުން ފާގަސަން ވަނީ ނިމުމަކަށް ގެނެސްފަ އެވެ. އެކަމަކު ޔުނައިޓެޑްގެ ކޯޗުކަމުގެ މަގާމުން ފާގަސަން ވަކިވި ހިސާބުން އަނެއްކާވެސް މަންޒަރު މިވަނީ ބަދަލުވާން ފަށައިފަ އެވެ. އޭގެ ފަހުން އަދި މިހާތަނަށް ޕްރިމިއަރ ލީގުގެ ތަށީގައި އަތްލުމުގެ ފުރުސަތު ޔުނައިޓެޑަށް ލިބިފައިނުވާއިރު ލިވަޕޫލުން ވަނީ ގާތްގަނަޑަކަށް 30 އަހަރު ވަންދެން އެ ތަށީގައި އަތް ނުލެވި އޮތް އޮތުން މިދިޔަ އަހަރު ނިމުމަކަށް ގެނެސްފަ އެވެ. މިދިޔަ ސީޒަންގެ ލީގުގެ އެއްވަނަ ލިވަޕޫލުން ހޯދިއިރު އެ ޓީމާއި، ޔުނައިޓެޑާ ދެމެދު 33 ޕޮއިންޓްގެ ފަރަގެއް ހުއްޓެވެ.
ލީގު ޗެމްޕިއަންކަން ހޯދުމުގެ ރޭހުގައި މުހިއްމު މެޗަކަށް ޔުނައިޓެޑާއި ލިވަޕޫލް ނުކުންނަން ތައްޔާރުވަމުން އަންނަ އިރު ފާގަސަން ގަބޫލުކުރާ ގޮތުގައި ލިވަޕޫލްގެ އެންމެ މުހިއްމު އެކަކީ އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕެވެ. ފާގަސަން ބުނި ގޮތުގައި ކްލޮޕް ލިވަޕޫލްގައި ކުރަމުން އަންނަ މަސައްކަތް އޭނާ އަށް ވަރަށް ކަމުދެ އެވެ.
“އަހަރެން އަބަދުވެސް ގަބޫލުކުރާ އެއްކަމަކީ މެންޗެސްޓަރ ޔުނައިޓެޑާއި ލިވަޕޫލް ލީގުގައި ވާދަކުރާ މެޗަކީ ލީގުގެ އެންމެ މުހިއްމު މެޗު ކަން. އެއީ އިނގިރޭސި ފުޓްބޯޅައިގެ އެންމެ ކާމިޔާބު ދެ ކްލަބް. އެމީހުން ހޯދައިފައިވާ ޓްރޮފީގެ އަދަދަށް ބަލާލިޔަސް އެކަން ސާފުކޮށް އެނގޭނެ.” ޑިމެންޝިއާ އަށް ހޭލުންތެރިކުރުމުގެ ގޮތުން ހިންގި ހަރަކާތެއްގައި ބައިވެރިވެ ވާހަކަދައްކަމުން ފާގަސަން ބުންޏެވެ.
“ލީގު ކާމިޔާބުކުރަން ބޭނުންނަމަ ލިވަޕޫލް ބަލިކުރަންޖެހޭނެ. އެކަން ވަރަށް ސާފު. އެއީ ހަމަ އަހަރެން ޔުނައިޓެޑާ ގުޅުމުގެ ކުރިން އަބަޑީންގައިވެސް ދެކުނު ގޮތް. ސްކޮޓިސް ލީގު ކާމިޔާބު ކުރަން ބޭނުންނަމަ ރޭންޖާސް އާއި ސެލްޓިކް ބަލިކުރަން ޖެހޭނެ.” ފާގަސަން ބުންޏެވެ
“ހަތްދިހައިގެ އަހަރުތަކާއި، އަދި އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި ލިވަޕޫލުން ހޯދައިފައިވަނީ އާދަޔާ ހިލާފު ބޮޑު ކާމިޔާބީއެއް. އެކަން ޔުނައިޓެޑަށް ހާސިލްކޮށްދިނުމަށް އަހަރެންނަށްވެސް ކުރަން ޖެހުނީ އުނދަގޫ ދަތުރެއް. ޓީމެއް ބިނާކުރަން ވަގުތު ނެގި. އެކަމަކު އެކަން އެންމެ ފަހުން ވަރަށް ރަގަޅަށް ހާސިލްކުރެވުނު.” އިނގިރޭސި ލީގުގެ ތަށި އެންމެ ގިނަ ފަހަރު ކާމިޔާބުކުރި ކްލަބްގެ ޝަރަފް ޔުނައިޓެޑަށް ހޯދައިދިން ފާގަސަން ބުންޏެވެ.
“މިހާރު އަހަރެން މިހިރީ ރިޓަޔަރ ކޮށްފަ. މިދިޔަ ދެ ސީޒަންގައި ލިވަޕޫލުން ދެއްކި މޮޅު ކުޅުން ބަލާފަ އަހަރެން ބުނާނީ ޝުކުރު ކުރަމޭ ކުރިން ރިޓަޔަރ ކުރެވުނީތީ. އެމީހުން މިހާރު ވަރަށް މޮޅު. އަހަރެން އަބަދުވެސް ލިވަޕޫލަށް އިހުތިރާމްކުރަން.” ޔުނައިޓެޑްގައި ހޭދަކުރި އެންމެ ފަހު ސީޒަންގައިވެސް ލީގު ކާމިޔާބުކުރި ކޯޗު އިތުރަށް ބުނެފައިވެ އެވެ.
Advertisement


Leave a Reply