ގްރީން ސްޓްރީޓްސްގެ ފުރަތަމަ މޮޅާ އެކު ދަ ގްރާންޑޭގެ ރެކޯޑް ނިމިއްޖެ

ގްރީން ސްޓްރީޓްސްގެ ފުރަތަމަ މޮޅާ އެކު ދަ ގްރާންޑޭގެ ރެކޯޑް ނިމިއްޖެ

ޢަލީ ޝަހީމް
ގްރީން ސްޓްރީޓްސް މޮޅުކޮށްދިން ލަނޑު ޖެހި މުނޯޒް އަތުން ބޯޅަ ހޯދަން ދަ ގްރާންޑޭގެ ކުޅުންތެރިއަކު މަސައްކަތްކުރަނީ. - ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް ގްރީން ސްޓްރީޓްސް އިން 1-0 އިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބަލިކޮށްފި އެވެ.

މިއީ ސީޒަނުގައި ގްރީން ސްޓްރީޓްސް އަށް ލިބުނު ފުރަތަމަ މޮޅެވެ. ލީގުގައި އެޓީމު ކުޅުނު ފުރަތަމަ ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ ފަހު ދެމެޗުން ވީ އެއްވަރެވެ. އަނެއްކޮޅުން މިރޭގެ މެޗަކީ ސީޒަނުގައި ދަ ގްރާންޑޭ ބަލިވި ފުރަތަމަ ފަހަރެވެ. މިދިޔަ ސީޒަނުގައި ވެސް ދަ ގްރާންޑޭގެ ބަލިނުވުމުގެ ރެކޯޑް ނިމުމަކަށް ގެނައީ ފަސް ވަނަ މެޗުގައި ގްރީން ސްޓްރީޓްސް އިންނެވެ.

މުހިއްމު މޮޅާ އެކު ގްރީން ސްޓްރީޓްސް ވަނީ ފަސް ޕޮއިންޓާ އެކު ތާވަލުގެ ކުރީގައި އުޅޭ ޓީމުތަކާ ގާތަށް ޖެހިލާފަ އެވެ. އެޓީމު ހަ ވަނައިގައި އޮތްއިރު ދަ ގްރާންޑޭ އޮތީ ހަ ޕޮއިންޓާ އެކު ތާވަލުގެ ތިން ވަނައިގަ އެވެ. ދަ ގްރާންޑޭގެ ފަހަތުން ހަތަރު ވަނަ އާއި ފަސް ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ވެސް ވަނީ ހަ ޕޮއިންޓް ހޯދައިފަ އެވެ. ތާވަލުގެ ހަތް ވަނައިގައި ހަތަރު ޕޮއިންޓާ އެކު ކްލަބް އީގަލްސް އޮތްއިރު ފުލުގައި އޮތީ ދެ ޕޮއިންޓް ލިބިފައިވާ ޔުނައިޓެޑް ވިކްޓްރީ އެވެ. ތާވަލުގެ އެއް ވަނައިގައި އޮތް މާޒިޔާ އާއި ދެ ވަނައިގައި އޮތް ކްލަބް ވެލެންސިއާ އިން ވަނީ 11 ޕޮއިންޓް ހޯދައިފަ އެވެ.

މިރޭގެ މެޗުގައި ދެޓީމުގެ ފުރަތަމަ އެގާރައިން އެންމެ ފާހަގަކޮށްލެވުނު ބަދަލަކީ ދަ ގްރާންޑޭގެ ޓީމުގައި އަޔާޒް އަހުމަދު (އަޔާ) ހިމަނާފައިވުމެވެ. ލީގުގައި ދަ ގްރާންޑޭ އެންމެ ފަހުން މާޒިޔާއާ ވާދަކޮށް 2-2 އިން އެއްވަރުކުރި މެޗުގައި ބެންޗުން ކުޅެން އަރައި އަޔާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

