ފެނާންޑޭޒް ފުރަތަމަ އަހަރުވެސް ޝަރަފްވެރި ރެކޯޑެއް ހަދައިފި

ފެނާންޑޭޒް ފުރަތަމަ އަހަރުވެސް ޝަރަފްވެރި ރެކޯޑެއް ހަދައިފި

ޢަބްދުﷲ އަޝްރަފް

އެއް އަހަރު ދުވަހުގެ ތެރޭ އިނގިރޭސި ޕްރިމިއަރ ލީގުގެ ޕްލޭޔަރ އޮފް ދަ މަންތު އެވޯޑް ހަތަރު ވަނަ ފަހަރަށް ހޯދައިގެން މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޯޗްގަލްގެ ތަރި ބްރޫނޯ ފެނާންޑޭޒް ރެކޯޑް ހަދައިފި އެވެ. މިއީ އިނގިރޭސި ލީގުގެ ތާރީހުގައި އެއް އަހަރު ދުވަހުގެ ތެރޭގައި އެއް ކުޅުންތެރިއަކަށް މި އެވޯޑް މިހާ ގިނައިން ލިބުނު ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޔުނައިޓެޑާ ގުޅުނު 26 އަހަރުގެ ފެނާންޑޭޒް އިނގިރޭސި ލީގުގެ ޕްލޭޔަރ އޮފް ދަ މަންތު އެވޯޑު މިހާތަނަށް ހޯދައިފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ، މެއި، ނޮވެމްބަރ އަދި އެންމެ ފަހުން މިދިޔަ މަހު އެވެ. ޕޯޗުގަލްގެ ސްޕޯޓިން ލިސްބަން އިން މެންޗެސްޓަރ ޔުނައިޓެޑަށް ފެނާންޑޭޒް ބަދަލުވިފަހުން އޭނާ އަންނަނީ ޔުނައިޓެޑްގެ މެދުތެރޭގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އަދި، މިދިޔަ ސީޒަންގެ ޕްރިމިއަރ ލީގުގެ ގަދަ ހަތަރެއްގައި ޔުނައިޓެޑް ހިމެނުމުގަ އާއި، މިވަގުތު ލީގުގައި އެއް ވަނައިގައި ޔުނައިޓެޑް އޮތުމުގައި ފެނާންޑޭޒްގެ ވަރަށް ބޮޑު ހިއްސާއެއް އެބަ އޮތެވެ.

ޑިސެމްބަރު މަހުގެ އެވޯޑާއެކު ފެނާންޑޭޒް އަށް ޔުނައިޓެޑްގައި ހޭދަކުރި ފުރަތަމަ އަހަރުވެސް ބޮޑު ޝަރަފެއް ލިބުނުއިރު މިދިޔަ މަހު ފެނާންޑޭޒްގެ ފަރާތުން ފެނުނު މޮޅު ކުޅުމަށް ބަލާއިރު ވެސްޓް ހޭމް ޔުނައިޓެޑްއާ ދެކޮޅަށް ފަހަތުން އަރައި 1-3 އިން މޮޅުވި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ ގޯލް ޖަހަން އެހީތެރިވެދީފައިވުމާއި، 2-6 އިން ލީޑްސް ޔުނައިޓެޑް ބަލިކުރި މެޗުގައި ދެ ގޯލު ކާމިޔާބުކުރުމާއި، ލެސްޓާ ސިޓީ އާއި ވުލްވްސް އާ ދެކޮޅަށް ޔުނައިޓެޑުން ކުޅުނު މެޗުގައި އެ ޓީމުން ޖެހި ގޯލްތަކުގައި ފެނާންޑޭޒްގެ ފަރާތުން ފެނުނު ބައިވެރިވުން ފާހަގަކޮށްލެވެ އެވެ.

“ތިން ގޯލާއި، ހަތަރު އެސިސްޓާއެކު މިދިޔަ މަހަކީ ވަރަށް ކާމިޔާބު މަހެއް. ގޯލު ޖެހުމާއި، އަދި ގޯލު ޖަހަން އެހީތެރިވެދިނުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އަހަރެން ބޭނުން އެހެން ތަށިތަކާއި، އެވޯޑްތައްވެސް ހޯދަން. އިނގިރޭސި ލީގުގެ ތާރީހުން ޖާގަ ލިބުނީމަ އަހަރެން މިހުރީ ވަރަށް އުފަލުން.” ޑިސެމްބަރު މަހުގެ އެވޯޑް ހާސިލްކުރުމަށްފަހު ޕްރިމިއަރ ލީގު ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.