ހިލޭ ޓްރާންސްފާ ގައި މިއަހަރު ކްލަބް ބަދަލުކޮށްފާނެ މަޝްހޫރު ކުޅުންތެރިން

Advertisement

ހިލޭ ޓްރާންސްފާ ގައި މިއަހަރު ކްލަބް ބަދަލުކޮށްފާނެ މަޝްހޫރު ކުޅުންތެރިން

އައްބާސް

2020 ގައި ކުރިމަތިލާންޖެހުނު އަދި މިހާރުވެސް އޭގެ ނުރައްކާ އެއްވެސް ވަރަކަށް ކުޑަވެފައިނުވާ ކޮވިޑް-19އާ އެކު ދުނިޔެ ތަހައްމަލްކުރި އިގްތިސާދީ ދަތިތަކާއެކުވެސް ނިމިގެންދިޔަ ޔޫރަޕްގެ ހޫނުމޫސުމުގެ ފުޓްބޯޅަ ޓްރާންސްފާ ބާޒާރުގައި ޔޫރަޕްގެ ގަދަ ފަސް ލީގުންވަނީ 4.6 ބިލިއަން ޔޫރޯ ހަރަދުކޮށްފަ އެވެ. އެހެންނަމަވެސް މިއީ 2019އާ އަޅާ ބަލާއިރު 43 އިންސައްތައިގެ ވެއްޓުމެއްމެ އެވެ. 2020 ނިމި 2021 ފެށުމާއެކު އަނެއްކާވެސް މިއޮތީ ކުޅުންތެރިން ގަނެވިއްކުމުގެ ވަގުތު އައިސްޖެހިފަ އެވެ. ޔޫރަޕްގެ ފިނިމޫސުމުގެ ޓްރާންސްފާ ބާޒާރު މިހާރު ހުޅުވިފައިވާއިރު ޔަގީންވާ އެއް ކަމަކީ ގިނަ ކްލަބުތަކަކުން މި ބާޒާރުގައި ބައިވެރިވާނޭ ކަމެވެ. ހާއްސަކޮށް މި ސީޒަނުގައި މާ ރަނގަޅު ކާމިޔާބެއް އަދި މިހާތަނަށް ލިބިފައިނުވާ ކްލަބުތަކުން ރަނގަޅު ކުޅުންތެރިން ހޯދަން އިތުރު ސަމާލުކަމެއްދޭނެ އެވެ. އެހެންނަމަވެސް ކޮވިޑާ އެކު އައި ފައިސާގެ ތާށިކަން އަދިވެސް އޮތުމާއެކު ބޭނުންވާ ކުޅުންތެރިން ހޯދުމުގައި ކްލަބްތަކަށް އިތުރު ގޮންޖެހުންތައް ކުރިމަތިވާނެކަމީ ޔަގީންކަމެކެވެ. މިހާލަތަށް ބަލާއިރު ހިލޭ ޓްރާންސްފާއެއްގައި ކުޅުންތެރިއަކު ލިބުމަކީ ޓީމަކަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކަށް ވާނެ އެވެ. ރަނގަޅަށް ކުޅޭ އަދި ފޯމުގައި ތިބި މަޝްހޫރު ކުޅުންތެރިން ހިލޭ ޓްރާންސްފާއެއްގައި ޓީމަކަށް ލިބުމަކީ ވަރަށް ނާދިރުކަމެކެވެ. ސަބަބަކީ މޮޅެތި ކުޅުންތެރިންގެ ކޮންޓްރެކްޓް ހަމަވާން އަހަރެއް ދެއަހަރެއް އޮއްވާ އަބަދުވެސް ކްލަބުތަކުން އެކުޅުންތެރިންގެ ކޮންޓްރެކްޓް އާކޮށްހަދާތީ އެވެ. އޭގެ އެއްބޭނުމަކީ ކޮންޓްރެކްޓް މުއްދަތު ހަމަވުމުގެ ކުރިން އެހެން ކްލަބަކަށް އެކުޅުންތެރިޔާ ވިއްކާލައިގެން ފައިސާގެ ބޮޑު އަދަދެއް ހޯދުމެވެ. ކޮންޓްރެކްޓް ހަމަވުމާއެކު އެކުޅުންތެރިޔާ ވާނީ ފްރީ އެޖެންޓަކަށެވެ. އޭރުން އެކުޅުންތެރިޔާ ކްލަބް ބަދަލުކުރުމަށް ހުރަސް އަޅާނެ ބަޔަކު ނުތިބޭނެ އެވެ.