މޮޅެއް ހޯދައިގެން ތާވަލުގެ ކުރިއަށް ޖެހިލުމުގެ އަޒުމުގައި ކުޅުނު މެޗުގެ ފުރަތަމަ ގޯލު 13 ވަނަ މިނެޓުގައި ޖެހީ ގްރީން ސްޓްރީޓްސް އިންނެވެ. ހަލީލް ގަމާލް ދިން ބޯޅަ ހޯދުމަށް ފަހު ކީޕަރު އިޔާން އަބްދުލް އަލީމް ކައިރިން ކަޓުވާލުމަށް ފަހު މި ގޯލު ކާމިޔާބުކޮށްދިނީ އެންޖަލް ކަރަސްކޯ މުނޯޒް އެވެ. ގްރީން ސްޓްރީޓްސް އިން ލީޑު ނެގުމުން ދަ ގްރާންޑޭ އިން ފުރަތަމަ ހާފު އެއްކޮށްހެން ކުޅުނީ ކުރިއަށް ޖެހިގެންނެވެ. އެކަމަކު ގޯލު ޖަހާނެ މާ ހުސް ފުރުސަތެއް އެޓީމަށް މި ހާފުގައި ތަނަވަހެއް ނުކުރެވުނެވެ. ކައުންޓަ އެޓޭކަށް ވިސްނައިގެން ކުޅެމުން ދިޔަ ގްރީން ސްޓްރީޓްސް ޓީމުގެ އަބްދުﷲ ޔާމީން (ޔާން) އަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ލިބުނުއިރު، އޭނާ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލި ބޯޅަ ކީޕަރު އިޔާން ވަނީ ހުށިޔާރުކަމާ އެކު ހިފައިފަ އެވެ. އޭގެފަހުން ފުރަތަމަ ފާހުގެ އިތުރު ވަގުތުގައި ދަ ގްރާންޑޭގެ އަޔާ އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ ގޯލުގެ މަތިން ދިޔައިރު ގާސިމް ސައްމާމް (ސައްމެ) ފޮނުވާލި ބޯޅަ ބާރެއް ނެތި ގޮސް ލިބުނީ ކީޕަރު ހަނީފް ސާގިބް އަށެވެ.

ދެ ވަނަ ހާފު ފެށިގެން ތިން ވަނަ މިނެޓުގައި ދަ ގްރާންޑޭގެ ކުޅުންތެރިއަކު ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. ދަނޑީގައި ޖެހިފައި ނުކުތް ބޯޅަ ދަ ގްރާންޑޭގެ ކުޅުންތެރިއަކު ދެ ވަނަ ފަހަރަށް ޖެހުމުގެ ކުރިން ގްރީން ސްޓްރީޓްސްގެ ކުޅުންތެރިއަކު ވަނީ އެ ބޯޅަ ސާފުކޮށްލައިފަ އެވެ. 52 ވަނަ މިނެޓުގައި ހަލީލް ހާފް މެދުން ކީޕަރު އިޔާންގެ ބޯމަތިން އޮއްސާލަން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ މަތިންނެވެ. އޭގެ ހަ މިނެޓު ފަހުން އުމަރުޖަނޯވް އަކްރޯރް ފޮނުވާލި ހިލޭޖެހުން ގޯލުގެ މަތިން ދިޔައިރު އޭގެ މިނެޓެއް ފަހުން ޔަސްފާދު ހަބީބު (މުލަކޭ) ފޮނުވާލި ބޯޅައެއް ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ވަނީ ނުކުމެފަ އެވެ. މުލަކޭގެ ހަމަލާއަށް ފަހު ލިބުނު ބޯޅައިގައި ގްރީން ސްޓްރީޓްސްގެ ހަސަން ނަޒީމް (ޗޯޓު) ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލި ބޯޅަ ކީޕަރު އިޔާން ވަނީ ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ. ގޯލެއް ޖަހަން މަސައްކަތް ކުރަމުންދިޔަ ދަ ގްރާންޑޭ އިން ވަނީ ދެ ވަނަ ހާފުގައި ފޯވާޑް ތޮލާލް ނަސީރު އާއި އިބްރާހީމް ޝަފްރާޒް (ޝަފްލޭ) ކުޅެން އަރުވައިފަ އެވެ. އެކަމަކު އެޓީމުން އުފެއްދި ހަމަލާތަކުގައި ގްރީން ސްޓްރީޓްސްގެ ގޯލަށް ނުރައްކަލެއް ނުކުރެވުނެވެ. ކައުންޓަ އެޓޭކުގައި ކުޅެމުން ދިޔަ ގްރީން ސްޓްރީޓްސްގެ މުނޯޒް 87 ވަނަ މިނެޓުގައި ގޯލާ އަމާޒުކޮށްލި ބޯޅަ ދިޔައީ މާ މަތިންނެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ޝަފްލޭ ބޮލުން ޖެހި ބޯޅަ ދިޔައީ ދަނޑިމަތިން ބޭރަށެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ގްރީން ސްޓްރީޓްސް މޮޅުކޮށްދިން ލަނޑު ޖަހައިދިން ސްޕެއިންގެ ފޯވާޑް މުނޯޒް އެވެ.

ލީގުގެ މެޗުތައް ދެން އޮންނާނީ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު އެވެ. އެދުވަހު ހަވީރު ކުޅޭ މެޗުގައި މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބް ވާދަކުރާއިރު އެރޭ ކުޅޭ މެޗުގައި ކްލަބް އީގަލްސް ނުކުންނާނީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ. ހޮނިހިރު ދުވަހުގެ ހަވީރު ދަ ގްރާންޑޭ އާއި ވެލެންސިއާ ވާދަކުރާއިރު އެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓްރީ އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.