އީގަލްސް ބަލިކޮށް ގްރީން ތިން ވަނަ އަށް އަރައިފި
މިރޭ ކްލަބް އީގަލްސް 4-1 އިން ބަލިކޮށް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނަ މަގާމަށް ކްލަބް ގްރީން ސްޓްރީޓްސް ޖެހިލައިފި އެވެ.
މިއީ ލީގުގައި ގްރީން ސްޓްރީޓްސް ޖެހިޖެހިގެން މޮޅުވި ދެ ވަނަ މެޗެވެ. ހަ މެޗުން އަށް ޕޮއިންޓް ހޯދައި ގްރީން ސްޓްރީޓްސް ތިން ވަނައިގައި އޮތްއިރު ދެ ވަނައިގައި އޮތް ކްލަބް ވެލެންސިއާ އަށް ލިބިފައިވަނީ 11 ޕޮއިންޓެވެ. ތާވަލުގެ އެއް ވަނައިގައި އޮތީ 14 ޕޮއިންޓް ހޯދާފައިވާ މާޒިޔާ އެވެ. މި ސީޒަނުގައި ދަށް ފޯމެއްގައި އޮތް އީގަލްސް ހަތަރު ޕޮއިންޓާ އެކު އޮތީ ހަތް ވަނައިގަ އެވެ.
މިރޭގެ މެޗު ފަށައިގެން އީގަލްސް އިން ވަނީ ގްރީން ސްޓްރީޓްސްގެ ގޯލަށް ނުރައްކާކޮށްފަ އެވެ. އެކަމަކު ގްރީން ސްޓްރީޓްސް އިން ވަނީ މެޗުގައި އެޓީމުން އުފެއްދި ފުރަތަމަ ހަމަލާގައި 27 ވަނަ މިނެޓުގައި ލީޑު ނަގައިފަ އެވެ. އަލީ ޝާމިއު އޭރިޔާ ބޭރުން ފޮނުވާލި ބާރު ހަމަލާ ގޯލަށް ވަނީ އީގަލްސްގެ ކީޕަރު މުހައްމަދު ސިނާހު މަތަކުރަން އުޅުނު ވަގުތުގައި އަތުގައި ޖެހިފަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ގްރީން ސްޓްރީޓްސް އިން އިތުރު ދެ ގޯލު ޖެހި އެވެ. ފުރަތަމަ ގޯލު ޖެހިތާ ދެ މިނެޓު ފަހުން ދެ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެންޖެލް ކަރަސްކޯ މުނޯޒް އެވެ. ހަސަން ނަޒީމް (ޗޯޓު) ބޮލުން ޖެހި ބޯޅަ އީގަލްސްގެ ކުޅުންތެރިއެއްގެ ފައިގައި ނުކުތް ވަގުތު މުނޯޒް ވަނީ ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ވައްދާލައިފަ އެވެ. ގްރީން ސްޓްރީޓްސްގެ ތިން ވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖެހީ އަބްދުﷲ ޔާމީން (ޔާން) އެވެ. މުނޯޒް ޖައްސާލި ބޯޅަ ހޯދުމަށް ފަހު ޔާން ގޯލުގެ މެދަށް ފޮނުވާލި ބޯޅަ ވަނީ ތިރިތިރިން ގޮހެވެ.
ދެ ވަނަ ހާފު އީގަލްސް އިން ފެށީ ވަރަށް ބޮޑަށް ކުރިއަށް ޖެހިގެންނެވެ. އެޓީމުން މި ހާފުގައި ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ދިމާވީ ނިންމާލުމުގެ މައްސަލަ އެވެ. މި ހާފުގައި އީގަލްސްގެ ހަމައެކަނި ލަނޑު ޖެހީ މުހައްމަދު ނާއިމް އެވެ. ކީޕަރު ހަނީފް ސާގިބް އަތުގައި ޖެހިފައި ވެއްޓުނު ބޯޅަ ނާއިމް ވަނީ އެއް ފަހަރުން ޖަހައި ގޯލަށް ވައްދާލައިފަ އެވެ. މި ގޯލަށް ފަހު ވެސް ނާއިމް އާއި ހަސަން ރާއިފް އަހުމަދު (ހަންނަ) އަށް ގޯލު ޖަހާނެ އިތުރު ފުރުސަތުތައް ލިބި ވަނީ ބޭކާރުވެފަ އެވެ. ގްރީން ސްޓްރީޓްސްގެ ހަތަރު ވަނަ ގޯލަކީ އީގަލްސްގެ ކެޕްޓަން ހުސައިން ޝިފާއު ޔޫސުފް (ކުރޯ) އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަންސަރު އިބްރާހީމް (އަންކޮ) ނަގައިދިން ކޯނަރު ދިފާއުކުރަން އުޅުމުގެ ތެރޭގައި ގޯލަށް ވަނީ ކުރޯގެ ފައިގައި ޖެހިފަ އެވެ. މި ގޯލަށް ފަހު މެޗުގެ އިތުރު ވަގުތުގައި އަންކޮ އަށް ހުސްކޮށް އޮތް ގޯލަށް ޖަހަން ލިބުނު ބޯޅަ ބޭނުމެއް ނުކުރެވުނެވެ. މިރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ގްރީން ސްޓްރީޓްސްގެ މިޑްފީލްޑަރު ހަލީލް ގަމާލް އެވެ.
ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ކްލަބް ވެލެންސިއާ ވާދަކުރާއިރު މާދަމާ ރޭ ކުޅޭ މެޗުގައި ޔުނައިޓެޑް ވިކްޓްރީ އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ވާދަކުރާނެ އެވެ.
Advertisement
Leave a Reply