ފުޓްބޯޅައިގައި ނަން މަޝްހޫރު އަދި ފޯމުގައި ތިބި ކުޅުންތެރިން ހިލޭ ޓްރާންސްފާ ގައި ކްލަބު ބަދަލުކުރާތަން އާއްމުކޮށް ނުފެނުނު ކަމުގައިވިޔަސް 2021 ފެށިގެން ދާއިރު ފާހަގަކޮށްލަން ޖެހޭ އެއް ކަމަކީ ފުޓްބޯޅައިގެ ދުނިޔޭގައި ފާހަގަ ކުރެވޭ ބައެއް ބޮޑެތި ނަންތައް ކުރިއަށް އޮތް ދެތިން ހަތަރު މަހެއްގައި ސޮއި އާ ނުކޮށްފިނަމަ ފްރީ އެޖެންޓުންނަށް ބަދަލުވާނެކަމެވެ. އަދި ޖެނުއަރީ ފެށުމާއެކު އެހެން ކްލަބްތަކާއެކު މަޝްވަރާގެ މޭޒު ދޮށުގައި އިށީނުމުގެ ފުރުސަތުވެސް އެކުޅުންތެރިންނަށް އޮތީ ލިބިފަ އެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވޭ 9 ކުޅުންތެރިން މިތާ ލިސްޓްކޮށްލާނަމެވެ.

1- ލިއޮނަލް މެސީ (ބާސެލޯނާ)

ނިމިގެން ދިޔަ އަހަރަކީ ލިއޮނަލް މެސީ އާއި ބާސެލޯނާގެ ވެރިންނާ ދެމެދު ބޮޑެތި ދެބަސްވުންތަކެއް ފެނިގެން ދިޔަ އަހަރެކެވެ. މިދިޔަ އަހަރު ކުޅިވަރުގެ އެންމެ ހޫނު ހަބަރަކަށް ވެގެން ދިޔައީވެސް އުމުރުން 13 އަހަރުން ފެށިގެން އެކްލަބަކާ އެކު މެސީ ފެނިފައިވާ ކްލަބު ދޫކޮށްލަން މެސީ ނިންމި ވާހަކަ އެވެ. އެހެންނަމަވެސް ކޮންޓްރެކްޓްގައިވާ 700 މިލިއަން ޔޫރޯގެ ރިލީސް ކްލޯސްގެ މައްސަލާގައި ލޯބިވާ ކްލަބް ގޮވައިގެން ކޯޓަށްދާން ބޭނުން ނުވާތީ މެސީ ކްލަބުގައި މަޑުކުރީ އެވެ. އެހެންނަމަވެސް 2020/2021 ގެ ސީޒަން ނިމުމާއެކު މެސީގެ ކޮންޓްރެކްޓް މުއްދަތު ހަމަވާނެ އެވެ. އަދި އެއަށްފަހު އޭނާ ބޭނުންވާ ކްލަބަކަށް ހިލޭ ޓްރާންސްފާގައި ބަދަލުވެވޭނެ އެވެ. އަދި އެހެން ކްލަބްތަކާ އެކު މަޝްވަރާކުރުމުގެ ފުރުސަތު މިހާރު މެސީ އަށް ހުޅުވިފައި އޮތުމާއެކު ބޮޑެތި ކްލަބްތަކުން މެސީއާ ވާހަކަ ދައްކާނެ ކަމަށް ބެލެވެ އެވެ. މިއަހަރު މެސީ އަށް 34 އަހަރު ފުރުނަސް މެސީ އަކީ އަދިވެސް ފުޓްބޯޅައިގެ އެއް ވަނަ އެވެ. އެހެންކަމުން ބޫޓް ބޭލުމުގެ ކުރިން އެންމެ ކުޑައިރު ކުޅުނު ރަށު ޓީމަށް ނުވަތަ އެމެރިކާގެ ލީގުގައި ކުޅުމުގެ ހުވަފެން ފުރިހަމަކުރުމަށް އެދިމާއަށް ދިއުމުގެ ވަގުތު ޖެހެން އަދި ގާތްވެސް ނުވެ އެވެ. އެހެންކަމުން މެސީ ބާސެލޯނާ ދޫކޮށްލައިފިނަމަ ދެން އޭނާ ފެނުން އެންމެ ގާތީ އިނގިރޭސި ވިލާތުގެ މެންޗެސްޓަރ ސިޓީއިންނެވެ. ފްރާންސްގެ ޕީއެސްޖީ އާއި މެސީ ގުޅުވާ މީހުން މަދެއްނޫނެވެ. އެހެން ބައެއް މީހުން ބުނަނީ މެސީ ދެންވެސް ފެންނާނީ ބާސެލޯނާގެ ޖާޒީގައި ކަމަށެވެ. ހާއްސަކޮށް މެސީއާ މައްސަލަޖެހުނު ވެރިން މިހާރު އިސްތިއުފާ ދީފައިވުމާއެކު މެސީ އެޓީމުގެ ކޮންޓްރެކްޓް އާކުރުން ގާތް ކަމުގައި އެމީހުން ދެކެއެވެ.

