އާ ކޯޗުގެ ފުރަތަމަ މެޗުން މޮޅުވެ މާޒިޔާ އެއް ވަނަ އަށް

އާ ކޯޗުގެ ފުރަތަމަ މެޗުން މޮޅުވެ މާޒިޔާ އެއް ވަނަ އަށް

ޢަލީ ޝަހީމް
ގޯލު ޖެހުމަށް ފަހު މާޒިޔާގެ ކުޅުންތެރިން އުފާފާޅުކުރަނީ. - ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

މި މަހު މާޒިޔާގެ ކޯޗުކަމާ ހަވާލުވި ރިސްޓޯ ވިޑަކޮވިޗްގެ އިރުޝާދުގެ ދަށުން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވެ މާޒިޔާ ލީގު ތާވަލުގެ އެއް ވަނަ އަށް އަލުން އަރައިފި އެވެ. ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ވާދަކޮށް މިއަދު ހަވީރު މާޒިޔާ މޮޅުވީ 3-0 އިންނެވެ.

ފަސް މެޗުން ހޯދި 11 ޕޮއިންޓާ އެކު މާޒިޔާ އެއް ވަނައިގައި އޮތްއިރު ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ދެ ވަނައިގައި އޮތީ ކްލަބް ވެލެންސިއާ އެވެ. މާޒިޔާ އަށް ފައިދާ 13 ގޯލު އޮތްއިރު ވެލެންސިއާ އަށް ފައިދާ އޮތީ ހަތް ގޯލެވެ.

މިއަދުގެ މެޗަށް ސަސް ނުކުތީ ސަސްޕެންޝަނުގައި ހުރި ޖަޕާންގެ މިޑްފީލްޑަރު އަޓްސޫޝީ ޔުނެޒާވާގެ ބަދަލުގައި އަހުމަދު ފަރުހާން (ގައްބެ) ކުޅެން އަރުވައިގެންނެވެ. މިއީ ސަސްގެ ކެޕްޓަން ގައްބެ ފުރަތަމަ އެގާރައިގައި ހިމެނިގެން މި ސީޒަނުގައި ކުޅުނު ފުރަތަމަ މެޗެވެ.

ސަސް ކޮޅަށް މާޒިޔާގެ ތިން ގޯލު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. މެޗުގެ ފުރަތަމަ ހަމަލާ އަށް ވަނަ މިނެޓުގައި ފޮނުވާލީ ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް އެވެ. އޭރިޔާ ތެރެއިން ކޮނޭލިއަސް ޖެހި މި ބޯޅަ ސަސްގެ ގޯލްކީޕަރު މިރްޒޯހިދް މަމަކްހޮނޯވް ވަނީ މަތަކޮށްފަ އެވެ. މާޒިޔާ އިން މެޗުގައި ލީޑު ނެގީ 17 ވަނަ މިނެޓުގައި މުހައްމަދު އުމެއިރު އޭރިޔާ ބޭރުން ވައްދާލީ ހިލޭ ޖެހުމަކުންނެވެ. ހަމްޒާ މުހައްމަދު (ހަމްޕު) އަށް ކުރި ފައުލަކަށް ލިބުނު މި ހިލޭޖެހުން އުމެއިރު ވައްދާލީ ދިފާއީ ފާރުގެ މަތިން އަރިމަތީ ކަނަށެވެ. އޭގެ މިނެޓެއް ފަހުން ހަމްޕު ފޮނުވާލި ބޯޅައެއް ކީޕަރު ވަނީ މަތަކޮށްފަ އެވެ. ގޯލަށް ފަހު މާޒިޔާ އިން ވަނީ އިތުބާރާ އެކު ކުޅެ މިހާފުގައި އިތުރު ދެ ގޯލު ޖަހައިފަ އެވެ. 31 ވަނަ މިނެޓާއި 41 ވަނަ މިނެޓުގައި މި ދެ ގޯލު ވެސް ކާމިޔާބުކޮށްދިނީ ކޮނޭލިއަސް އެވެ. މާޒިޔާގެ ދެ ވަނަ ލަނޑު ކޮނޭލިއަސް ޖެހީ އުމެއިރު ދިން ބޯޅަ ހޯދުމަށް ފަހު އޭރިޔާ ބޭރުން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. އޭގެފަހުން މެޗުގެ ތިން ވަނަ ލަނޑު އޭނާ ޖެހީ އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެހީތެރިކަމާ އެކު ކީޕަރު ކައިރިން ކަޓުވާލުމަށް ފަހު އެވެ. ފުރަތަމަ ހާފުގައި ސަސް އިން އެއްކޮށް ޑިފެންސްކޮށްގެން ކުޅުނުއިރު ގޯލު މާޒިޔާގެ ގޯލާ އަމާޒުކޮށް އެޓީމަށް އެއްވެސް ބޯޅައެއް ފޮނުވައެއްނުލެވުނެވެ.

މިއަދުގެ މެޗުގައި މާޒިޔާގެ އުމެއިރު ބޯޅަ ހިފައިގެން. މޮޅު ކުޅުމެއް ދެއްކި. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ދެ ވަނަ ހާފު ސަސް އިން ވަނީ ކުރިއަށް ޖެހި މާޒިޔާ އަށް ޕްރެޝަރުކޮށްފަ އެވެ. އެޓީމަށް ގޯލު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ 52 ވަނަ މިނެޓުގައި ޑިފެންޑަރު އަހުމަދު އައިހަމް އަށެވެ. އޭރިޔާގެ އަރިމަތިން ކީޕަރު ކައިރިން ނައްޓާލާފައި އައިހަމް ގޯލަށް ފޮނުވާލި ބޯޅަ މާޒިޔާގެ ބިދޭސީ ޑިފެންޑަރު ޕީޓަ ޕްލަނިޗް ވަނީ ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ. 75 ވަނަ މިނެޓުގައި ސަސްގެ ބިދޭސީ ފޯވާޑް ރޮޑްރިގޭޒް މުނޯޒް ވިކްޓާ ބޮލުން ޖެހި ބޯޅަ ގޯލުގެ މަތިން ދިޔައިރު އޭގެ މިނެޓެއް ފަހުން އޭނާ ފޮނުވާލި ހަމަލާ ދިޔައީ މާޒިޔާގެ ކީޕަރު ވުޔަނަކް ނިކޮލާ އަތަށެވެ. މެޗުގެ 82 ވަނަ މިނެޓުގައި ފޭދޫ އިއްބެ އަށް ވަނީ ގޯލު ޖަހާނެ ހުސް ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. ހަމްޕު ފޮނުވާލި ބޯޅަ ކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތު ހުސްކޮށް އޮވެ ފޭދޫ އިއްބެ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މާޒިޔާ އަށް ދެ ގޯލު ޖަހައިދިން ކޮނޭލިއަސް އެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް އެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.