މޮޅު ކުޅުންތެރިޔާ ހޮވަން ސަޕޯޓަރުންނަށް ދޫކޮށްލުމުން ބޮޑު ތަރުހީބެއް

މޮޅު ކުޅުންތެރިޔާ ހޮވަން ސަޕޯޓަރުންނަށް ދޫކޮށްލުމުން ބޮޑު ތަރުހީބެއް

ޢަލީ ޝަހީމް
ހަފްތާގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ އީގަލްސްގެ ހަންނަ އަދި ޓީސީގެ އައްޒާމް. މިއީ އެފްއޭއެމުން އަލަށް ފެށި ކަމެއް. - ފޮޓޯ: ދިރާގު ދިވެހި ޕްރިމިއާ ލީގު

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ހަފްތާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޮވުމަށް ސޯޝަލް މީޑިއާ ޕްލެޓްފޯމް ފޭސްބުކްގައި ސަޕޯޓަރުންނަށް އަމާޒުކޮށްގެން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށްގެންދާ ހަރަކާތަށް ބޮޑު ތަރުހީބެއް ލިބެން ފަށައިފި އެވެ.

އާ ފުޓްބޯޅަ ސީޒަން ފަށައިގެން ކުރިއަށްދާއިރު މިފަހަރު އެފްއޭއެމުން އަންނަނީ ލީގު މާކެޓް ކުރުމުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ހުރިހާ މެޗެއް ފޭސްބުކް އަދި ޕަބްލިކް ސާވިސް މީޑިއާގެ ޔެސް ޓީވީ އިން ދެއްކުމުގެ އިތުރުން މެޗުގެ ލައިވް އަޕްޑޭޓްސް ގެނެސްދެ އެވެ. މި ބަދަލުތަކާ އެކު މިފަހަރު ލީގު މެޗުތައް ބަލާ މީހުންގެ އަދަދު އިތުރުވެ ސޯޝަލް މީޑިއާގައި ލީގުގެ ވާހަކަ ދެއްކުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

އައްޒާމް ވެލެންސިއާ މެޗުގައި ބޯޅަ ހިފައިގެން. ހަފްތާގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވަން ސަޕޯޓަރުންނަށް ދޫކޮށްލުމުން ބޮޑު ތަރުހީބެއް އަންނަނީ ލިބެމުން. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

އެފްއޭއެމުން ހަފްތާގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވަން ފަށާފައި މިވަނީ ފަސް ވަނަ ހަފްތާގެ މެޗުތަކުން ފެށިގެންނެވެ. މިގޮތުން އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ފާހަގަކުރެވުނު އެންމެ މޮޅު ހަތަރު ކުޅުންތެރިން މިހާރު ވަނީ އާއްމުކޮށްފަ އެވެ. ހަފްތާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ ކްލަބް އީގަލްސް އަށް ކުޅޭ ސ. ހިތަދޫ އަށް އުފަން ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި ޓީސީ ސްޕޯޓްސް ކްލަބްގެ ކެޕްޓަންކަން ކުރާ ނ. ކެނދިކުޅުދޫގެ މުހައްމަދު އައްޒާމް އާއި މާޒިޔާގެ ސެއިންޓް ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓްގެ އިތުރުން ކްލަބް ގްރީން ސްޓްރީޓްސް އަށް ކުޅޭ ސްޕެއިންގެ ފޯވާޑް އެންޖެލް ކަރަސްކޯ މުނޯޒް އެވެ. އެންމެ ފަހުން ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށް ކުޅުނު މެޗުގައި ހަންނަ ދެ ގޯލު ޖެހިއިރު އައްޒާމް ވަނީ ޓީސީ އިން ކްލަބް ވެލެންސިއާ އަތުން ޕޮއިންޓެއް ހޯދި މެޗުގައި ޕެނަލްޓީއަކުން ގޯލު ޖަހައިފަ އެވެ. މާޒިޔާގެ ފޯވާޑް ސްޓެވާޓް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ކޮޅަށް ދެ ގޯލު ޖެހިއިރު ގްރީން ސްޓްރީޓްސް ލީގުގައި ފުރަތަމަ މޮޅު ހޯދި މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ކޮޅަށް ގޯލު ޖެހީ މުނޯޒް އެވެ.

ފޭސްބުކްގައި މިހާރު ހުޅުވާލާފައިވާ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ މެންދުރު ދޭއް ޖެހުމާއި ހަމައަށެވެ. އިއްޔެ ހުޅުވާލި މި ފުރުސަތުގައި ފުޓްބޯޅަ ސަޕޯޓަރުންގެ ގިނަ ބަޔަކު އަންނަނީ ވޯޓުލައި ކެމްޕޭން ކުރަމުންނެވެ. އެފްއޭއެމުން އަލަށް ތައާރަފްކުރި މި ހަރަކާތުގައި ސަޕޯޓަރުން ހޮވާ ހަފްތާގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ހާއްސަ ޓްރޮފީއެއް ދޭގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.