2- ޑޭވިޑް އަލަބާ (ބަޔާން މިއުނިކް)

އޮސްޓްރިއާގެ ޑޭވިޑް އަލަބާ އަންނަނީ 2008 އިން ފެށިގެން ޖަރުމަނުގެ ބަޔާން މިއުނިކާ އެކު ކާމިޔާބު ސީޒަންތަކެއް ހޭދަކުރަމުންނެވެ. އޭނާއަކީ ވޭތުވެދިޔަ 12 ވަރަކަށް އަހަރުގައި ބާޔާން މިއުނިކްގެ އެންމެ މުހިއްމު ޑިފެންޑަރެވެ. އެހެންނަމަވެސް އަލަބާ އާއި ކްލަބާ ދެމެދު އޮތް ގުޅުން ވަނީ މިހާރު ހީނަރުވެފަ އެވެ. އަލަބާގެ ކޮންޓްރެކްޓް އާ ކުރުމުގެ މަޝްވަރާތައް ކުރިއަށް ދާއިރު ދެފަރާތުން އެއްބަސްވެވޭފަދަ މުސާރައެއް ކަނޑައެޅުމުގެ ފުރުސަތު މިހާރު ވަނީ ވަރަށް ހަނިވެފަ އެވެ. އެހެންކަމުން މިހާރު ބޮޑަށް ބެލެވެނީ މިސީޒަން ނިމުމާއެކު އަލަބާ ވެސް ހިލޭ ޓްރާންސްފާއެއްގައި އެހެން ޓީމަކާއި ގުޅޭނެ ކަމަށެވެ. ކްލަބް ބަދަލުކުރާއިރު 28 އަހަރުގެ މި ވޯލްޑް ކްލާސް ޑިފެންޑަރަށް އޮތް ފުރުސަތުތައް އެއްގޮތަކަށްވެސް މަދުވާނެ ކަމަކަށް ނުބެލެވެ އެވެ.

