ޕޮގްބާގެ ގޯލާއެކު މެންޗެސްޓަރ ޔުނައިޓެޑް އެއްވަނައަށް އަރައިފި

ޕޮގްބާގެ ގޯލާއެކު މެންޗެސްޓަރ ޔުނައިޓެޑް އެއްވަނައަށް އަރައިފި

ޢަބްދުﷲ އަޝްރަފް

އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ބާންލީ އާ ދެކޮޅަށް ކުޅުނު މެޗުގައި ފްރާންސްގެ ތަރި ޕައުލް ޕޮގްބާ ޖަހައިދިން ގޯލާއެކު މެޗު ކާމިޔާބުކޮށް މެންޗެސްޓަރ ޔުނައިޓެޑް ޓޭބަލްގެ އެއްވަނަ އަށް އަރައިފި އެވެ. ރަށުން ބޭރުގައި މިރޭ ޔުނައިޓެޑުން ކުޅުނު މެޗުގައި ބާންލީގެ މައްޗަށް އެ ޓީމުން ކުރި ހޯދީ 0-1 އިންނެވެ.

މިރޭގެ ނަތީޖާއާ އަކު، ކުޅުނު 17 މެޗުން 36 ޕޮއިންޓް ހޯދައިގެން މެންޗެސްޓަރ ޔުނައިޓެޑް ޓޭބަލްގެ އެއްވަނައިގައި އޮތް އިރު ދެވަނައިގައި އޮތް ލިވަޕޫލް މިހާރު އޮތީ ޔުނައިޓެޑަށްވުރެ ތިން ޕޮއިންޓް ފަހަތުގަ އެވެ. މިއީ 2013 ވަނަ އަހަރު އިނގިރޭސި ޕްރިމިއަރ ލީގު 20 ވަނަ ފަހަރަށް ޔުނައިޓެޑަށް ކާމިޔާބުކޮށްދިނުމަށްފަހު އޭރުގެ ކޯޗު ސަރ އެލެކްސް ފާގަސަން މަގާމުން ވަކިވެގެން ދިޔަ ފަހުން ޔުނައިތެޑުން ސީޒަންގެ މި ހިސާބުގައި އެއްވަނަ އަށް އެރި ފުރަތަމަ ފަހަރެވެ. ފާގަސަން ވަކިވެގެން ދިޔަ ފަހުން، ލީގުގެ ފުރަތަމަ 17 މެޗަށްފަހު ޔުނައިޓެޑަށް ޓޭބަލްގެ އެއްވަނަ އާ އެންމެ ގާތަށްވެސް އާދެވުނީ ޑޭވިޑް މޮޔެސް ގެ ކޯޗުކަމުގައެވެ. އެކަމަކު އޭރުވެސް ޔުނައިޓެޑް އޮތީ ޓޭބަލްގެ އެއްވަނައިގައި އޮތް ޓީމަށްވުރެ އަށް ޕޮއިންޓް މަދުން ލިބިގެން އަށްވަނައިގަ އެވެ.

މެންޗެސްޓަރ ޔުނައިޓެޑުން މިރޭ  ހޯދި މޮޅަކީ ލީގުގައި އެ ޓީމުން އެންމެ ފަހުން ކުޅުނު 11 މެޗުގެ ތެރެއިން ހޯދި ނުވަ ވަނަ މޮޅެވެ. ރޭގެ މެޗާއެކު މިފަހަރުގެ ލީގުގައި މިހާތަނަށް ބަލިނުވެ ޖެހިޖެހިގެން 11 މެޗު ޔުނައިޓެޑުން ހަމަކޮށްފައިވާ އިރު އެންމެ ފަހުން ލީގުގައި އެ ޓީމު ބަލިވެފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އަމިއްލަ ދަނޑުގައި އާސެނަލް އާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

ރޭގެ މެޗުގައި ޔުނައިޓެޑުން ޖެހި ހަމައެކަނި ލަނޑު މެޗުގެ 71 ވަނަ މިނެޓްގައި ޕޮގްބާ ކާމިޔާބުކޮށްދީފައިވަނީ އެ ޓީމުގެ ފޯވާޑް އެންތަނީ މާޝިއަލް ނަގައިދިން ރީތި ހުރަހެއް ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ. މުޅި މެޗު ޔުނައިޓެޑުން ޑޮމިނޭޓްކުރި އިރު ބާމްލީއަށް ރޭގެ މެޗުގައި ޔުނައިޓެޑްގެ ގޯޅާ އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފަ އެއް ނުވެ އެވެ. އެކަމަކު މެޗުގެ ފަހުކޮޅު އެ ޓީމަށް ލަނޑު ޖަހަން ރަނގަޅު ތިން ފުރުސަތެއް ތަނަވަސްވިކަން ފާހަގަކުރެވުނެވެ.

ލީގުގައި ޔުނައިޓެޑް ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި ވާދަކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާ އެވެ. މި މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހު ލިވަޕޫލްގެ ދަނޑުގަ އެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.