ޖެހިޖެހިގެން ތިން މެޗުން މޮޅުވެ ޔުވެންޓަސް އިތުބާރު ހޯދައިފި

ޖެހިޖެހިގެން ތިން މެޗުން މޮޅުވެ ޔުވެންޓަސް އިތުބާރު ހޯދައިފި

ޢަބްދުﷲ އަޝްރަފް

އިޓާލިއަން ލީގުގައި ރޭ ސަސޯލޯ އާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އިން ލީގު ހޯދުމުގެ އުއްމީދު އަލުން އާކޮށްފި އެވެ. ޓޭބަލްގެ ހަތްވަނައިގައި އޮތް ސަސޯލޯ އާ ދެކޮޅަށް އަމިއްލަ ދަނޑުގައި ރޭ ޔުވެންޓަސް އިން ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 1-3 އިންނެވެ.

ސަސޯލޯގެ މައްޗަށް ރޭ ޔުވެންޓަސް އިން ހޯދި މޮޅަކީ މިފަހަރުގެ ލީގުގައި އެ ޓީމުން ޖެހިޖެހިގެން ހޯދި ތިންވަނަ މޮޅެވެ. މި ނަތީޖާ އާއެކު އެ ޓީމު މިހާރު ވަނީ ޓޭބަލްގެ ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ. ދާދި ފަހަކާ ޖެހެންދެން ލީގުގައި ދަށް ނަތީޖާތަކެއް ނެރެމުން އައި ޔުވެންޓަސް މިފަހުން ހޯދި ތިން މޮޅާއެކު އެ ޓީމުން މިހާރު ވަނީ ޓޭބަލްގެ އެއްވަނައިގައި އޮތް އޭސީ މިލާނާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފަ އެވެ. އެއީ އަދި އޭސީ މިލާނަށްވުރެ އެއް މެޗު މަދުން ކުޅެގެންނެވެ. މީގެ އިތުރުން މިދިޔަ ހަފްތާގައި ޔުވެންޓަސް އިން ވަނީ ލީގުގައި އޭސީ މިލާނާ ދެކޮޅަށް ކުޅުނު މެޗުން 1-3 އިން ކުރިވެސް ހޯދައިފަ އެވެ.

ރޭގެ މެޗުގައި ފެނުނު ހަތަރު ލަނޑުވެސް ޖަހައިފައިވަނީ ފަހު ހާފުގަ އެވެ. ފުރަތަމަ ލަނޑު މެޗުގެ 50 ވަނަ މިނެޓްގައި ޔުވެންޓަސް އިން ކާމިޔާބުކުރި އިރު އޭގެ އަށް މިނެޓް ފަހުން ސަސޯލޯ އިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ޔުވެންޓަސްގެ ފުރަތަމަ ގޯލު މެންޗެސްޓަރ ސިޓީގެ ކުރީގެ ޑިފެންޑަރު ޑެނީލޯ ކާމިޔާބުކުރި އިރު ސަސޯލޭ އަށް އެއްވަރުކޮށްދިން ލަނޑު ޖަހައިދީފައިވަނީ ގްރެގޯރޭ ޑެފެލް އެވެ. ރޭގެ މެޗުން ޔުވެންޓަސް މޮޅުވީ މެޗުގެ ފަހުކޮޅު ޔުވެންޓަސް އިން ޖެހި ގޯލުތަކުގެ ސަބަބުންނެވެ. ޔުވެންޓަސް އަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިން ލަނޑު މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް އާސެނަލްގެ ކުރީގެ ތަރި އާރޮން ރަމްސޭ ކާމިޔާބުކުރި އިރު ޔުވެންޓަސް ގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ސަސޯލޯގެ ކުޅުންތެރިއަކަށް ދެއްކި ރަތް ކާޑަކާ އެކު ފަހު ހާފުގައި އެ ޓީމަށް އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނު އިރު މެޗުގައި ޔުވެންޓަސް އަށް ވަނީ ލަނޑު ޖަހާނެ އިތުރު ފުރުސަތު ތައް ލިބި ބޭކާރު ވެފަ އެވެ. މިގޮތުން މެޗުގެ ނަތީޖާ ހަމަހަމަވެފައި ވަނިކޮށް ރޮނާލޮޑޯ ފޮނުވާލި ބޯޅައެއް ސަސޯލޯގެ ގޯލްކީޕަރު ދިފާއުކޮށްފައިވާއިރު އެ ޓީމުގެ ފެޑެރީކޯ ކީއެސާ ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހި ނާކާމިޔާބުވެފަ އެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.