3- ޖިއާން ލުއީޖީ ޑޮންނަރުއްމާ (އޭސީ މިލާން)

އިޓަލީގެ ގައުމީ ޓީމުގެވެސް ގޯލް ބަލަހައްޓާ އުމުރުން 21 އަހަރުގެ މި ކުޅުންތެރިޔާއާ އެކު ހަދާފައިވާ އެއްބަސްވުން މިސީޒަނުގެ ނިޔަލަށް ހަމަވާން ދާއިރު އޭސީ މިލާންގެ އުއްމީދަކީ ކޮންޓްރެކްޓް އާކޮށް ގިނަދުވަސްތަކަކަށް އެޓީމުގައި ޑޮންނަރުއްމާ ބެހެއްޓުމެވެ. މިހާތަނަށް އައިއިރު މިކަން ނުވެފައިވަ އޮތް ކަމަށް ބެލެވޭ އެންމެ މައިގަނޑު ސަބަބަކީ ވޭތުވެދިޔަ އަހަރުތަކުގައި ލީގަށް ވާދަކުރެވޭފަދަ ގާބިލްކަމެއް އެ ޓީމުގައި ނެތުމެވެ. އެހެންކަމުން ތަށްޓެއް އުފުލާލެވޭނީ އެހެން ދިމާލަކަށް ގޮސްގެން ކަމަށް މިޒުވާން ކީޕަރަށް ހީވާތީ ސޮއި އާ ކުރެވިފައި ނެތީ އެވެ. އެހެންނަމަވެސް މިސީޒަން މިދަނީ މުޅިން ތަފާތުކޮށެވެ. 2020 ނިންމާލިއިރު އޭސީ މިލާން އޮތީ އިޓާލިއަން ލީގުގެ ޕޮއިންޓް ތާވަލްގެ އެންމެ ކުރީގަ އެވެ. އެހެންކަމުން ހިލޭ ޓްރާންސްފާއެއް ގައި އެހެން ދިމާލަކަށް ދިއުމުގެ ބަދަލުގައި ކޮންޓްރެކްޓްގެ މުއްދަތު ހަމަނުވަނީސް ސޮއި އާކޮށް އޭސީ މިލާނުގައި ޑޮންނަރުއްމާ މަޑުކުރުމަކީވެސް ހަމަވެދާނޭ ކަމެކެވެ.

4- ސާޖިއޯ އަގުއޭރޯ (މެންޗެސްޓަރ ސިޓީ)

ސާޖިއޯ އަގުއޭރޯ އަކީ އިނގިރޭސި ޕްރިމިއަރ ލީގުގެ ތާރީހުގައި މިހާތަނަށް އެންމެ ގިނަ ގޯލު ޖެހި ބިދޭސީ ކުޅުންތެރިޔާ އެވެ. އަގުއޭރޯ މެންޗެސްޓަރ ސިޓީއާ ގުޅުނުފަހުން މިހާރު ދިހަ އަހަރުވަނީ އެވެ. އޭނާ ވަނީ 2011 ގައި އެތުލެޓިކޯ މެޑްރިޑުން ސިޓީއަށް ބަދަލުވުމަށްފަހު 378 މެޗުގައި 256 ގޯލް ޖަހާފަ އެވެ. މިހާރު ކެރިއަރުގެ ނިމުމަކާއި ގާތަށް ގޮސްފައިވާ އަގުއޭރޯ ދެން ދާނީ ކޮން ދިމާލަކަށްކަން ސާފުކޮށް ވަނީ ބުނެފަ އެވެ. “ސިޓީގެ ކޮންޓްރެކްޓް ހަމަވުމާއެކު އަހަރެން އެނބުރިދާނީ އިންޑިޕެންޑިއެންޓޭ އަށް” 2015 ގައި އަގުއޭރޯ ބުނެފައިވެ އެވެ. އެހެންކަމުން މިހާރު އުމުރުން 32 އަހަރުގެ އަގުއޭރޯ ސިޓީގެ ކޮންޓްރެކްޓް ހަމަވުމާއެކު ދެން ފެންނާނީ އަމިއްލަ ގައުމުގައި އޭނާ ކުރިން ކުޅުނު ކްލަބުން ކަމަށް ބެލެވެ އެވެ.

5- މެސުތު އޮޒިލް (އާސެނަލް)

މެސުތު އޮޒިލް އަކީ މިހާރު އާސެނަލްގައި ހުއްޓަސް އެޓީމުން ބޭރުކުރެވިފައިވާ ކުޅުންތެރިއެކެވެ. މިކޭލް އާޓެޓާގެ ޓީމު ލިސްޓުގައި ވެސް މިހާރު އޮޒިލް ނުހިމެނެ އެވެ. ރެއާލް މެޑްރިޑަށް 44 މިލިއަން ޔޫރޯ ދިނުމަށްފަހު 2013 ގައި ގެނައި އޮޒިލް އަށް ހަފްތާއަކު 350000 ޕައުންޑްގެ މުސާރައެއް 2018 ގައި ދޭންފެށުން ވެގެންދިޔައީ އާސެނަލް އަމިއްލައަށް ޖެހި ދަންތުރަ އަކަށެވެ. އޭގެފަހުން އަނިޔާއާއި ފޯމު ގެއްލުމާއި އަދިވެސް އެހެން ސަބަބުތަކާހުރެ ޓީމުން ޖާގަ ގެއްލި އެންމެ ފަހުން ބެންޗުން ޖާގަ ގެއްލުނުއިރުވެސް އާސެނަލް ބޭނުންވާ ގޮތަށް އެހެން ދިމާލަކަށް ދިއުމުގެ ވިސްނުމެއް އޮޒިލް ނުގެންގުޅުނެވެ. އޮޒިލް ބުނަނީ ކުޅެން ފުރުސަތު ނުލިބުނަސް ކޮންޓްރެކްޓް މުއްދަތު ހަމަނުވަނީސް ނުދާނެކަމަށެވެ. އެހެންކަމުން އޮޒިލް އާސެނަލް ދޫކޮށްލާއިރު ހުންނާނީ ފްރީ އެޖެންޓެއްގެ ގޮތުގަ އެވެ.

6- ސާޖިއޯ ރާމޯސް (ރެއަލް މެޑްރިޑް)

ނިމިގެން ދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި މެޑްރިޑުން އެއްވެސް ކުޅުންތެރިއަކު ގެނެސްފައެއް ނުވެ އެވެ. ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ހޫނު މޫސުމުގެ ބާޒާރުގައި މެޑްރިޑުން ކުޅުންތެރިއަކު ނުހޯދާ ތިބިއިރު އެޓީމުގެ ދިފާއުގެ މައި ތަނބު ކަމުގައިވާ 34 އަހަރުގެ ސާޖިއޯ ރާމޯސް ފަދަ ކުޅުންތެރިންގެ ކުޅުމަށް ބަލާލުމުން އެހެންވީ ސަބަބު ވިސްނެ އެވެ. ރާމޯސް އަކީ މިހާރު މުޅިދުނިޔޭން ވެސް ފާހަގަކުރެވޭ އެންމެ މޮޅު އެއް ޑިފެންޑަރެވެ. 2005 ގައި ރެއާލް މެޑްރިޑާ ގުޅުނު ފަހުން ރާމޯސް އަންނަނީ އެޓީމުގެ ދިފާއުގައި އިސްދައުރެއް އަދާކޮށް ކާމިޔާބުތައް ހޯދަމުންނެވެ. އެހެންކަމުން މިއަހަރު ރާމޯސް ގެ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާއިރު އޭނާ އެދޭފަދައިން އިތުރު ދެއަހަރު ރެއާލް މެޑްރިޑް ގައި މަޑުކުރުމުގެ ފުރުސަތު ދިނުމަކީ ވަރަށް އެކަށީގެންވާ ކަމެއްކަމަށް ބެލެވެ އެވެ.

