ޗެމްޕިއަން ރެއާލް މެޑްރިޑް ކަޓުވާލުމަށް ފަހު ބިލްބާއޯ ފައިނަލަށް

ސްޕެނިޝް ސުޕަ ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ކަޓުވާލުމަށް ފަހު އެތުލެޓިކް ބިލްބާއޯ މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
ފިނި މޫސުގެ ޗުއްޓީއާ ދިމާކޮށް ސްޕެނިޝް ސުޕަ ކަޕް ހަތަރު ޓީމާ އެކު ބާއްވަން ފަށާފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ. އާ ފޯމެޓަށް ބޮޑު ސްޕޮންސާއަކާ އެކު ފުރަތަމަ މުބާރާތް ބޭއްވީ މިދިޔަ އަހަރު ސައުދީ އަރަބިއާގަ އެވެ. ތިން އަހަރުގެ ދަށުން ބާއްވަން ނިންމި މި މުބާރާތް މިއަހަރު ސްޕެއިންގައި ބާއްވަނީ ކޮވިޑް-19އާ ހެދި އެވެ.
މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ މިދިޔަ އަހަރު ސެމީ ފައިނަލުގައި ބަލިވި ބާސެލޯނާ އިންނެވެ. ބާސެލޯނާ މި ޖާގަ ހޯދީ ބުދަ ދުވަހުގެ ރޭ ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޕެނަލްޓީ ޖަހައިގެން ރެއާލް ސޮސިއެޑާޑް ބަލިކޮށްގެންނެވެ.
ރޭގެ މެޗުގައި ރެއާލް ކޮޅަށް ބިލްބާއޯގެ ދެ ލަނޑު ވެސް ޖެހީ ރައުލް ގާސިއާ އެވެ. އޭނާ ފުރަތަމަ ލަނޑު 18 ވަނަ މިނެޓުގައި ޖެހިއިރު ދެ ވަނަ ލަނޑު ޖެހީ ފުރަތަމަ ހާފު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ ރެއާލްގެ ލޫކަސް ވަޒްކޭޒް ބިލްބާއޯގެ އިނީގޯ މާޓިނޭޒަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
ފުރަތަމަ ހާފުގައި ރެއާލްގެ ފަރާތުން ދަށް ކުޅުމެއް ފެނުނުއިރު ދެ ވަނަ ހާފުގައި އެޓީމުން ވަނީ ކުރިއަށް ޖެހި އެޓޭކްތައް ވަރުގަދަކޮށްފަ އެވެ. މެޗުގައި ރެއާލަށް އުއްމީދެއް ލިބުނީ 73 ވަނަ މިނެޓުގައި ކަރިމް ބެންޒެމާ ޖެހި ލަނޑުންނެވެ. ބެންޒެމާގެ މި ގޯލު އެންމެ ފުރަތަމަ އޮފްސައިޑް ކަމަށް ނިންމި ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީ ހޯދުމަށް ފަހު ރެފްރީ ނިންމީ އެއީ ރަނގަޅު ގޯލެއް ކަމަށެވެ. އެކަމަކު އޭގެފަހުން ބެންޒެމާ ގޯލަށް ވައްދާލި އިތުރު ލަނޑެއް ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.
ބާސެލޯނާ އާއި ބިލްބާއޯ ވާދަކުރާ ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލް އޮންނާނީ އަންނަ އާދީއްތަ ދުވަހުގެރޭ ސެވިއްޔާގަ އެވެ.
Advertisement


Leave a Reply