މަޅި ފުޓްސަލް ޗެލެންޖުގެ ގުރު ނަގައި ޝެޑިއުލް އާއްމުކޮށްފި

މަޅި ފުޓްސަލް ޗެލެންޖުގެ ގުރު ނަގައި ޝެޑިއުލް އާއްމުކޮށްފި

ޢަލީ ޝަހީމް
މުބާރާތުގައި ބައިވެރިވާ ޓީމުތައް. - ފޮޓޯ: މަޅި ފުޓްސަލް ޗެލެންޖް

ކުޑަހެންވޭރު ޔުނައިޓެޑާއި މަސްއޮޑި ސްޕޯޓްސް ކްލަބްގެ އެހީތެރިކަމާ އެކު މަޅި އެމްވީ އިން މާލޭގައި މި މަހުގެ 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ “ޑުޕަރ ފިފްޓީން މަޅި ފުޓްސަލް ޗެލެންޖް 2021” ގެ ގުރު ނެގުން ކުރިއަށް ގެންގޮސް މުބާރާތުގެ ޝެޑިއުލް އާއްމުކޮށްފި އެވެ.

މަޅި ފުޓްސަލް ޗެލެންޖަކީ ކޮވިޑް-19 ފެތުރެން ފެށިފަހުން މާލޭގައި ބާއްވާ ފުޓްސަލްގެ އެންމެ ބޮޑު މުބާރާތެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމުން ފުޓްސަލް ޓީމުތަކުގެ ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ. ޖާޒީ ވިޔަފާރިކުރާ މަޅި އެމްވީގެ ފުރަތަމަ ފުޓްސަލް މުބާރާތުގައި 32 ޓީމު ވާދަކުރާއިރު ކުޑަހެންވޭރުގެ ހިތްގައިމު ފުޓްސަލް ޓާފް ދަނޑުގައި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދާނީ ޖެނުއަރީ 20 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށެވެ. އެއަށްފަހު ކުޅޭނީ ނޮކްއައުޓް ބުރުތަކުގެ މެޗުތަކެވެ.

މަޅި ފުޓްސަލް ޗެލެންޖްގައި ވާދަކުރާ 32 ޓީމު ގްރޫޕް ތަކަށް ބަހާލާފައި. މި މުބާރާތުގެ ފޯރި މިހާރު ވެސް ވަނީ ގަދަވެފައި. – ފޮޓޯ: މަޅި ފުޓްސަލް ޗެލެންޖް

ޖެނުއަރީ 20 ވަނަ ދުވަހުގެ ރޭ 21:00 ގައި ކުޅޭ މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގައި ހިމެނޭ ޕާކް ބޯއީޒް އާއި ކްލަބް 010 އެވެ. ހަވީރު އާއި ރޭގަނޑު ކުޅޭ ގްރޫޕް ސްޓޭޖުގެ މެޗުތަކުގެ ތެރެއިން ފަހު މެޗުގައި މި މަހުގެ 28 ވަނަ ދުވަހުގެ ރޭ ބައްދަލުކުރާނީ ގްރޫޕް އެޗްގައި ހިމެނޭ އޭއީވައި ޖީއީއީ އެފްސީ އާއި ބޫޗީސް އެވެ. މި މުބާރާތަށް ޓީމުތަކުން ތައްޔާރުވަމުން އަންނައިރު ރާއްޖޭގެ ފުޓްސަލްގައި މަޝްހޫރު ހުރިހާ ކުޅުންތެރިން ފެންނާނެ ކަމަށް މަޅި އެމްވީ އިން ވަނީ ބުނެފަ އެވެ. ޓީމުތަކުން އާއްމުކުރަމުން އަންނަ ކުޅުންތެރިންގެ ލިސްޓަށް ބަލާލުމުން މި މުބާރާތުގެ ފޯރި ވަރަށް ގަދަވާނެކަމަށް ބެލެވެ އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗު ޝެޑިއުލް. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހު. – ފޮޓޯ: މަޅި ފުޓްސަލް ޗެލެންޖް

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީ އިން މައުލޫމާތުދެ އެވެ. މީގެ އިތުރުން މުބާރާތުގެ ހުރިހާ މަގާމްތަކެއް ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ ބިގް މޭންގެ ޑުޕަ ފިފްޓީން އެވެ. ކޯ ސްޕޮންސަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ލަމާ ވަންކްލިކް މޯލްޑިވްސް އާއި ގެމަނަފުށީ އެސޯސިއޭޝަން ފޯ ޔޫތު އެމްޕަވަމެންޓް އެވެ. މި މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތު “ފަހުމިނެޓް” އިން ގެނެސްދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.