7- މެމްފިސް ޑިޕާއީ (ލިޔޯން)

މެންޗެސްޓަ ޔުނައިޓެޑްގައި ފްލޮޕް ވިޔަސް ނެދަލެންޑްސްގެ ފޯވާޑް މެމްފިސް ޑިޕާއީ އަންނަނީ ފްރާންސްގެ ލިޔޯންގައި މޮޅުކުޅުމެއް ދައްކަމުންނެވެ. އަދި އޭނާ ހޯދުމުގެ ޝައުގުވެރިކަން ބާސެލޯނާއާއި ޕީއެސްޖީފަދަ ބޮޑެތި ކްލަބުތަކުން ވަނީ ފާޅުކޮށްފަ އެވެ. އެހެންކަމުން ކޮންޓްރެކްޓް މުއްދަތު ހަމަވުމުގެ ކުރިން މި ފަހަރުގެ ބާޒާރުގައި ލިޔޯން އިން ޑިޕާއީ ވިއްކާލުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.

8- ޖޫލިއަން ޑްރެކްސްލާ (ޕީއެސްޖީ)

2017 ގައި 42 މިލިއަން ޔޫރޯއަށް ޖަރުމަނުގެ ވުލްފްސްބާގުން ޕީއެސްޖީ އަށް ބަދަލުވިއިރު ޑްރެކްސްލާ އަކީ އެންމެ އުއްމީދީ އެއް ކުޅުންތެރިޔާ އެވެ. އެހެންނަމަވެސް އޭގެ ފަހުން ޑްރެކްސްލާގެ ވިދުން ފަނޑުވެ މިހާރު ގިނައިން ފެންނަނީ ބެންޗުންނެވެ. ނިމިގެން ދިޔާ ޓްރާންސްފާ ބާޒާރުގައިވެސް އެހެން ދިމާލަކަށް ދިއުމަށް ޑްރެކްސްލާ މަސައްކަތްކުރި އެވެ. އެކަން ކާމިޔާބު ނުވުމާއެކު މިއަހަރު ކޮންޓްރެކްޓް މުއްދަތު ހަމަވުމުގެ ކުރިން ކުޑައަގަކަށް ނަމަވެސް މި ކުޅުންތެރިޔާ ވިއްކާލަން ޕީއެސްޖީއިން މަސައްކަތް ކުރާނެކަމަށް ބެލެވެ އެވެ.

9- އަކާޑިއަޒް މިލިޗް (ނަޕޯލީ)

މިލިޗް ވަނީ މި ހިނގާ ސީޒަން ފެށުމުގެ ކުރިންވެސް އޭނާގެ ޓްރާންސްފާ އިޓަލީގެ ޔުވެންޓަސް، ރޯމާ، ފިއޮރެންޓީނާ، އިނގިރޭސި ވިލާތުގެ ޓޮޓްންހަމް ހޮޓްސްޕާސް އަދި ސްޕެއިންގެ ވެލެންސިއާ އާއި ގުޅުވައިގެން ވާހަކަ ފެތުރިފަ އެވެ. އެހެންނަމަވެސް މިލިޗް ވަނީ އެހެން ކްލަބަކަށް ބަދަލުވުމަށް ލިބުނު ފުރުސަތު ދޫކޮށްލާފައެވެ. އަދި ހަމަ އެއާއެކު ނަޕޯލީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާކުރަންވެސް އެއްބަސްނުވެފަ އެވެ. އެހެންކަމުން ޓީމާއި މޫނު ކެނޑި މިލިޗް މިހާރު ތަމްރީނުތައް ހަދަނީވެސް އެކަންޏެވެ. އެއާއެކު މިއަހަރު ނަޕޯލީގެ ކޮންޓްރެކްޓް މުއްދަތު ހަމަވުމާއެކު ހިލޭ ޓްރާންސްފާ އެއްގައި އެހެން ދިމާލަކަށް މިލިޗް ދާނެކަމަށް ބެލެވެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *