ގޯލު ޖެހުމަށްފަހު ހަދާނެ އާ ގޮތްތަކެއް ޗެލްސީން ދަސްކުރަނީ

Advertisement

ގޯލު ޖެހުމަށްފަހު ހަދާނެ އާ ގޮތްތަކެއް ޗެލްސީން ދަސްކުރަނީ

ޢަބްދުﷲ އަޝްރަފް

އިނގިރޭސި ޕްރިމިއާ ލީގުގައި ގޯލު ޖެހުމަށް ފަހު ކުޅުންތެރިން އިޖުތިމާއީ ގައިދުރުކަން ބަހައްޓަން ޕްރިމިއާ ލީގުން އާ އުސޫލެއް އާއްމު ކުރުމުން، ޗެލްސީގެ ކުޅުންތެރިން ގޯލް ސެލެބްރޭޓްކުރަން އާގޮތްތަކެއް ދަސްކުރާނެކަމަށް އެޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފި އެވެ.

ކޮވިޑް-19 ގެ ނުރައްކާ އަނެއްކާވެސް ބޮޑުވާން ފެށުމުން އިނގިރޭސި ވިލާތުގައި ވަނީ ފިޔަވަޅުތައް ހަރުކަށިކޮށްފަ އެވެ. ލީގުގެ ކުޅުން މެދުކަނޑާނުލާ ކުރިއަށްގެންދަން ނިންމި ނަމަވެސް ކޮވިޑާ ގުޅިގެން ބައެއް މެޗުތައް ވަނީ ފަސްކުރަން ޖެހިފަ އެވެ. ޕްރިމިއާ ލީގުން މިހާރު ނިންމާފައިވަނީ ގޯލު ޖެހުމަށް ފަހު ކުޅުންތެރިން މާބޮޑަށް ކައިރިވެގެން އުފާފާޅުކުރުމާއި، ސަލާންކުރުންފަދަ ކަންކަން ނުކުރަން އެދިފަ އެވެ. މި ބަދަލުތަކާ އެކު މި ހަފްތާ ބަންދުގައި ކުޅޭ ލީގުގެ މެޗުތަކުގައި ގޯލު ޖެހުމަށް ފަހު ކުޅުންތެރިން ދައްކާ ހަރަކާތްތައް ޝައުގުވެރިވާނެކަމަށް ބެލެވެ އެވެ.

މާދަމާ ފަށާ މެޗުތަކުގެ ކުރިން ޕްރިމިއާ ލީގުން ވަނީ ކްލަބްތަކުގެ ކޯޗުންނާއި މެނޭޖަރުންގެ އިތުރުން ބައެއް ކުޅުންތެރިންނާ ބައްދަލުކޮށް އާ ޕްރޮޓޮކޯލަށް އަމަލުކުރުމުގެ މުހިއްމުކަން ކިޔައިދޭން ނިންމައިފަ އެވެ. އާ އުސޫލަށް ތާއިދުކުރަމުން ލަމްޕާޑް ބުނީ އޭނާގެ ޓީމުގެ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު ހަދާނެ އާގޮތްތަކެއް ފަރިތަކުރުންތަކުގައި ދަސްކުރާނެ ކަމަށެވެ.

“ޓްރެއިނިންގައި އަހަރެމެން މި އަންނަނީ ސޯޝަލް ޑިސްޓެންސިން ޕްރެކްޓިސް ކުރަމުން. އެކަމަކު ކުޅެންޖެހޭ ގޮތުން ދަނޑުގައި އެކަން އެގޮތަށް ކުރަން ބައެއް ފަހަރު އުނދަގޫ ވެދާނެ” ލަމްޕާޑް ބުންޏެވެ.

ލީގުގައި ފަހަކަށް އައިސް ފޯމު ދަށްވެފައިވާ ޗެލްސީ މާދަމާރޭ ރަށުން ބެރުގައި ނުކުންނާނީ ފުލަމްއާ ދެކޮޅަށެވެ.

“ޓްރެއިނިންގައި އަހަރެމެން ޕްރެކްޓިސް ކުރާނަން ގޯލު ޖެހުމަށް ފަހު ކުޅުންތެރިން ހަދާނެ އާގޮތްތަކަށް. ޕްރެކްޓިހުގައި އާގޮތްތަކެއް ހޯދަންޖެހޭކަން އެއީ އަހަރެން ގަބޫލުކުރާ ކަމެއް” ލަމްޕާޑް ބުންޏެވެ.

ކޮވިޑްގެ ސަބަބުން މި ހަފްތާ އެސްޓަން ވިލާ އިން އަމިއްލަ ދަނޑުގައި އެވަޓަންއާ ދެކޮޅަށް ކުޅެން އޮތް މެޗު ވަނީ ކެންސަލްކޮށްފަ އެވެ. މިހާރު ވެސް ލީގުގެ ގިނަ ކުޅުންތެރިންތަކެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އެންމެ ފަހުން ޕޮޒިޓިވްވި މަޝްހޫރު އެއް ކުޅުންތެރިއަކީ ސައުތެމްޓަންގެ ފޯވާޑް ޑެނީ އިންގްސް އެވެ.

ލީގުގައި ކުޅުނު 17 މެޗުން ލިބުނު 26 ޕޮއިންޓާ އެކު ޗެލްސީ މިވަގުތު އޮތީ ތާވަލުގެ ނުވަ ވަނައިގަ އެވެ. އެޓީމުން ފުލަމްއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މާދަމާ ރޭ 10:30 ގަ އެވެ.

ޕްރިމިއާ ލީގުން އަމަލުކުރަން ނިންމި އާ އުސޫލާ ގުޅިގެން މެންޗެސްޓަރ ޔުނައިޓެޑްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ބުނީ ގަވައިދުތަކަށް އިހްތިރާމް ކުރަންޖެހޭނެ ކަމަށާއި، ލަނޑު ޖެހުމަށް ފަހު ކުޅުންތެރިން އުފާފާޅުކުރަން އެހެން ގޮތްތަކެއް ހޯދާނެ ކަމަށެވެ.

“ކުޅުންތެރިން އާ ގޮތެއް ހޯދާނެ އުފާފާޅުކުރަން. އެންމެ މުހިއްމީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރާ ގޮތެއް ނޫން. މުހިއްމީ ނަތީޖާ. އާ ގަވައިދެއް އައީމާ އެންމެންގެ ރައްކަލަކަށްޓަކައި އެކަމަށް އިހުތިރާމްކުރަންޖެހޭނެ. އަހަރެން ގަބޫލުކުރާ ގޮތުގައި ޔުނައިޓެޑުން އަންނަނީ އެކަންކަން ވަރަށް ބޮޑަށް ބަލަމުން” ލީގުގައި އަންނަ އާދީއްތަ ދުވަހު ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ޕޮގްބާ ބުންޏެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *